އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

އިސްރާއީލުގެ އަސްކަރީ މަތިންދާ ބޯޓުތަކުން މެނދުކެނޑުމެއްނެތި ގައްޒާއަށް ވައިގެ ހަމަލާތައް ދެމުން ގެންދާއިރު، އެ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްނެތް 31 މީހުން ޝަހީދުކޮށް، މީހުން ދިރިއުޅޭ އެތައް އިމާރާތްތަކެއް ވަނީ ހަލާކު ކޮށްލައިފައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ރައްޔިތުން ވަނީ ޒަޚަމް ވެފައެވެ.

އެ އަމަލުތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްރާއީލު ސިފައިންގެ އެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ ގެ ސަލާމަތޫ މަޖިލީހާއި، އާންމު މަޖިލީހުގެ ކަމާބެހޭ ގަރާރުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި، އެފަދަ ކަންކަމުގެ ސަބަބުން ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް ކުރާ ހުރިހާ މަސައްކަތަކަށް ވެސް ހީނަރުކަން އަންނަކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރުމަށާއި، އަބުރުވެރިކަމާ އެކު ދިރިއުޅުމުގެ ހައްގު ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދު ވެސް ތާއީދުކޮށް އެއްބާރުލުން ދޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ "ޓޫ ސްޓޭޓް ސޮލިއުޝަން" ނުވަތަ ފަލަސްތީނާއި، އިސްރާއީލަކީ ވަކި ދެ ދައުލަތެއްގެ ގޮތުގައި ގާއިމް ކޮށްގެން ކަމަށާއި، މި މައްސަލައަށް ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރި ރަށުގެ ގޮތުގައި ބަލައިގަނެގެން ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާ ތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 90 އަށް ވުރެ މައްޗަށް އަރައިފައެވެ.

comment ކޮމެންޓް