ސްޓިކާ ޖަހަން ހުންނަ ފޯރި މިކަން ހުއްޓުވަން ވެސް ހުންނަން ޖެހޭ!

ހުޅުމާލޭގައި އިއްޔެ ހެނދުނު އެކްސިޑެންޓް ވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

އުމުރުން 20 އަހަރުގެ ޒުވާނެއް މަރުވެދާނެއެވެ. ނޫނީ ކޮންމެވެސް މީހަކު ނުކުޅެދުންތެރިކަން ހުންނަ ހާލަތަށް ގޮސްދާނެއެވެ. ނޫނީ ވެންޓިލޭޓަރަށް ލައިފާނެއެވެ. މިފަދަ ކޮންމެ ވެސް ކަމެއް މަގުމަތީގެ އެކްސިޑެންޓެއްގެ ސަބަބުން ނުހިނގާ ދުވަހެއް މިހާރަކަށް އައިސް މަދެވެ. ހާއްސަކޮށް މާލެއާއި ހުޅުމާލޭގައެވެ. އަތޮޅުތެރޭގެ ހާލަތު ވެސް ރަނގަޅެއް ނޫނެވެ. އެތައް ބައެއްގެ ފުރާނަ ގެއްލުމާއި ނުކުޅެދުންތެރިކަން ހުންނަ ހާލަތަށް ދަނީއެވެ. މިހާވަރަށް ކަންތައް ދިއުމުން ފުލުހުން މިހާރަށް ވުރެ ހަރަކާތްތެރިވާން އެބަ ޖެހެއެވެ.

ނުރައްކާތެރި މަގުމަތީ އެކްސިޑެންޓެއްގައި އުމުރުން 20 އަހަރުގެ ޒުވާނަކު މަރުވިތާ އަދި މިއުޅެނީ ދެތިން ދުވަސް ނުވެއެވެ. އޭގެ ފަހުން ވެސް މިކަމެއް ނުހުއްޓެއެވެ. މިއަދު ވެސް ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފިއެވެ. ފުރަތަމަ އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 6:45 ކަންހާއިރު ހުޅުމާލޭގައެވެ. ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ތިން މީހުންގެ ތެރޭގައި ބެލެނިވެރިޔާއާއެކު ސްކޫލަށް ސައިކަލުގައި ދިޔަ ކުއްޖަކު ވެސް ހިމެނެއެވެ. ދެން މި އިވުނީ ދަރުބާރުގޭ ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ޚަބަރެވެ.

https://sun.mv/177459

އެކްސިޑެންޓްތައް ގިނަވެ ހިތާމަވެރި ހާދިސާތައް ހިނގުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ ފުލުހުންނެއް ނޫނެވެ. އެކަންކަން މިހާ ގޯހުން މިދަނީ ރައްޔިތުންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބައެއްގެ ސަބަބުންނެވެ. ޒިންމާ ވާން ޖެހޭ މީހުންނަކީ އެއީއެވެ. ނަމަވެސް އާއްމު ރައްޔިތުންގެ ތެރެއިން ބަޔަކު މި ނުރައްކާތެރި ކުށް ކުރުމުގައި ހައްދުފަހަނަ އަޅައި ދިއުމުން އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަން ޖެހެއެވެ. މިހާރު ނުކުރެއެކޭ ނޫނެވެ. އެކަމަކު މިހާރު ކުރާވަރަށް ވުރެން އިތުރަށް ކުރަން ޖެހޭ ކަމުގެ ހެއްކަކީ މިހާރު އެ ކުރާވަރުން އެކްސިޑެންޓްތައް މަދު ނުވުމެވެ.

ސިނަމާލެ ބްރިޖުން މާލެ އަރާ ހިސާބުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އެކަކު ވަނީ ވެންޓިލޭޓަރަށް ލާފައި --- ފޮޓޯ: ސަން

މަގުމަތީގައި ނުގަވައިދުން ޕާކްކުރާ ކުރުން ހުއްޓުވުމަށް ފުލުހުން ވަރަށް ހާއްސަ ސަމާލުކަމެއް ދެއެވެ. އެކަށީގެންވާ ޕާކިން ނިޒާމެއް ނެތްނަމަވެސް ވެހިކަލްތަކުގައި ސްޓިކާ ޖެހުމާއި ޓޯ ކުރުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ކުރިއަށް ގެންދެއެވެ. އެކަމުގެ ހެއްކަކީ މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 26 މިލިއަން ރުފިޔާ ލިބުމެވެ. އޭގެ ތެރޭގައި ސްޓިކާ ޖަހައިގެން ލިބުނު އަދަދަކީ ބޮޑު ހިއްސާއެކެވެ. އަދި މިއަހަރު ޖޫރިމަނާގެ ގޮތުގައި 82.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައި ވަނީ އަންދާޒާ ކޮށްފައެވެ. އެކަން ފުލުހުން ތަންފީޒު ކޮށްދޭނެ ކަމާމެދު ޝައްކެއްނެތެވެ. ހަމަ އެ ފޯރި މި އެކްސިޑެންޓްތައް ހުއްޓުވުމަށް ވެސް ހުންނަން ޖެހެއެވެ.

މީހުންނަށް އުނދަގޫ ވާގޮތަށް ބާރުއަޑުތައް އިވޭ ސައިލެންސަރުތައް ހުންނަ ސައިކަލްތައް މާލޭގައި ދުއްވުމަކީ އާއްމު ކަމެކެވެ. އަދި ރޭސް ޖަހާ އުސޫލުން ބާރުބާރަށް ސައިކަލާއި ކާރު ދުއްވުމަކީ ވެސް ވަރަށް އާއްމު ކަމެކެވެ. ޒަމާންވީ މި ބޮޑު މައްސަލަ ހައްލުނުވެ އެތައް ބައެއްގެ ފުރާނަ ގެއްލިގެން ދާއިރު ހަގީގަތުގައި ވެސް ފުލުހުންގެ ދައުރު މިހާރަށް ވުރެން ބޮޑު ކުރަން ޖެހެއެވެ. އެގޮތުން ގިނަ ފުލުހުން މަގުތަކަށް ނެރެން ޖެހެއެވެ. އެއާއެކު ގަވާއިދާ ހިލާފަށް އަމަލު ކުރާ މީހުންނާމެދު އަވަސް، ހަރުކަށި ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރަން ޖެހެއެވެ. ހަމައެކަނި ޖޫރިމަނާ ކޮށްގެން އެކަން ނުވާނަމަ ޖަލު ހުކުމް ކޮށްގެން ވެސް އަދަބުތައް ދޭންޖެހެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފުލުހުން ޓްރެފިކް ގާނޫނުތައް ތަންފީޒުކުރަނީ މަގުތަކާއި ހައިވޭތައް މޮނިޓާކޮށް، ޓްރެފިކް ގަވާއިދާ ހިލާފުވާ ޑްރައިވަރުންނަށް އަދަބުދީގެންނެވެ. އެގޮތުން ގަވާއިދުން ޕެޓްރޯލް ކުރުމާއި، ޗެކްޕޮއިންޓްތައް ގާއިމްކުރުމާއި، ސްޕީޑް ކެމެރާ ބޭނުންކޮށްގެން ކުށްވެރިން ހުއްޓުވައި ހިފަހައްޓަން ޖެހެއެވެ. މިކަން ދިވެހި ފުލުހުން ވެސް ކުރެއެވެ. އެކަމަކު ކުރާ ވަރު ގިނަ ކުރަން ޖެހެއެވެ. ހަރުކަށިކޮށް ކަންކަން ބަލަހައްޓަން ފެށުމުން ގަވާއިދުތަކަށް ތަބާވެ، އެގޮތަށް ދުއްވާ މީހުން އިތުރު ވާނެއެވެ.

ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދުގައި ކާރެއް ފުރޮޅާލައި ހިނގި އެކްސިޑެންޓް / ސަން ފޮޓޯ

އެކްސިޑެންޓްތައް މަދު ކުރުމަށްޓަކައި އާންމުންނަށް ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ގިނައިން ބާއްވަން ޖެހެއެވެ. އެކްސިޑެންޓްތަކުން ލިބޭ ގެއްލުންތައް ގިނައިން ހަނދާން ކޮށްދޭން ޖެހެއެވެ. މަގުމަތީގެ ސަލާމަތާ ބެހޭ ގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން މިހާރަށް ވުރެން ގިނަ ކެމްޕެއިން ހިންގަން ޖެހޭ ކަމަށް ފެނެއެވެ. މިފަދަ ކެމްޕޭންތަކުގެ ތެރޭގައި އިޝްތިހާރުތަކާއި، ސޯޝަލް މީޑިއާ ކެމްޕޭންތަކާއި، ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތައް ހިމެނިދާނެއެވެ. އަމާޒަކީ ޒިންމާދާރު ގޮތެއްގައި ދުއްވަން ހަނދާން ކޮށްދިނުމާއި ފަރުވާކުޑަ އަމަލުގެ ނުރައްކާތެރިކަން ފާހަގަކޮށް، ސީޓް ބެލްޓާއި ހެލްމެޓް އެޅުމުގެ މުހިންމުކަން އަބަދުމެ ވިސްނައި ދިނުމެވެ. އޭރުން އާއްމުން ސަމާލުކަން ދޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ހަމައެއާއެކު ދުއްވާ މީހުންނަށް ޓްރެއިނިން ޕްރްގޮރާމްތައް ހިންގުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފުލުހުންނަށް މަސައްކަތް ކުރެވިދާނެއެވެ. މިހާރު ވެސް ޓެކްސީ ޑްރައިވަރުންނަށް އެފަދަ ޓްރެއިނިންތައް ބާއްވައެވެ. އެގޮތަށް އާއްމުކޮށް ގަވައިދާ ހިލާފަށް ދުއްވާ މީހުން ބައިވެރިކޮށްގެން ނަމަވެސް މިފަދަ ޕްރޮގްރާމްތައް ހިންގުން މުހިންމެވެ. މި ޕްރޮގްރާމްތަކުގައި ރައްކާތެރިކަމާއެކު ދުއްވުމުގެ އުސޫލުތަކާއި، ޑިފެންސިވް ޑްރައިވިން ޓެކްނިކްސްތަކާއި، ޓްރެފިކް ގަވާއިދުތަކަށް ތަބާވުމުގެ މުހިންމުކަމަށް އަލިއަޅުވާލަންޖެހެއެވެ. ޑްރައިވަރުގެ ހުނަރާއި ޢިލްމު ރަނގަޅު ކުރުމުން، އެކްސިޑެންޓްތަކުގެ ނުރައްކާ ކުޑަކުރުމަށް ފުލުހުންނަށް އެހީތެރިވެދެވޭނެއެވެ.

ދެން އޮތީ މަގުމަތީގެ އިންފްރާސްޓްރަކްޗާ ރަނގަޅުކުރުމެވެ. މާލެއާއި އަތޮޅުތެރެއަށް ބަލާއިރުވެސް ގިނަ މަގުތަކުގެ ހާލަތު ވަރަށް ދަށެވެ. އަޑިގުޑަންތަކާއި ވަޅުގަނޑު ހެދިފައިވާ މިންވަރު އިތުރެވެ. އެހެންވެ ކަލާހައިގެން ވެއްޓި ވެސް މީހުންގެ ފުރާނަ ގޮސްފައި އެބަހުއްޓެވެ. ފުލުހުންނަށް ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެކްސިޑެންޓްތަކަށް މަގުފަހިވާ މަގުތަކުގެ އިންފްރާސްޓްރަކްޗާގެ މައްސަލަތައް ދެނެގަނެ އެކަން ހައްލުކުރެވޭނެއެވެ. މީގެ ތެރޭގައި ނުރައްކާތެރި އިންޓަސެކްޝަންތައް ދެނެގަތުމާއި، އެކަށީގެންވާ ނިޝާންތައް ނުޖެހުމާއި، މަގުތަކުގެ ހާލަތު ދަށްވުމާއި، އެކަށީގެންވާ އަލިކަން ނެތުން ފަދަ މައްސަލަތައް ހައްލު ކުރުން މުހިންމެވެ. މަގުމަތީގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުން ފުލުހުންނަށް ދުއްވާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުންގެ ޖުމްލަ ރައްކާތެރިކަން އިތުރުކުރެވޭނެއެވެ.

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރެއް ފުރޮޅާލާފައި-- ފޮޓޯ: ނާޒިމް

އެކްސިޑެންޓެއް ހިނގުމުން، ފުލުހުންގެ އޮފިސަރުން ފުރިހަމަ ތަހުގީގުތަކެއް ހިންގައި، އެކަމުގައި ދިމާވާ ސަބަބުތަކާއި، އެކަމުގައި ހިމެނޭ ކަންތައްތައް ދެނެގަންނަން ޖެހެއެވެ. މި މައުލޫމާތަކީ އުސޫލުތަކާއި، އާންމު ސަބަބުތަކާއި، ރިސްކް ބޮޑު ސަރަހައްދުތައް ދެނެގަތުމަށް އެހީތެރިވެދީ، ކަމާބެހޭ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަވެންޝަންތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކުލަވާލުމަށް މަގުފަހިކޮށްދޭ މައުލޫމާތެކެވެ.

އެކްސިޑެންޓްތަކުގައި މީހުން މަރުވުމާއި ލިބޭ ގެއްލުންތައް އިންތިހާއަށް އިތުރުވެފައިވާއިރު މިކަން ހައްލު ކުރަން ގިނަ ބަޔަކު ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. ދަތުރުފަތުރުގެ އިދާރާތަކާއި، މުނިސިޕަލް ބޮޑީތަކާއި، މަގުމަތީގެ ރައްކާތެރިކަމުގެ ޖަމިއްޔާތައް ފަދަ ކަމާބެހޭ އެހެން ސްޓޭކްހޯލްޑަރުންނާ ގުޅިގެން ފުލުހުން އެއްބާރުލުން ދޭންވާނެއެވެ. އެކުގައި މަސައްކަތްކޮށްގެން، މަގުމަތީގެ ސަލާމަތީ މައްސަލަތައް ފައިދާހުރި ގޮތެއްގައި ހައްލުކުރުމަށް ފުރިހަމަ ސްޓްރެޓެޖީތަކާއި ސިޔާސަތުތައް އެކުލަވާލެވިދާނެއެވެ.

މަގުތަކުގައި ފުލުހުން އާއްމުކޮށް ތިބުމަކީ ފަރުވާކުޑަކޮށް ދުއްވުމަށް ހުރަސްއެޅޭނެ ކަމެކެވެ. ޕެޓްރޯލް ކުރުން އިތުރުކޮށް، އެކްސިޑެންޓް ނުވަތަ ކުއްލި ހާލަތްތަކުގައި ހަލުވިކަމާ، ފައިދާހުރި ގޮތެއްގައި މެނޭޖްކުރުމާއި، އަނިޔާ ލިބޭ މީހުންނަށް ވަގުތުން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވެދޭން ޖެހެއެވެ.

އެކްސިޑެންޓްތައް އާއްމު ވުމަކީ ކުޑަ ކަމެއް ނޫނެވެ. އަދި އެއީ ލުއިކޮށް ނެގެން އޮތް ކަމެއް ވެސް ނޫނެވެ. އޭގެ ސަބަބުން ގެއްލޭ ކޮންމެ ފުރާނައެއްގެ އަގު ވެސް ވަރަށް ބޮޑެވެ. އެހެންކަމުން މިކަން ހުއްޓުވުމަށް ފުލުހުން މިހާރަށް ވުރެން ހަރަކާތްތެރި ވާން ޖެހެއެވެ. އެކަން ވާނީ ސްޓިކާ ޖަހަން ހުންނަ ފޯރި މިކަމަށް ވެސް ހުރެގެންނެވެ.

comment ކޮމެންޓް