އުފާފާޅުކުރުންތައް މަޑުޖައްސާލައި، ވިސްނަންވީ އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގު ފައިނަލަށް: ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ -- ފޮޓޯ/ ގެޓީ

އުފާފާޅުކުރުންތައް މަޑުޖައްސާލައި، މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ދެން ޖެހޭނީ އެފްއޭ ކަޕާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވިސްނުމަށް ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބާކީ ދެ މެޗު އޮއްވައި، ސިޓީން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. ލީގުގައި އަންނަ ބުރާސްފަތި ދުވަހު ސިޓީން ބްރައިޓަންއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، އަންނަ ހޯމަ ދުވަހު ނުކުންނަން ޖެހޭނީ ބްރެންޓްފޯޑްއާ ދެކޮޅަށެވެ.

އެ މެޗުތަކަށްފަހު ސިޓީން ދެން ކުރިމަތިލާން ޖެހޭނީ އެފްއޭ ކަޕްގެ ފައިނަލާއި ޗެމްޕިއަންސް ލީގުގެ ފައިނަލަށެވެ. އެ މެޗުތަކުން މޮޅުވެއްޖެ ނަމަ، ސިޓީއަށް މިސީޒަނުގައި ތިން ތަށި ލިބިގެންދާނެއެވެ. ސިޓީގެ ކޯޗު ދެކޭގޮތުގައި، އެ މެޗުތަކުން މޮޅުވުމަށް ޓީމުގެ އެންމެ ރަނގަޅު ކުޅުން ދައްކަން ޖެހޭނެއެވެ.

"އަހަރެމެން ދެން ވިސްނަންވީ މެންޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާނާ ދެކޮޅަށް ކުޅޭ ފައިނަލް މެޗާ މެދު. މެޗަށްފަހު އުފާފާޅުކުރަން ޖެހޭނެ، ނަމަވެސް ކުރިއަށްއޮތް މުހިންމު ދެ މެޗަށް ފޯކަސް ބަހައްޓަން ޖެހޭ. އަހަރެންނަށް އެނގޭ ކުޅުންތެރިންނަށް ވަރުބަލިކަން އިހުސާސްވާނެކަން. އާސެނަލުން ކުޅުނީ ހަމައެކަނި ޕްރިމިއާ ލީގަށް. އަހަރެމެންގެ ކުޅުންތެރިން އެބަޖެހޭ އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުގައި ވެސް ކުޅެން. އެކަމަށް ހަކަތަ ބޭނުންވާނެ،" ގާޑިއޯލާ ބުންޏެވެ.

ސިޓީން އަންނަ މަހުގެ ތިންވަނަ ދުވަހު އެފްއޭ ކަޕްގެ ފައިނަލުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަންނަ މަހުގެ ދިހަވަނަ ދުވަހު ނުކުންނަން ޖެހޭނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ.

comment ކޮމެންޓް