ޓްވިޓާގެ އާ ސީއީއޯއަކަށް، އެންބީސީ ޔުނިވާސަލްގެ އެޑްވަޓައިޒިންގައި އިސްކޮށް ހުރި ލިންޑާ ޔަކަރީނޯ

ޓްވިޓާގެ ސީއީއޯގެ މަގާމަށް އައްޔަންކުރި އެންބީސީ ޔުނިވާސަލްގެ ކުރީގެ ހެޑް އޮފް އެޑްވަޓައިޒިން، ލިންޑާ ޔަކަރީނޯ -- ފޮޓޯ/ ގެޓީ

ސޯޝަލް މީޑިއާ ކުންފުނި ޓްވިޓާގެ ސީއީއޯގެ މަގާމަށް އެންބީސީ ޔުނިވާސަލްގެ ކުރީގެ ހެޑް އޮފް އެޑްވަޓައިޒިން، ލިންޑާ ޔަކަރީނޯ ހަމަޖައްސައިފިއެވެ.

ޓްވިޓާގެ ސީއީއޯ ކަމާ މީގެ ހަ މަސް ކުރިން ހަވާލުވި ބިލިއަނަރު އީލޯން މަސްކް ބުނީ، ޓްވިޓާގެ ވިޔަފާރީގެ ކަންކަން ދެން ބަލަހައްޓާނީ ޔަކަރީނޯ ކަމަށެވެ. އަދި އޭނާގެ ރަސްމީ މަސައްކަތް ހަ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް މަސްކް ބުންޏެވެ.

ލިންޑާ އެ މަގާމަށް ހަމަޖެއްސި ނަމަވެސް ޓްވިޓާގެ އެގްޒެކެޓިވް ޗެއާމަން ކަމާއި ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމުގައި ހުންނާނީ މަސްކް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"މި ޕްލެޓްފޯމް ރަނގަޅު މިސްރާބަކަށް ގެނައުމަށް ލިންޑާއާ އެކު މަސައްކަތް ކުރެވޭނެ ކަމުގެ އުއްމީދު އެބަ އޮތް،" މަސްކް ބުންޏެވެ.

މިދިޔަ އަހަރު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތް މަސްކްއަށް އެ ކުންފުނީގެ ސީއީއޯގެ މަގާމާ ދުރަށް ޖެހެން މަޖުބޫރުވެފައި ވަނީ އޭނާގެ އެހެން ވިޔަފާރިތަކަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވާން ފެށުމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު 500 ޓެކް ކުންފުނިތަކުގެ ތެރެއިން އަންހެނުން އިސްކޮށް ތިބެނީ އެންމެ 10 ޕަސެންޓް ކުންފުނިތަކުގައެވެ.

އިޓަލީ ނަސްލުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ޔަަކަރީނޯގެ ބައްޕައަކީ ފުލުސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އޭނާގެ މަންމައަށް މަތީ ތައުލީމު ހާސިލުކުރެވިފައި ނުވި ނަމަވެސް ޔަކަރީނޯ ވަނީ އެމެރިކާގެ ޕެން ސްޓޭޓް ޔުނިވާސިޓީއިން ދަސްވެނިވެފައެވެ.

ޔަަކަރީނޯ އެންބީސީ ޔުނިވާސަލްއާ ގުޅުމުގެ ކުރިން ޓާނާ އެންޓަޓެއިންމަންޓްގައި 15 އަހަރު މަސައްކަތްކޮށް، ގާތްގަނޑަކަށް 2،000 މީހުންގެ ކަންކަން ބަލަހައްޓައި، އެ ކުންފުނީގެ ސްޓްރީމިން ޚިދުމަތް ތައާރަފު ކުރުމުގެ މަސައްކަތުގައި ބައިވެރިވިއެވެ. އަދި ބޮޑެތި ބްރޭންޑްތަކާ އެކު ގާތް ގުޅުމެއް ބާއްވައި، އެ ބްރޭންޑުތަކުގެ އުފެއްދުންތައް ޓީވީ ޝޯތަކުގައި އިޝްތިހާރު ކުރުމުގެ ފުރުސަތު އެނާ ހޯދަދީފައިވެއެވެ.

ޔަކަރީނޯ ވަނީ އެޕަލް ނިއުސް، ސްނެޕްޗެޓް އަދި ޔޫޓިއުބް ފަދަ ކުންފުނިތަކާ އެކު ވެސް ގުޅުން ބަދަހިކޮށްފައެވެ.

މިދިޔަ އަހަރު ޓްވިޓާއަށް މަސްކް އެންމެ ފުރަތަމަ ގެނައި ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ފެށުމުން އޭނާ ބުނީ އެ ޕްލެޓްފޯމުން އިޝްތިހާރަށް ބަރޯސާވާ މިންވަރު ކުޑަކޮށް ކޮންޓެންޓް މޮޑަރޭޓް ކުރާ ގޮތަށް ބަދަލުތަކެއް ގެންނަން ބޭނުންވާ ކަމަށެވެ. އަދި އެ ސައިޓުގެ މަސައްކަތްތައް ފުޅާކޮށް ފައިސާ ދެއްކުމާއި އެންކްރިޕްޓެޑް މެސެޖިން އާއި ފޯން ކޯލްތައް ހިމަނައިގެން އާ މަރުހަލާއަކަށް ބަދަލުކުރަން ބޭނުންވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ނަމަވެސް މަސްކް ކުންފުންޏާ ހަވާލުވުމާއެކު އެތައް ހާސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި، މަސްކްގެ ވިސްނުމާ އެއްގޮތަށް ޓްވިޓާގެ ކަންކަން މިހާތަނަށް މާރަނގަޅަކަށް ނުދާކަމަށްބުނެ ޓްވިޓާ ބޭނުންކުރާ ގިނަބަޔަކު ޓްވިޓާ ދޫކޮށްލުން ފަދަ ބޮޑެތި ގޮންޖެހުންތަކާ މަސްކްއަށް ވަނީ ކުރިމަތިލާންޖެހިފައެވެ.

މަސްކް ޓްވިޓާއަށް ގެނައި ބަދަލުތަކުގެ ސަބަބުން އިޝްތިހާރުކުރާ ބައެއް ފަރާތްތަކުގެ މެދުގައި ކަންބޮޑުވުން އުފެދި، އެ މީހުންގެ ބްރޭންޑްތަކަށް ނުރައްކާވެދާނެތީ އެ ކުންފުނިތަކުން އެ ސައިޓަށް ކުރާ ޚަރަދުތައް ހުއްޓާލިއެވެ. އޭގެ ސަބަބުން ކުންފުނީގެ އާމްދަނީ ދަށްވިކަން މަސްކް ވަނީ ގަބޫލުކޮށްފައެވެ.

މީގެ އިތުރުން، ޓްވިޓާއިން ދޮގު މައުލޫމާތު ފެތުރުމާއި ނަފުރަތު އުފެދޭ ވާހަކަތައް މެނޭޖުކުރާ ގޮތާ މެދު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ޓްވިޓާ ހިންގަން ޔަކަރީނޯއަށް ގޮންޖެހުންތަކާ ކުރިމަތިވެދާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

comment ކޮމެންޓް