އުކުޅަހުގައި ބަނގުރަލުގެ މައްސަލަ ބޮޑުވެ ރައްޔިތުން ކައުންސިލު އިދާރާއަށް

އުކުޅަހު ރައްޔިތުން ކައުންސިލް އިދަރާއަށް އެއްވެ ކަންބޮޑުވުން ފާޅުކުރަނީ -- ފޮޓޯ/ ކިޔުންތެރިއެއް

އއ. އުކުޅަހު ފަޅުތެރޭގައި އޮތް ސަފާރީއަކުން ރަށަށް ބަނގުރާ އެތެރޭކުރާ މައްސަލަ ބޮޑުވެ، އެންމެ ފަހުން އެކަން ހުއްޓުވުމަށް އެދި ރަށު ރައްޔިތުން ކައުންސިލް އިދާރާއަށް ޖަމާވެއްޖެއެވެ.

މިކަމާ ގުޅިގެން އުކުޅަހުން މިރޭ "ސަން"އާ ވާހަކަ ދެއްކި މީހަކު ނަން ހާމަނުކުރުމަށް އެދި ބުނީ، މި މައްސަލައިގައި ގިނަ ކަންބޮޑުވުންތަކެއް ރައްޔިތުންގެ އެބައޮތްކަމަށެވެ. އަދި އެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުން އެތައް ފަހަރެއްގެ މަތިން ކައުންސިލާ ބައްދަލުކޮށްފައި ވާކަމަށް ވެސް އޭނާ ބުންޏެވެ.

ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި، ކައުންސިލުން ފުލުހަށް އެ މައްސަލަ ހުށަހެޅުމުން ފުލުހުން މިއަދު ސަފާރީ ބަލާ ފާސްކުރަން ދިޔަ އިރު އޭގައި ހުރި ބަނގުރާތައް ވަނީ ސަފާރީން ބޭރުކޮށްފައެވެ.

"އެކަމަކު އެ ހަމަ ރާ ހިފައިގެން އައިސް އޮތް ސަފާރީއެއް. އޭގެން ރަށުތެރެއަށް ރާ އެތެރެ ކުރޭ،" އޭނަ ބުންޏެވެ.

އުކުޅަހުގެ ގިނަ ރައްޔިތުންތަކެއް މިއަދު ކައުންސިލް އިދާރާއަށް ގޮސް އެދުނީ ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ އުކުޅަހު ފަޅުން ބޭރުކޮށްދިނުމަށެވެ.

އުކުޅަހު ރައްޔިތުން ކައުންސިލް އިދަރާއަށް އެއްވެ ކަންބޮޑުވުން ފާޅުކުރަނީ -- ފޮޓޯ/ ކިޔުންތެރިއެއް

"މިހާރު ކައުންސިލުން އެއްބަސް ވެއްޖެ ކޯޓު އަމުރަކަށް އެދި ސިޓީ ލާން. މިހާރު ކައުންސިލުން ކޯޓު އަމުރަށް އެދި ސިޓީ ވެސް ލިޔެ ނިމިއްޖެ،" އޭނާ ބުންޏެވެ.

އޭނާ ބުނީ، އުކުޅަހު ރައްޔިތުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް އެ ސަފަރީ އުކުޅަހު ފަޅުން ބޭރުކުރަން ކަމަށެވެ. އަދި އެ ރަށަށް ދިމާވެފައިވާ މަސްތުވާ ތަކެތީގެ މައްސަލަ ހައްލުކުރަން ކަމަށް އޭނާ ބުންޏެވެ.

"ފުލުހުން ބުނި ކޯޓު އަމުރެއް ނެރުނީމަ ވަގުތުން ސަފާރީ ފަޅުން ބޭރުކޮށްދޭނެ ކަމަށް،" އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

މީގެ ކުރިން މި މައްސަލައިގައި "ސަން"އަށް މައުލޫމާތު ދެމުން އުކުޅަހު ކައުންސިލްގެ ނައިބު ރައީސް ހުސައިން ރިޔާޒް ވިދާޅުވީ، އެ ސަފާރީއަކީ މަރާމާތުގެ މައްސަލައަކަށް އުކުޅަހަށް އައިސް އޮތް ސަފާރިއެއް ކަމަށެވެ. އަދި އެ ސަފާރީގެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވާކަމަށް އޭރު އޭނާ ވިދާޅުވިއެވެ.

އުކުޅަހަކީ ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ.

comment ކޮމެންޓް