ސަފާރީއަކުން އުކުޅަހަށް ބަނގުރާ އެތެރެ ކުރާ މައްސަލަ ބޮޑުވެ، ފުލުހަށް

އއ. އުކުޅަސް -- ފޮޓޯ/ ފޭސްބުކް

އއ. އުކުޅަހު ފަޅުތެރޭގައި އޮންނަ ސަފާރީއަކުން އެ ރަށަަށް ބަނގުރާ އެތެރެކުރާ މައްސަލަ ބޮޑުވެ އެ މައްސަލަ އެރަށު ކައުންސިލުން ފުލުސް އޮފީހަށް ހުށަހަޅައިފިއެވެ.

އުކުޅަހު ކައުންސިލްގެ ނައިބު ރައީސް ހުސައިން ރިޔާޒް "ސަން"އަށް ވިދާޅުވީ، މަރާމާތުގެ މަސައްކަތެއް ކުރަން އެރަށަށް ގޮސް އޮތް ސަފާރީއަކުން ރަށަށް ބަނގުރާ އެތެރެކުރާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ރަސްމީ ސިފައެއްގައި އެ މައްސަލަ އެ ކައުންސިލަށް ހުށަނޭޅިޔަސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެ ތުހުމަތުކޮށް ކަންބޮޑުވުންފާޅުކުރާ ކަމަށެވެ.

އެ ސަފާރީގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން އޭނައާ ބައްދަލުކުރެވޭގޮތް ނުވި ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

އުކުޅަހުން "ސަން"އާ ވާހަކަދެއްކި ބައެއް މީހުން ކިޔައިދިންގޮތުގައި ސަފާރީން އެރަށަށް ބަނގުރާ އެތެރެކުރާ މައްސަލާގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ނަމަވެސް ހިތާމަޔަކީ އެކަމަށް ހައްލެއް ނުލިބުން ކަމަށް އޭނާ ބުންޏެވެ.

"މިކަމަށް އެއްވެސް ހަލެއް ނުލިބުނު. ބަނގުރާ ރަށުތެރެއަށް އެތެރެކުރަނީ މިވަރު ބޮޑު ކުށެއް ކުރާއިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ހިތާމަހުރި ކަމެއް،" އުކުޅަހުން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.

comment ކޮމެންޓް