ފޭސްބުކްއިން އެހެން މީހެއްގެ ޕްރޮފައިލް ބެލުމުން ފްރެންޑް ރިކުއެސްޓް ފޮނުވެނީ

ފޭސްބުކްއިން އޮޓޮމެޓިކްއިން ފްރެންޑް ރިކުއެސްޓް ފޮނުވޭ މައްސަލައެއް ވަނީ ފެންމަތިވެފަ --

ފޭސްބުކްއިން އޮޓޮމެޓިކް ފްރެންޑް ރިކުއެސްޓް މިދުވަސްކޮޅު ބައެއް ފަރާތްތަކަށް ދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، އެއީ ބަގެއް ކަމަށް ފޭސްބުކްގެ ވެރި ކުންފުނި މެޓާއިން ބުނެފިއެވެ.

ފޭސްބުކުން ނެރުނު ބަޔާނެއްގައި ބުނީ އޮޓޯ ފްރެންޑް ރިކްއެސްޓް ފޮނުވެނީ އެކި މީސްމީހުންގެ ޕްރޮފައިލަށް ވަނުމުން ކަމަށެވެ. އަދި ރެންޑަމްކޮށް އަންނަ މި ފްރެންޑް ރިކްއެސްޓަކީ ފޭސްބުކްގެ ބަގް ފިކްސްއަކަށް ގެނައި އަޕްޑޭޓެއްގެ ސަބަބުން މެދުވެރިވި މައްސަލައެއް ކަމަށް މެޓާއިން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ވެސް ގިނަ އަދަދެއްގެ ބަޔަކުވަނީ ފޭސްބުކުން އެމީހުން ޒިޔާރަތްކުރި ޕްރޮފައިލްތަކަށް ފްރެންޑް ރިކުއެސްޓް ފޮނުވިފައިވާ ކަމަށް ބުނެ ޝަކުވާކޮށްފައެވެ. އެކަމާ ގުޅިގެން ބައެއް މީހުން އެމީހުންގެ ޕްރައިވެސީއާ މެދު ކަންބޮޑުވާއިރު އަނެއް ބަޔަކު ވަނީ އެކަމަށް ޖޯކު ޖަހާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބަންގްލަދޭޝް، ފިލިޕީންސް އަދި ސްރީލަންކާގައި ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް މި ބަގްގެ އުނދަގޫ ވަރަށްބޮޑަށް ފޯރާފައިވެއެވެ.

އިއްޔެ މެޓާގެ ތަރުޖަމާނަކު ވަނީ އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން އަދިވެސް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ބުނެފައެވެ.

މިމައްސަލަ ހައްލުކުރެވިފައިވާ ކަމަށް ފޭސްބުކުން ބުނިނަމަވެސް ފޭސްބުކްގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ފަރާތްތަކުން ތަފާތު ސްކޭމްތައް މެދުކެނޑުމެއްނެތި ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދެއެވެ. އެގޮތުން މި އަހަރުގެ މާޗް މަހުގެ ތެރޭގައި ފޭސްބުކް ޕޭޖުތައް ބޭނުންކޮށްގެން މީހުންގެ ސިސްޓަމްތަކަށް މެލްވެއާ ފެތުރުމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ކްލައުޑްސެކްއިން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ފޭސްބުކްގައި ފޭކް ޗެޓްޖީޕީޓީ ޕޭޖުތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ޔޫޒަރުންނަށް ވަނީ ނުބައި މަލްވެއާތަކެއް ފަތުރާފައެވެ. އަދި ސްކޭމަރުން ވަނީ ފޭސްބުކް ފޭކް އެކައުންޓެއް ނުވަތަ ޕޭޖެއް ހަދައި އެ ޕޭޖަކީ ސައްހަ ޗެޓްޖީޕީޓީ ޕޭޖެއްގެ ގޮތުގައި ދައްކައިގެން ނުބައި ލިންކްތައް ފޮނުވައިގެން މީސްމީހުންގެ އެކައުންޓްތައް ހެކްކޮށް ޒާތީ މައުލޫމާތުތައް ވަގަށް ނަގާފައެވެ.

މީގެ އިތުރުން ކްލައުޑްސެކްއިން އޭރު ބުނެފައި ވަނީ އެ މެލްވެއާ ފެތުރުމަށް ހާއްސަކޮށްފައިވާ ފޭކް ފޭސްބުކް ޕޭޖް/އެކައުންޓްތަކެއް އެ މީހުންގެ ތަހުގީގަށް ފެނިފައިވާ ކަމަށެވެ. އަދި މި އެކައުންޓްތަކުގައި ގާތްގަނޑަކަށް ފަސް ލައްކަ ފޮލޯވަރުން ތިބި ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.

ދިވެހިންގެ ތެރޭގައިވެސް މިފަދަ ނުބައި މެލްވެއާތައް ދައުރު ކުރުމަކީ މިހާރަކަށް އައިސް އާންމު ވަމުންދާ ކަމަކަށްވާއިރު މިފަދަ ކަންކަމަށް ސަމާލުވެތިބުމަކީ އިންޓަނެޓް މެދުވެރިކޮށް ހިންގޭ ޖަރީމާތައް ހުއްޓުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

comment ކޮމެންޓް