ކްރިޓީކުންނަށް އައިޑަލް ކަމަކު ނުދިޔަ

ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އޭލިސްޓު ތަރިންތަކެއް ހިމެނޭ އެންމެ ބޮޑު ކޮންޓްރޮވާޝަލް އެއް ޑްރާމާ ޝޯ "ދަ އައިޑަލް" ރިލީޒް ކުރުމުގެ ކުރިން ކްރިޓީކުންގެ ރިވިއުތައް އާންމުކުރަން ފަށައިފިއެވެ.

މުޅި އިންޓަނެޓް އެއް އަޑަކުން މިދިޔަ އަހަރު ސިއްސުވާލީ "އެޗްބީއޯ" އިން ނެރުނު ދަ އައިޑަލްގެ ޓްރެއިލާއިންނެވެ. ބޮޑެތި ތަރިންނާ އެކު ނެރޭ މުޅިން އާ ޝޯއެއްގެ ޓީޒާއިން މުޅިން ހީވެސް ނުކުރާ ތަރިން އެކީގައި ފެނުނެވެ.

ދަ އައިޑަލްގައި ލީޑް ރޯލުން ފެންނަނީ މަޝްހޫރު ލަވަކިޔުންތެރިޔާ "ދަ ވީކެންޑް" އިތުރުން އެންމެ މަގުބޫލު ކޭޕޮޕް ގްރޫޕް "ބްލެކްޕިންކް"ގެ ޖެނީގެ އަދި ލެޖެންޑެރީ އެކްޓަރު ޖޮނީ ޑެޕްގެ އަންހެން ދަރި ލިލީ ރޯޒް ޑެޕްއެވެ. އެއާ އެކު ފޭނުންގެ ކެތްތެރިކަން ވަނީ ކޮޅުން ލައިގެން ގޮސްފައެވެ.

އެންމެފަހުން ފިލްމު ވަނީ ދާދިފަހުން ކާންސް ފެސްޓިވަލްގައި ޕްރިމިއާ ކޮށްފައެވެ. ޝޯގެ ފުރަތަމަ ދެ އެޕިސޯޑު ދެއްކިއިރު ޝޯއަށް ވަނީ ފަސް މިނެޓުގެ ސްޓޭންޑިން އޮވޭޝަނެއް ލިބިފައެވެ. ނަމަވެސް ކްރިޓީކުންގެ ރިވިއުތައް އާންމުކުރަން ފަށާފައިވާއިރު މިއީ ގިނަ ބަޔަކަށް ހަމަ އެއްގޮތަކަށް ވެސް ކަމުދާ އެއްޗަކަށް ނުވިކަން ރޭޓިން ތަކުން އެނގެއެވެ.

ރޮޓެން ޓޮމާޓޯސްއިން ކްރިޓީކުންގެ ރިވިއުތަކަށް ބަލާއިރު އެންމެ ފުރަތަމަ ޝޯ ޑެބިއޫ ކޮށްފައިވަނީ 100 އިން ނުވަ ޕަސެންޓެވެ. ނަމަވެސް މިހާރު ޝޯގެ ރޭޓިން އުޅެނީ 29 ޕަސެންޓުގައެވެ. ކޮންމެއަކަސް ގިނަ ބަޔަކަށް މި ޝޯ ކަމު ނުދާކަން ވަނީ ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ.

މި ޝޯގެ ލީޑް ރޯލުން ފެންނާނީ ދަ ވީކެންޑް އާއި ލިލީ ރޯޒް ޑެޕްއެވެ. އޭގެއިތުރުން އެލެކްސާ ޑޭމީ އާއި ޖެނީ އަދި ޓްރޯއި ސިވާން ފަދަ އާޓިސްޓުންވެސް މި ޝޯގެ ރޯލުތަކުން ފެނިގެންދާނެއެވެ. އަންނަ މަހުގެ ހަތަރަކުން ފެށިގެން މި ޝޯ އާންމުންނަށް ދައްކަން ފަށާނެއެވެ.

comment ކޮމެންޓް