އެކްޓިވިޝަން ބްލިޒާޑް ގަންނަން މައިކްރޮސޮފްޓުން ހަދާފައިވާ އެއްބަސްވުމަށް އީޔޫއިން ރުހުން ދީފި

އެކްޓިވިޝަން ބްލިޒާޑް ގަންނަން މައިކްރޮސޮފްޓުން ހަދާފައިވާ އެއްބަސްވުމަށް އީޔޫއިން ރުހުން ދީފިއެވެ.

މައިކްރޮސޮފްޓް އާއި އެކްޓިވިޝަން ބްލިޒާޑް 69 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން އެއްކުރުމުގެ ސަބަބުން ގޭމިންދާއިރާގައި އޮތް ވާދަވެރި މާހައުލު ނެތިގެންދާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރެއެވެ. ޚާއްސަކޮށް ހަލުވިކަމާއެކު ފުޅާވަމުން އަންނަ ކްލައުޑް ގޭމިން ސާވިސަސް މާކެޓުގައި ކަންބޮޑުވުންތައް އުފެދިފައިވެއެވެ. ނަމަވެސް ޔޫރަޕިއަން ކޮމިޝަނުން ވަނީ މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި، ވާދަވެރިކަމަށް އޮތް ހުރަސްތައް ކުޑަކުރުމަށް މައިކްރޮސޮފްޓުން ހުށަހަޅާފައިވާ ޝަރުތުތައް ފުދޭ ކަމަށް ބުނެފައެވެ.

މައިކްރޮސޮފްޓުން ވެފައިވާ މުހިންމު އެއް ވައުދަކީ ޔޫރަޕްގެ ކޮންސިއުމަރުންނަށް ކޮންމެ ކްލައުޑް ގޭމިން ސާވިސްއެއްގައި އެކްޓިވިޝަން ޓައިޓަލްތައް ކުޅެވޭނެ ގޮތަށް 10 އަހަރުގެ މުއްދަތެއް ދިނުމުގެ ވައުދެކެވެ.

މީގެ އިތުރުން މައިކްރޮސޮފްޓުން ވަނީ ވާދަވެރި ސްޓްރީމިން ޕްލެޓްފޯމްތަކުގައި އެކްޓިވިޝަންގެ ގޭމްތައް ލިބެން ހުންނައިރު ގޭމްތަކުގެ ފެންވަރަށް ނުވަތަ ކޮންޓެންޓަށް ބަދަލެއް ނުގެންނާނެ ކަމުގެ ޔަގީންކަން ދީ، އެކަމުގެ ސަބަބުން ވާދަވެރިންނަށް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުވާނެ ކަމަށް ބުނެފައެވެ.

ޔޫރަޕިއަން ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "މި ވައުދުތަކަކީ ކޮމިޝަނުން ފާހަގަކުރި ވާދަވެރިކަމުގެ ކަންބޮޑުވުންތަކަށް ފުރިހަމައަށް ހައްލު ހޯދައިދޭ އަދި މިހާރުގެ ހާލަތާ އަޅާބަލާއިރު ކްލައުޑް ގޭމް ސްޓްރީމިންއަށް ލިބުނު ބޮޑު ކުރިއެރުމެއް" ކަމަށެވެ.

މި އެއްބަސްވުން ތަންފީޒުކުރެވިއްޖެ ނަމަ މައިކްރޮސޮފްޓް ވާނީ ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ގޭމް ޕަބްލިޝާއަށެވެ. މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު ގޭމިން ދެކުންފުނި ޓެންސެންޓާއި ސޮނީ ވެސް މައިކްރޯސޮފްޓަށްވުރެ ފަހަތަށް ވެއްޓޭނެއެވެ. ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތުގައި އަދިވެސް މި ވިޔަފާރިއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ވާދަވެރިކަމާއި މާކެޓަށް ކުރާނެ އަސަރު ރެގިއުލޭޓަރީ އޮތޯރިޓީތަކުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

މައިކްރޮސޮފްޓާއި އެކްޓިވިޝަން ބްލިޒާޑް އެއްކޮށްލުމަށް ހުށަހަޅާފައިވާއިރު، މީޑިއާގެ ސަމާލުކަން މިކަމަށް އެހޭބޮޑަށް އައިސްފައިވަނީ ގޭމިން ދާއިރާގައި މި ދެ ކުންފުނީގެ ނުފޫޒު ވެސް ބޮޑުވުމުންނެވެ.

އެކްޓިވިޝަން ބްލިޒާޑް މަޝްހޫރުވެފައިވަނީ ކޯލް އޮފް ޑިއުޓީ، ވޯލްޑް އޮފް ވޯކްރާފްޓް، އަދި ކެންޑީ ކްރަޝް ސާގާ ފަދަ މަޝްހޫރު ފްރެންޗައިޒް ގޭމްތަކުންނެވެ. މައިކްރޮސޮފްޓުން ގޭމިން މާކެޓުގައި ސާބިތުވެ އޮތީ އެކްސްބޮކްސް ކޮންސޯލްއާއި ގޭމް ޕާސް ސަބްސްކްރިޕްޝަން ސާވިސް އިންނެވެ.

މި އެއްބަސްވުމަށް ޔޫރަޕިއަން ކޮމިޝަނުން ރުހުން ދިނުމަކީ ދެ ކުންފުންޏަށް ލިބުނު މުހިންމު ކުރިއެރުމެއް ނަމަވެސް، މައިކްރޮސޮފްޓަށް ރެގިއުލޭޓަރީ ހުރަސްތަކާއި އެހެން ސަރަހައްދުތަކުގެ ދަތިކުރުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު