ވަރިވާން ދިޔަ އަންހެނަކަށް ގާޒީއަކު ގުޅި މައްސަލަ ޖޭއެސްސީއަށް

ޖޭއެސްސީ -- ފޮޓޯ: ޖަޒީރާ

ވަރިވާން ދިޔަ އަންހެނަކަށް ކޯޓެއްގެ ގާޒީއަކު ގުޅި މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

ޖޭއެސްސީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ހދ. އަތޮޅުގެ ރަށެއްގެ ކޯޓަކަށް ވަރިވާން އެދި ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެން މީހާއަށް އެ ކޯޓުގެ މެޖިސްޓްރޭޓް ފޯނުން ގުޅި ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ އެ އިދާރާއިން ބަލަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ނޫނަސް އިތުރު މި ގާޒީގެ އެހެން ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން ބަލައިފައިވެއެވެ.

އެގޮތުން ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވާކަމަށް ބުނާ މައްސަލައެއް ވެސް މި ގާޒީގެ ވަނީ ބަލައިފައެވެ. އަދި ތަފްރީގުކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި، މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެފަދަ ހިޔާލުތައް ފާޅުކުރާ މައްސަލައެއް ވެސް ބަލައިފައިވެއެވެ.

ސުލޫކީ މައްސަލަތައް ބެލުމަށްފަހު ޖޭއެސްސީން ފަނޑިޔާރުންނަށް އެކި ފިޔަވަޅުތައް އަޅައި، މަގާމުން ވަކިކޮށްފައި އެބަހުއްޓެވެ.

comment ކޮމެންޓް