އާ ލަފުޒު ހެދުމުގެ އުސޫލުތައް ދިވެހިބަހުގެ އެކެޑަމީން އާއްމުކޮށްފި

ދިވެހިބަހުގެ އެކެޑަމީ --- ފޮޓޯ/ ޕީއެސްއެމް

ދިވެހި އާ ލަފުޒުތައް ހެދުމުގެ އުސޫލުތައް ދިވެހިބަހުގެ އެކެޑަމީން އާއްމުކޮށްފިއެވެ.

އާ ލަފުޒުތައް ހެދުމުގެ އުސޫލުތަކަކީ، ދިވެހި އާ ލަފުޒު ހެދުމާއި، އާ މަފުހޫމަކަށް ލަފުޒެއް ފުޅާކުރުމާއި ބޭރު ބަސްބަހުން ގެނެވޭ ލަފުޒުތައް ދިވެހި ކުރުމާއި އާއްމު އިސްތިއުމާލުގެ ތެރެެއިން ފެތުރެމުންދާ ލަފުޒުތައް ބަލައިގަތުމުގައި ދިވެހިބަހުގެ އެކެޑަމީން އަމަލު ކުރަމުންދާ އުސޫލުތަކެވެ.

ދިވެހިބަހުގެ އެކެޑަމީން ވަނީ އާ ލަފުޒު ހެދުމުގައި ގެންގުޅޭ ޖުމުލަ 19 ހަމަ އާއި އުސޫލު އާއްމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. މާނަ ފުޅާކުރުން
  2. ލަފުޒުގެ ގިންތި ބަދަލުކުރުން
  3. ސިފައަށް ނިސްބަތްކޮށް ނަން ދިނުން
  4. ލަފުޒު ފުރޮޅުން
  5. އެކަ އިތުރުކުރުން
  6. ލަފުޒުން ބައެއް އުނިކޮށްގެން ލަފުޒު ހެދުން
  7. އެކުވި ލަފުޒު ހެދުން
  8. ލަފުޒު ގެލުން
  9. ތަކުރާރުކުރުން
  10. ހިރިލަފުޒު ހެދުން
  11. އިސްފަސްބަސް ހެދުން
  12. އުޅިބަސް ހެދުމާއި އުޅިބަހުން ލަފުޒު ހެދުން
  13. ތައްގަނޑު ލަފުޒު ހެދުން
  14. ހަލި ލަފުޒު ހެދުން
  15. މުލާޑުލަފުޒު ހެދުން
  16. ބޭރު ލަފުޒު ތަރުޖަމާކުރުން
  17. ބޭރު ބަސްބަހުގެ ލަފުޒުން ލޯނުލަފުޒު ހެދުން
  18. އަޑުލަފުޒު ހެދުން
  19. ލަފުޒު އީޖާދުކުރުން

“އައު ލަފުޒު ހެދުމުގެ އުސޫލުތައް” މި ލިންކުން ބަލައިލެވޭނެއެވެ.

މި އުސޫލު އާއްމުކުރުމަށް ފަހު، ދިވެހިބަހުގެ އެކެޑަމީން ބުނީ، އޭގެ މަގުސަދަކީ އާ ލަފުޒު ހެދުމާއި ތަބާވާ ހަމަތައް ނުވަތަ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުން ކަމަށެވެ. މި އުސޫލުތައް ހެދީ، ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީގެ މެންބަރުންގެ ބުރަ މަސައްކަތް ކަމަށް އެކެޑަމީން ބުންޏެވެ.

މީގެ އިތުރުން ދިވެހިބަހުގެ އެކެޑަމީން ބުނީ، ޒަމާނުގެ ދުވެލީގައި ދިވެހިބަސް ފައިހަމަ ކުރުމަށްޓަކައި، އާ ލަފުޒު އުފައްދަން ޖެހޭ ކަމަށެވެ. އަދި، އެ ލަފުޒުތައް އުފައްދާނެ ގޮތެއްގެ ހަމަތަކާއި އުސޫލެއް އޮންނަން ޖެހޭ ކަމަށް އެ އިދާރާއިން ބުންޏެވެ. އެ ހަމައާއި އުސޫލު ވާން ޖެހޭނީ، ދިވެހިބަހާ ރައްޓެހި، އިހު ދިވެހީން ލަފުޒުތައް އުފެއްދުމުގައި ގެންގުޅުނު ހަމަތަކާއި، ބަހަވީ އިލްމުގެ އަހުލުވެރީން ދައްކަވާ ހަމަތަކާ ފުށުނާރާނެ ގޮތަށް އޮތް ހަމައަކަށް ކަމަށް އެ އިދާރާއިން ބުންޏެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނީ، އާ ލަފުޒުތައް ހެދުމުގެ އުސޫލުތައް އާއްމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިބަހުގެ އެކެޑަމޫގެ މަސައްކަތްތައް އާއްމުންނަށް ވީހާ ވެސް ބޮޑަށް ހާމަކުރުމުގެ ބޭނުމުގައި ކަމަށާއި ބިނާކުރުވަނިވި ޚިޔާލާއި ލަފަޔާއި މަޝްވަރާގެ އުއްމީދުގައި ކަމަށެވެ.

comment ކޮމެންޓް