އުކުޅަހު ރައްޔިތުންގެ ތުހުމަތު: ރާ ވިއްކާ ސަފާރީއަށް ދެނީ ހިމާޔަތް!

އުކުޅަހުގައި ރާ ވިއްކާކަމަށް ތުހުމަތުކުރާ ސަފާރީ --

އުކުޅަހު ބަނދަރުގައި ބާއްވައިގެން ރާ ވިއްކާކަމަށް ތުހުމަތުކުރާ ސަފާރީ އެ ރަށުން ބޭރުކުރުމުގެ ބަދަލުގައި ކައުންސިލާއި ފުލުހުން އެ ސަފާރީއަށް ހިމާޔަތް ދޭ ކަމުގެ ތުހުމަތު އެ ރަށު މީހުން ކުރަން ފަށައިފިއެވެ.

އުކުޅަހުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ސަފާރީއަކީ ފުރަތަމަ އައު އަހަރަށް ރާ ވިއްކަން ގެނައި އެއްޗެއް ކަމަށެވެ. އަދި އޭރު ރާ ވިއްކީ ފަޅު ބޭރުގައި ބާއްވައިގެން ކަމަށް އޭނާ ބުންޏެވެ.

އޭގެ ފަހުން ރާ ހުސްވެގެން ސަފާރީ އަނބުރާ މާލެ އައެވެ. އެއަށްފަހު ދުވަސްތަކެއް ފަހުން ގޮސް އެ ސަފާރީ ވެއްދީ އެ ރަށު ބަނދަރަށެވެ. ރާ ބޭލުމާއި ވިއްކުމުގެ މަސައްކަތް ކުރަން ފެށީ އެ ރަށު ބަނދަރުގައި ސަފާރީ ބާއްވައިގެންނެވެ. އެ ސަފާރީއަށް އެ ރަށުގެ ބައެއް މީހުން ވެސް އަރާކަމަށް އެރަށުން ވާހަކަދެއްކި ބައެއް ކީހުން ކިޔައިދިނެވެ.

އެއީ ރައްޔިތުންގެ ރުޅިގަނޑު ކޮންޓްރޯލް ނުވެ ފަޅައިގެން ދިޔަ ހިސާބެވެ. ކައުންސިލާއި ފުލުހުންނަށް އެ ކަމުގެ ޝަކުވާތަކައިގެން ރައްޔިތުން ދާން ފެށިއެވެ.

"ޓޫރިޒަމް މިނިސްޓްރީން ރާ ވިއްކުމުގެ ހުއްދަ ވެސް ދީފަ އޮންނަ ސަފާރީއެއް އެއީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އުކުޅަހު ކައުންސިލާ ވާހަކަ ދެއްކުމުން ބަނދަރުގައި ބާއްވައިގެން މަރާމާތުކުރަން ސަފާރީއަށް ހުއްދަ ދީފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އެ ހުއްދައިގެ ކޮޕީ ދިނުމަށް ރައްޔިތުން އެދުނަސް އެ ހުއްދަ ދީފައެއް ނުވެއެވެ.

"އޭގެ ހަތަރު ދުވަސް ފަހުން ފުލުހުންނަށް ކައުންސިލުން އެންގީ ތިމަންނަމެން ނުދެމޭ ހުއްދައެއް، ގާނޫނާ ގަވައިދާ ޚިލާފަށޭ އެ އޮތީ ވަދެ،" އެ ރަށު މީހަކު ބުންޏެވެ.

އެ ހިސާބުން ފުލުހުން އެ ސަފާރީ ބަނދަރުން ނެރުމުގެ މަސައްކަތް ފެށިއެވެ. ކޯޓުން ފުލުހުންނަށް އަމުރުކުރީ އެ ސަފާރީ ބަލާ ފާސްކުރުމަށެވެ. އެކަމަކު، އެ ރަށު ރައްޔިތުން ދެކޭ ގޮތުގައި އެ ސަފާރީ ބަލާ ފާސްކޮށްގެން ވާނެ ކަމެއް ނެތެވެ.

"އެއީ ރާ ވިއްކަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައި އޮތް އެއްޗެއް. އެހެންވީމަ ކޮންމެހެން ބަލާ ފާސްކުރަން ޖެހޭ އެއްޗެއް ވެސް ނޫން ދޯ އެއީ،" އޭނާ ބުންޏެވެ.

ރައްޔިތުން އެދެނީ ސަފާރީ ފަޅުން ނެރެދިނުމަށެވެ. ކަންބޮޑުވުމަކީ ބަނދަރުގައި ބާއްވައިގެން ފާޅުގައި ރަށަށް ބަނގުރާ ވިއްކުމެވެ.

"ބުނީމަ ފުލުހުން ބުނީ އެ ގޮތަށް ނުނެރެވޭނޭ. ފުލުހަށް ކައުންސިލުން ލިޔުމެއް ފޮނުވަން ޖެހޭ ގާނޫނާއި ގަވައިދާ ޚިލާފަށް ކަމަށް،" އޭނާ ބުންޏެވެ.

އެ ލިޔުން ވެސް ކައުންސިލުން ފުލުހުންނަށް ދިންކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް އެ ކަމަށް އެ ދުވަހު އެއްކޮށް ވެސް ހައްލެއް ނުލިބުމުން ރޭ އަށެއް ޖެހިއިރު ކައުންސިލަށް ގޮސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ.

އުކުޅަހު ރައްޔިތުން ކައުންސިލުގައި ނުރުހުން ފާޅުކުރަނީ --

ކައުންސިލް ތެރޭ ވަރަށް ގިނަ ވަގުތު ވާހަކަ ދެއްކުމަށްފަހު ރައްޔިތުން އެ ރަށު ނެރު ބަންދުކުރީއެވެ. އެކަމުގެ ސަބަބުން ފުރަން ބޭނުންވި އުޅަނދަކަށް ނުވެސް ފުރުނެވެ.

"މިއަދު ހެނދުނު 8 ޖެހި ފަހުން ނެރު ދޫކޮށްލައިފައި ކައުންސިލް ބަންދުކުރީ،" އޭނާ ކިޔައިދިނެވެ.

ކައުންސިލް އިދާރާގެ ދޮރުކުރިމަތީގައި އޮތީ ބޮއްކުރައެއް ބާއްވައިފައެވެެ. އޭގައި ރާފުޅިތަކެއް ކަމަށް ދައްކުވައިދޭ ފުޅިތަކެއް ވެސް ހުއްޓެވެ.

އުކުޅަހުގެ ރައްޔިތުންގެ ރުޅިގަނޑު ކޮންޓްރޯލްނުވެ އެ ރަށުގައި އޮތީ ހިޔާލުތަފާތުވުން އުފެދިފައެވެ. ރައްޔިތުން ނުކުމެ ކައުންސިލަށް ގޮސް ވެސް ވަނީ އަޑުގަދަކޮށްފައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި އެސްއޯ ފުލުހުންގެ ގުރޫޕެއް ވެސް މިހާރު ވަނީ އެ ރަށަށް ގޮސްފައެވެ.

"ކައުންސިލުން ރިޕޯޓްކުރީ ކަންނޭނގެ އެ މީހުންގެ އެއްޗިއްސަށް ގެއްލުންދިނީ އޭ ކިޔާފައި. އާއްމުން ހައްޔަރުކުރަން ހެން ހީވަނީ އެސްއޯ ފުލުހުން އައިސް އެ އުޅެނީ،" އޭނާ ބުންޏެވެ.

އެސްއޯ ފުލުހުން އުކުޅަހުގައި --

އިތުރަށް އޭނާ ބުނީ ސަފާރީއަށް އެއްވެސް ފިޔަވަޅެއް އަޅަން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅުމުން އެއީ މަދަނީ މައްސަލައަކަށް ވާތީ، އެކަމުގައި ޖަވާބުދާރީ ވުމަށް ކައުންސިލާއި ސަފާރީއަށް ވެސް، މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް މުހުލަތެއް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ދެން ކުރި ތުހުމަތަކީ އާއްމުންގެ ތެރެއިން މި ކަން ހުއްޓުވަން އުޅޭ މީހުން ހައްޔަރުކުރަން އުޅޭ ކަމުގެ ތުހުމަތެވެ. އާއްމުންގެ ތެރެއިން ހައްޔަރުކުރަން ބޭނުންވާ މީހުންގެ ކޯޓު އަމުރު ޖަހައިފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ކައުންސިލާއި ފުލުހުން ގުޅިގެން ކުރާ ކަމެއް އެއީ،" އޭނާ ބުންޏެވެ.

އުކުޅަހަކީ ގެސްޓުހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ރަށެކެވެ. އެހެން ނަމަވެސް، އެ ރަށުގައި ބަނގުރާ ވިއްކުމާ ރަށުގެ ރައްޔިތުން މުޅިން ދެކޮޅެވެ.

comment ކޮމެންޓް