އެމްޕީއެލްގެ އިންޓާންޝިޕް ފުރުސަތު ހުޅުވައިލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އެ ކުންފުނިން ބުނީ ސާނަވީ އަދި މަތީސާނަވީ ހާސިލުކުރާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގައި އަމަލީ ހުނަރުތައް ދަސްކޮށްދީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ މި ޕްރޮގްރާމުގައި މި ހިނގާ މެއި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ބައިވެރިވެވޭނެ ކަމަށެވެ.

އިތުރަށް އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ ލާނިން އެންޑް ޑިވަލޮޕްމަންޓް (އެލްޑީޑީ) ޑިޕާޓްމަންޓުން ހިންގާ މި ޕްރޮގްރާމް ކުރިއަށްދާނީ 25 ޖޫން - 03 އޯގަސްޓާ ހަމައަށް ކަމަށެވެ.

މި ޕްރޮގްރާމުގެ އެއް ބޭނުމަކީ އެ ކުންފުނީގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ތަމްރީނުކުރުވުންކަމަށް އެމްޕީއެލްއިން ބުނެއެވެ.

މީގެ އިތުރުން، އެ ޕޯޓުގައި ކުރާ މަސައްކަތްތަކަަށް ދަރިވަރުން އަހުލުވެރިކުރުވުމަކީ ވެސް އެ ޕްރޮގްރާމުގެ އެއް ބޭނުންކަމުގައި އެ ކުންފުނިން ބުނެއެެވެ.

އިންޓާންޝިޕްގައި ހިމެނޭ ދާއިރާތައް:

  1. މެކޭނިކަލް އިންޖިނިއަރިން
  2. ސިވިލް އިންޖިނިއަރިން
  3. މެރިން އިންޖިނިއަރިން
  4. އިލެކްޓްރިކް އިންޖިނިއަރިން
  5. އިންފޮމޭޝަން ޓެކްނޮލޮޖީ
  6. ބިޒްނަސް ޑިވަލޮޕްމަންޓް
  7. މާކޭޓިން

އެ ކުންފުނިން ބުނީ ޕްރޮގްރާމަށް ހޮވޭ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު ކޮންމެ ކުއްޖަކަށް ވެސް މެންޓާއެއް ހަމަޖައްސާނެ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ މައުލޫމާތު ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިވާ ދަރިވަރުން 31 މެއިގެ ނިޔަލަށް ފޯމް ހުށަހަޅަން އެ ކުންފުނިން އެދެއެވެ.

comment ކޮމެންޓް