ޑައިވަރުން ތަމްރީނުކުރުމުގެ ތިންވަނަ ބުރު ހިންގާނެ ޑައިވް ސެންޓަރުތައް ހޯދަނީ

ޑައިވަރުން ތަމްރީނުކުރުމުގެ ފުރަތަމަ ބެޗަށް ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒްއާ އެކީ ކޯސް ފުރިހަމަ ކުރި ބައިވެރިން --- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް، އިކޮނޮމިކް މިނިސްޓްރީ އާއި ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ ތަމްރީން ޕްރޮގްރާމުތަކުގެ ދަށުން ޑައިވް ކޯސްތައް ހިންގާނެ ޑައިވް ސެންޓަރުތައް ހޯދަން މިއަދު ހުޅުވާލައިފިއެވެ.

މިއީ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން، ހިންގާ ތަމްރީން ޕްރޮގްރާމުތަކުގެ ތެރެއިން ޑައިވިންގެ ދާއިރާއިން ކޯސްތަކަށް ހުޅުވާލި ތިންވަނަ ފަހަރެވެ. މި ބުރުގައި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނާ ގުޅޭ މައުލޫމާތުގައިވާ ގޮތުން ޑައިވިންގެ ދާއިރާއިން ތިން ކޯހެއް ހިންގުމަށް ވަނީ ހުޅުވާލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޑައިވް މާސްޓާ ކޯހުގެ މުޅި ޕެކޭޖު
  • ޑައިވް އިންސްޓްރަކްޓާ ޑެވެލޮޕްމެންޓުގެ މުޅި ޕެކޭޖު
  • މަސްވެރިންނަށް ހާއްސަކޮށް، ޕްރޮފެޝަނަލް ޑައިވް ތަމްރީން ކޯހެއް

މިފަހަރު އިއުލާނުކުރި ކޯސްތަކުގެ ތެރެއިން މަސްވެރިންނަށް ޙާއްސަކޮށް ހިންގާ ތަމްރީން ޕްރޮގްރާމަކީ މުޅިން އަލަށް ހުޅުވާލާ ކޯހެކެވެ. މީގެ ކުރީގެ ބެޗުތަކަށް ހިންގީ ޑައިވް މާސްޓާ ކޯހާއި ޑައިވް އިންސްޓްރަކްޓާ ކޯހެވެ.

މި ތިން ކޯސް ވެސް އޮކްޓޯބަރު 31 ވަނަ ދުވަހުގެ ކުރިން ނިމެންވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

ޑައިވަރުން ތަމްރީންކުރުމަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު ކަމެއް ނަމަވެސް މީގެ ކުރިން ސަރުކާރުގެ ޙަރަދުގައި ޑައިވަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ހިންގާފައި ނުވެއެވެ. އެކަމަކު މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުން އެކަނި ވެސް 200އަށް ވުރެ ގިނަ ދިވެހިން ވަނީ ޑައިވް ކޯސްތައް ފުރިހަމަކޮށް، ފަންނީ ސެޓިފިކެޓް ހޯދާފައެވެ. .

ވާލްޑް ބޭންކުގެ ސަރުކާރުން ފަށައިގެން އުޅޭ އަޕްސްކިލިން އެންޑް ޓްރެއިނިން ޕްރޮގްރާމުގެ މަގްސަދަކީ ކޮވިޑުގެ ސަބަބުން އާމްދަނީއަށް އަސަރުކުރި މީހުންނާއި ވަޒީފާ ގެއްލުނު މީހުން އަލުން ވަޒީފާއަށް ނުކުތުމަށް ބޭނުންވާ ހުނަރާއި ތަމްރީން ފޯރުކޮށްދީ، ވަޒީފާގެ ފުރުސަތުތައް މަގުފަހިކޮށްދިނުމެވެ.

ޑައިވިން ދާއިރާގެ އިތުރުން، އެކައުންޓިން އާއި އައިސީޓީ އާއި ސެކިއުރިޓީ ދާއިރާއިން ވެސް މީހުން ތަމްރީންކުރުމުގެ މަސައްކަތް ވެސް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. ހަމައެހެންމެ، ސަރުކާރު ކުންފުނިތަކާ ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ވެސް އަންނަނީ ހިންގަމުންނެވެ.

comment ކޮމެންޓް