އިޝްތިހާރު ކުރުމުގައި އޮޅުވާލުމުން ގޫގުލްއިން އަށް މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

ގޫގުލްގެ ފަހުގެ ސްމާޓް ފޯން ޕިކްސެލް 4 އިޝްތިހާރު ކުރުމުގައި މަކަރާއި އޮޅުވާލުންތައް ހުރި ކަމުގެ މައްސަލައެއް ވަނީ ބަލާފަ --

ގޫގުލްގެ ފަހުގެ ސްމާޓް ފޯން ޕިކްސެލް 4 އިޝްތިހާރު ކުރުމުގައި މަކަރާއި އޮޅުވާލުންތައް ހުރިކަމަށް ބުނެ ހުށަހެޅި މައްސަލައަކުން ސަލާމަތްވުމަށް އެ ކުންފުންޏަށް އަށް މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެއެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އެމެރިކާގެ ޓެކްސަސްގެ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ. އެ އޮފީހުން ހުށަހަޅާފައިވާ މައްސަލައިގައިވާ ގޮތުން ގޫގުލްއިން ވަނީ ރޭޑިއޯ ޕްރޮގްރާމް ހުށަހަޅާ ބަޔަކު މެދުވެރިކޮށް ޕިކްސެލް 4 އިޝްތިހާރުކޮށްފައެވެ.

އެ އިޝްތިހާރު ގެނެސްދީފައި ވަނީ އެ މީހުން ފޯނު ބޭނުންކުރި ކަމަށް ބުނެ ނަމަވެސް، ގޫގުލްއިން އެމީހުންނަށް ޕިކްސެލް 4 ބޭނުން ކުރަން ފުރުސަތު ނުދޭ ކަމަށް މައްސަލައިގައިވެއެވެ.

ޓެކްސަސްގެ އެޓާނީ ޖެނެރަލް ކެން ޕެކްސްޓަން ވިދާޅުވީ އެ ކުންފުނިން އެޓާނީ ޖެނެރަލްގެ އޮފީހާ ވާހަކަދައްކައިގެން ކޯޓުން ބޭރުން މައްސަލަ ހައްލު ކުރަން އެއްބަސްވެ، އަށް މިލިއަން ޑޮލަރު ވެސް ދައްކަން އެއްބަސްވެފައިވާ ކަމަށެވެ.

ޕެކްސްޓަން ވިދާޅުވީ ގޫގުލްއިން ޓެކްސަސްގައި އިޝްތިހާރު ކުރަން ބޭނުން ނަމަ، އެ މީހުން ދައްކާ ވާހަކަތައް ހަގީގަތަކަށް ވާން ޖެހޭ ކަމަށެވެ. އަދި މި މައްސަލައިގައި އެ ކުންފުނިން ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އެހެންކަމުން މިއީ، މާލީ މަންފާއެއް ހޯދުމަށް ގޫގުލްއިން ދޮގު ހެދުމުން އެކުންފުނި ޖަވާބުދާރީ ކުރުވުން ކަމަށް ޕެކްސްޓަން ވިދާޅުވިއެވެ.

ގޫގުލް އިން ނެރުނު ބަޔާނެއްގައި ބުނީ އިޝްތިހާރުކުރުމުގެ ގާނޫނުތަކަށް އަމަލުކުރުމަކީ އެ ކުންފުނިން ސީރިއަސްކޮށް ބަލައިގަންނަ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރެވުނީތީ ވަރަށް އުފާވާ ކަމަށް ތަރުޖަމާނު ހޯސޭ ކަސްޓަނެޑާ ވިދާޅުވިއެވެ.

އެއް ކުންފުންޏަކުން ވަކި ދާއިރާއެއްގެ ވިޔަފާރި ކޮންޓްރޯލްކޮށް، މޮނޮޕޮލައިޒް ކުރުމާ ދެކޮޅަށް ހަދާފައިވާ ގާނޫނުތަކާ ގޫގުލް ޚިލާފުވާތީ އެ ކުންފުންޏާ ދެކޮޅަށް އެކި ގައުމުތަކުގައި ކޯޓަށް މައްސަލަތައް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި އެމެރިކާގެ އިތުރުން އިންޑިއާ ވެސް ހިމެނެއެވެ.

comment ކޮމެންޓް