މިނިސްޓަރުންނާއި މަޖިލީޙުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތައް އެޖެންޑާކޮށްފި

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު (ވ) އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ---

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ މަޖިލީހުން މިއަދު އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ރިއްފަތުގެ މައްސަލަ އެޖެންޑާކުރީ އަންނަ ހަފުތާގެ ބުދަ ދުވަހަށެވެ. ޝާހިދުގެ މައްސަލަ އެޖެންޑާކުރީ ޖޫން 6 ވަނަ ދުވަހަށެވެ. އަދި އީވާ ވަކިކުރަން ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ އެޖެންޑާކުރީ ޖޫން 11 ވަނަ ދުވަހަށެވެ.

މީގެ ތެރެއިން ދެ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ، ރާއްޖެ-މޮރިޝަސް ފުށުއަރާ ކަނޑުގެ ސަަރަހައްދު ބައިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިޔަށްދިޔަ މައްސަލައިގައި ދިވެހީންގެ މަސްލަހަތާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުން ގުޅިގެން އުފައްދާފައިވާ ކޯލިޝަނަކުންނެވެ.

https://sun.mv/177738

"ކަނޑު ވިއްކާލުމާ ދެކޮޅު"ގެ ނަމުގައި ގުޅިފައިވާ ސިޔާސީ ހަރަކާތެއް ހިންގަމުން އަންނަ މި ކޯލިޝަނުގައި ހިމެނެނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމް އާއީ ޕީއެންސީގެ އިތުރުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިތުރުން އޭރު "ފިކުރެއްގެ ދިރުން" ހަރަކާތް އަދި މިހާރު "ދަ ޑިމޮކްރެޓްސް" ޕާޓީ އުފައްދަވަން މަސައްކަތް ކުރަމުން އަންނަ ކުރީގެ އެމްޑީޕީ މެމްބަރުންނެވެ.

https://sun.mv/177630

އެގޮތުން ރިއްފަތާއި ޝާހިދުގެ މައްސަލަ ވެސް މަޖިލީހަށް ހުށަހެޅީ މި ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވާ 13 މެމްބަރުންގެ ސޮޔާއެކީގައެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ ވަކިކުރަން ގަރާރު ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގައި ތިބި ސަރުކާރަށް ތާއީދުކުރާ އެމްޑީޕީ މެމްބަރުންނެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އީވާ ވަކިކުރަން ހުށަހަޅަން ނިންމީ އޭނާ އެ ޕާޓީން ވަކިވުމާ ގުޅިގެންނެވެ. އީވާއަކީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކުރުމާ ގުޅިގެން އެ ޕާޓީން އިސްތިއުފާދެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ.

https://sun.mv/177802

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ އިތުރުން މިނިވަން މެމްބަރު ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު (ޖޭފޯ)ގެ ސޮއި ހިމެނޭހެން، 50 މެމްބަރުންގެ ސޮޔާއެކީގައެވެ. މިއީ މަޖިލީހުގެ ނައިބު ރައީސަކު ވަކިކުރަން ބޭނުންވާ 43 ވޯޓަށް ވުރެ ގިނަ އަދަދެކެވެ.

comment ކޮމެންޓް