އައިފޯން 15 ޕްރޯ: ސްކްރީނުން ބޮޑު ބަދަލެއް ފެންނާނެ

އައިފޯން 15 ސީރީޒްގެ ޕްރޯ ފޯންތައް ވާނީ ސްކްރީންގެ ކައިރިފަށް ނުވަތަ ބެޒެލް އެންމެ ހަނި ފޯނުތަކަށް ކަމަށް ޚަބަރު ފެތުރިއްޖެއެވެ.

އެޕަލްއިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާ އައިފޯންތައް ނެރޭނެ ކަމަށް ބެލެވޭއިރު، އެ ފޯނުތަކާ ގޮތުން ތަފާތު ވާހަކަތައް އިންޓަނެޓުގައި ފެތުރެމުން އަންނަތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. ނަމަވެސް ދެން ނެރޭނެ އައިފޯންތަކާ ބެހޭ އެއްވެސް މައުލޫމާތެއް އެޕަލްއިން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައިނުވެއެވެ.

އައިފޯން 15 ޕްރޯ މެކްސްގެ ޑިސްޕްލޭ ސްޕެސިފިކޭޝަންތަކެއް ލީކުވެފައިވާއިރު، އެ ފޯނުގެ ބެޒެލް އައިފޯން 14 ޕްރޮ މެކްސްއަށް ވުރެ ހަނިވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި 15 ޕްރޯގެ ސްކްރީން ޕްރޮޓެކްޓާ ހުންނާނެ ގޮތް ކަމަށް ބުނާ ފޮޓޯއެއް ވެސް ވަނީ ލީކުވެފައެވެ.

އެ ސްކްރީން ޕްރޮޓެކްޓާގެ ފޮޓޯ އާންމުކޮށްފައި ވަނީ، ތަފާތު ޑިވައިސްތަކާ ބެހޭ މައުލޫމާތު ރަސްމީކޮށް ހާމަކުރުމުގެ ކުރިން އެފަދަ މައުލޫމާތު ހިއްސާކުރާ އެކައުންޓެއް ކަމަށްވާ 'އައިސް ޔުނިވާސް'އިންނެވެ. އެ ފޮޓޯއާއެކު އޭނާ ވަނީ އައިފޯން ޕްރޯގެ ފޮޓޯއެއް ކަމަށް ބުނާ ފޮޓޯއެއް ވެސް އާންމުކޮށްފައެވެ.

ލީކުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އައިފޯން 15 ޕްރޯ މެކްސްގެ ބެޒެލް ސައިޒް ވާނީ މިހާތަނަށް ނެރުނު ހުރިހާ އައިފޯނަށް ވުރެ ވެސް ތުނި ބެޒެލްއަށެވެ. އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯން 14 ޕްރޯ މެކްސްގައި ހުންނަނީ 2.17 މިލިމީޓަރުގެ ބެޒެލް އެކެވެ.

ސްމާޓްފޯނުގެ ސްޕެސިފިކޭޝަންތަކަށް މަޝްހޫރު އޮންލައިން ސައިޓެއް ކަމަށްވާ "91 މޮބައިލްސް" އިން ވަނީ ދެން ނެރޭނެ އައިފޯންގެ ބެޒެލް ސައިޒް އެހެން ކުންފުނިތަކުގެ ފޯނުގެ ބެޒެލް ސައިޒަށް ވުރެ ކުޑަވާނެ ކަމަށް ބުނެފައެވެ. އެގޮތުން ޝިއޯމީ 13ގެ 1.81 މިލިމީޓަރުގެ ބެޒެލް ސައިޒަށް ވުރެ ވެސް 15 ޕްރޯގެ ބެޒެލް ހަނިވާނެ ކަމަށް އެ ނޫހުގައިވެއެވެ.

މީގެ އިތުރުން އައިފޯން 15 ޕްރޯގައި ވޮލިއުމް ބަޓަން ހުންނާނީ ވަކިކޮށްފައި ކަމަށް ދާދި ފަހުން ނެރުނު ރިޕޯޓްތަކުގައިވެއެވެ. އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގާނޫނަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އެޕަލް އިން ލައިޓްނިން ޕޯޓް ދޫކޮށްލައި، އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަށް ޔޫއެސްބީ ޓައިޕް-ސީ ޕޯޓެއް މި އަހަރު ލާނެ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓްކޮށްފައެވެ.

comment ކޮމެންޓް