އިގްތިސާދީ ބޭނުމަށް ބިޑަކާ ނުލައި ފަޅު ރަށް ދޫކުރެވޭ ގަވާއިދެއް

ރާއްޖޭގެ ރަށްތަކެއް --- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

އެއްވެސް ބިޑަކާ ނުލައި އިގްތިސާދީ ބޭނުންތަކަށް ފަޅުރަށް ކުއްޔަށް ދޫކުރެވޭނެ އުސޫލެއް އެކުލަވާލައި ގަވާއިދެއް އެކުލަވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު "އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ފަޅުރަށްރަށް ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު" ބުނާ ގޮތުންނަމަ ވަކި ބޭނުންތަކަކަށް ދޫކޮށްފައިވާ ފަޅުރަށްތައް ފިޔަވައި އެހެން ފަޅުރަށްތައް އިގްތިސާދީ ބޭނުންތަކަށް ތަރައްގީކުރަން ކުއްޔަށް ދޫކުރެވިދާނެއެވެ.

އިޤްތިސާދީ ބޭނުންތަކަށް ދޫނުކުރެވޭނެ ފަޅުރަށްތަކުގެ ތެރޭގައި ހިމެނެނީ:

  • ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރާ ފަޅުރަށްތައް.
  • ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިގްތިސާދީ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުރަށްތައް.
  • ވަރުވާއަށް ލިޔެދޭ ފަޅުރަށްތައް.

ފަޅު ރަށެއްގައި އިގްތިސާދީ މަސައްކަތެއް ކުރުމަށް އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެފަދަ މަސައްކަތްތަކަށް ކަނޑައަޅާ ފަޅުރަށަކީ މީހުން ދިރިއުޅޭ ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިސާސްގައި ހިމެނޭ ރަށެއް ނަމަ އެ ފަޅު ރަށް އިހްތިސާސުން ވަކިކުރަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އިންޑަސްޓްރިއަލް ބޭނުމަށް ރައީސް ކަނޑައަޅާ ރަށްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ދެ ގޮތަކަށެވެ. އެއީ:

  • ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކުރުމުން އެންމެ ރަނގަޅު ބިޑެއް ހުށަހަޅާ ފަރާތަކަށް ރަށް ދޫކުރުން.
  • ބިޑަކާ ނުލައި ދެވޭ ސަރުކާރުގެ "އަންސޮލިސިޓަޑް ޕްރޮޕޯސަލް ޕޮލިސީ"ގެ ދަށުން އެ ރަށެއްގައި ކުރަން ބޭނުންވާ ކަމަކާ ބެހޭ ގޮތުން ތަފުސީލީ ޕްރޮޕޯސަލެއް ހުށަހެޅުމުން، އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ރަށް ދޫކުރުން.

ބިޑަކާ ނުލައި ދޫކުރާ ރަށްރަށުގައި، ކުރަން އުޅޭ މަސައްކަތާއި ސިނާއަތަށް ބެލުމަށް ފަހު އެކަށީގެންވާ އިކިއުޒިޝަން ފީއެއް ސަރުކާރަށް ނެގިދާނެއެވެ.

މި ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ރަށްރަށުގެ ކުލި ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓްރީންނެވެ. ކުލީގެ ގޮތުގައި އަކަފޫޓަކަށް އަހަރަކަށް 10 ލާރިއަށް ވުރެ ދަށްވެގެން ނުވާނެއެވެ.

ގަވައިދުގެ ދަށުން 21 އަހަރު ދުވަހުގެ މުއްދަތަކަށް ފަޅުރަށްތައް ކުއްޔަށް ދޭއިރު މުއްދަތު އިތުރުކުރަން 50 އަހަރަށް ވުރެ އިތުރުނުވާ ގޮތަށް މުއްދަތު އިތުރުކޮށްދެވެއެވެ. މުއްދަތު އިތުރުކޮށްދެވޭނީ ރަށުގައި ކުރާ މަސައްކަތްތަކަށް ކުރާ އިންވެސްޓްމަންޓުގެ މަދުވެގެން 75 ޕަސެންޓު ފައިސާ އިންވެސްޓްކޮށް، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް ގެންގޮސް، މަދުވެގެން މަސައްކަތުގެ 75 ޕަސެންޓު ފުރިހަމަކޮށްފައިވާ ނަމައެވެ.

މި ގަވާއިދާ ހިލާފަށް ކަމެއް ކޮށްފިނަމަ، އެ ކަމުގެ ކުޑަބޮޑު މިނަށް ބަލައި އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް