ނޭމާއަކީ އާސެނަލާ ވަރަށް ގުޅޭނެ ކުޅުންތެރިއެއް: ޕެޓިޓް

ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ބްރެޒިލް ތަރި ނޭމާއަކީ އާސެނަލާ ވަރަށް ގުޅޭނެ ކުޅުންތެރިއެއް ކަމަށް އެ ކްލަބުގެ ލެޖެންޑް އެމަނުއެލް ޕެޓިޓް ބުނެފިއެވެ.

ޕީއެސްޖީއާއެކު ދިގު ކޮންޓްރެކްޓެއް ހަދާފައިވީ ނަމަވެސް، ނޭމާ މިހާރު ބޭނުންވަނީ އެ ކްލަބު ދޫކޮށް ދިއުމަށެވެ. ޕީއެސްޖީގެ ސަޕޯޓަރުން ނޭމާއަށް ފާޑުކިޔައި، އިހުތާޖުތަކެއް ކޮށްފައިވާ އިރު، އެ ކްލަބު ދޫކޮށްލަން ބޭނުންވާކަން އޭނާ ކްލަބަށް އަންގާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ނޭމާ އާއި ޕީއެސްޖީއާ ދެމެދު ގިނަ މައްސަލަތަކެއް ޖެހިފައިވުމާއެކު އިނގިރޭސި ކްލަބުތަކެއް ހިމެނޭހެން ގިނަ ކްލަބުތަކަކުން ދަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން އާސެނަލްގެ ލެޖެންޑް ޕެޓިޓް ގަބޫލުކުރާގޮތުގައި، އެ ކްލަބުގެ ކޯޗު މިކެލް އާޓެޓާގެ ރޭވުންތަކަށް އެންމެ އެކަށޭނެ ކުޅުންތެރިޔަކީ ނޭމާއެވެ.

"އަހަރެންނަށް ހީވަނީ ނޭމާއަކީ ބޮޑު ކޮންމެ ކްލަބަކަށް ވެސް ކުޅެވޭނެ ކުޅުންތެރިއެއް. އަހަރެން ބޭނުންވަނީ އޭނާ އާސެނަލާ ގުޅެން. އަހަރެން ގަބޫލުކުރަނީ ނޭމާ ވެސް އާސެނަލްގެ ޓެކްނިކަލް ފުޓުބޯޅައަށް ޝައުގުވެރިވާނެ ކަމަށް. އޭނާގެ ވިސްނުމުގައި މިހާރު ހުންނާނީ ޕީއެސްޖީގައި ކުރިމަތިވާ އުނދަގޫތަކާއި ވޯލްޑް ކަޕްގެ ނާކާމިޔާބީން ދުރަށް ދިއުމަށް،" ޕެޓިޓް ބުންޏެވެ.

ޕެޓިޓް ވަނީ ނަސްލީ ތަފާތުކުރުންތަކާ ކުރިމަތިލަމުންދާ ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއާއާ ގުޅޭގޮތުން ވެސް ވާހަކަދައްކައިފައެވެ. ސްޕެނިޝް ލަލީގާގައި އެ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ވިނީޝިއަސްއަށް ރެއާލަކީ މިވަގުތު އެންމެ ރަނގަޅު ކްލަބު ކަމަށް ޕެޓިޓް ގަބޫލުކުރެއެވެ.

"ރެއާލްގައި ކުރީކޮޅު ވިނީޝިއަސްއަށް ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، މިހާރު އެ ކްލަބުގައި އޭނާ އެ ދަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން. ވެލެންސިއާއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގައި ވިނީޝިއަސްއަށް ނަސްލީގޮތުން ދިމާކުރުމުން އަހަރެން ވަރަށް ކަންބޮޑުވި. އަދި މެޗަށްފަހު ވެސް ލަލީގާ އާއި ކަމާ ގުޅޭ އިދާރާތަކުން އަމަލުކުރި ގޮތުން ވެސް އަހަރެންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެންދިޔަ. މިވާ ގޮތެއް އަހަރެންނަށް އެއްވެސް ގޮތަކަށް ނޭނގޭ،" އޭނާ ބުންޏެވެ.

ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ވެސް މިސީޒަނުގެ ލަލީގާ މެޗުތަކުގައި ވިނީޝިއަސްއަށް ވަނީ ނަސްލީގޮތުން ދިމާކުރުމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. އެ މައްސަލަތަކަށް ހައްލެއް ހޯދިފައިނުވުމުން، ގިނަ ބަޔަކު ދަނީ ލަލީގާއަށް ވެސް ފާޑުކިޔަމުންނެވެ.

comment ކޮމެންޓް