ގޫގުލްގެ އެކައުންޓްތަކަށް ޕާސްވޯޑާ ނުލައި ލޮގިން ވެވޭގޮތް ހަދަނީ

ގޫގުލް އެކައުންޓް ބޭނުންކުރާ މީހުންނަށް ޕާސްވޯޑާ ނުލައި ލޮގިން ވެވޭގޮތް ހެދުމުގެ މަސައްކަތް ގޫގުލްއިން ފަށައިފިއެވެ.

ގިނަ ޕާސްވޯޑް ބޭނުން ކުރަން ޖެހުމުން ޕާސްވޯޑް ހަނދާން ނެތުމާއި ރީޒެޓް ކުރަން ޖެހުމުން އުނދަގޫތަކާ ކުރިމަތިވާތީ، އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ގޫގުލްއިން ތައާރަފުކޮށްފައި ވަނީ ޕާސްކީ އެވެ.

އެއާއެކު، ޑިވައިސްތައް އަންލޮކް ކުރާ ފަދައިން ޕާސްކީ ބޭނުންކުރާ މީހުންނަށް އެޕްލިކޭޝަންތަކާއި ވެބްސައިޓްތަކަށް ސައިން އިން ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ގޫގުލްއިން އެ ފުރުސަތު ފަހިކޮށްދެނީ ފިންގަޕްރިންޓާއި ފޭސް ސްކޭން ނުވަތަ ސްކްރީން ލޮކް ޕިން އަކާއެކުގައެވެ.

މިއީ ޕާސްވޯޑް ނުގެންގުޅޭ މުސްތަގުބަލަކަށް އެޅުނު ބޮޑު ފިޔަވަޅެއް ކަމަށް ސިފަކޮށް ގޫގުލް އިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނީ އެޕްތަކާއި ވެބްސައިޓްތަކަށް ސައިން އިން ކުރަން އެންމެ ފަސޭހަ އަދި އެންމެ ރައްކާތެރި ގޮތަކީވެސް ޕާސްކީ ކަމަށެވެ.

އަދި ބޮޑެތި ހުރިހާ ޕްލެޓްފޯމެއްގައި ވެސް ގޫގުލް އެކައުންޓްތަކުގައި ޕާސްކީ ބޭނުން ކުރެވޭ ގޮތް ހަދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ޕާސްކީތަކަކީ ޕާސްވޯޑާއި ދެ ސްޓެޕް ވެރިފިކޭޝަންގެ އިތުރުން ސައިން އިން ކުރުމަށް ބޭނުން ކުރެވޭނެ އިތުރު އޮޕްޝަނަކަށް ވާނެއެވެ.

"އަހަރުމެންނާއި އިންޑަސްޓްރީގެ އެހެން މީހުން ވެސް މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ، ޕާސްވޯޑްތަކަށް ލުއި ފަސޭހަ އަދި ރައްކާތެރި ގޮތެއް ގެނައުމަށް. ޕާސްވޯޑްތަކަކީ ގިނަ ފަހަރަށް ހަނދާންނެތި، ނުބައި ޕާސްވޯޑްތައް ޖެހިގެން އެތައް ގޯސްތަކެއް ހެދެމުން އައި އެއްޗެއް. ނަމަވެސް ޕާސްކީ ތަޢާރަފު ކުރި ނަމަވެސް ކުރިއަށް އޮތް ދުވަސްކޮޅަށް ޕާސްވޯޑްތައް ވެސް ބޭނުންކުރަން ވާނެ،" ގޫގުލްއިން ބުންޏެވެ.

ޕާސްވޯޑްތަކަށް ވުރެ ޕާސްކީއަކީ ރައްކާތެރި އަދި ފިޝިން ފަދަ އޮންލައިން ހަމަލާތައް މަދުކުރެވޭނެ އެއްޗެއް ކަމަށް ގޫގުލްގެ ބްލޮގް ޕޯސްޓުގައި ބުނެފައިވެއެވެ.

ގޫގުލްއިން ޕާސްކީގެ ޚިދުމަތް ތަޢާރަފުކުރާއިރު، ޑޮކިއުސައިން، ކަޔަކް، ޕޭޕަލް، ޝޮޕިފައި އަދި ޔާހޫ ފަދަ ޚިދުމަތްތަކަށް، ޖަޕާނުން މިހާރު ވެސް ވަނީ ޕާސްކީތައް އިންޓަގްރޭޓްކޮށް، އެ ހިދުމަތްތައް ބޭނުންކުރާ މީހުންނަށް ސައިން-އިން ޕްރޮސެސް ލުއިކޮށްދީފައެވެ.

ގޫގުލް އެކައުންޓް ބޭނުންކުރާ ފަރާތްތަކަށް މިހާރުވެސް ޕާސްކީތައް ޓްރައި ކުރެވޭނެއެވެ.

ގޫގުލް ވޯކްސްޕޭސް އެކައުންޓްތަކުގެ އެޑްމިނިސްޓްރޭޓަރުންނަށް ވަރަށް އަވަހަށް ސައިން-އިންގައި ޕާސްކީ ލިބޭނެ ގޮތް ގޫގުލްއިން ހަމަޖައްސައިދޭނެއެވެ.

ސިންގަޕޫރު ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އެންޑް ޑިޒައިން (އެސްޔޫޓީޑީ)ގެ އައިޓްރަސްޓްގެ ކޯ ސެންޓަރު ޑައިރެކްޓަރު ޕްރޮފެސަރު ޒޫ ޖިއާނިން ވިދާޅުވީ ޕާސްވޯޑް ބޭނުންކުރުމުން އޮތެންޓިކޭޝަން ރައްކާތެރި ކޮށްދޭއިރު އެކި އެކައުންޓްތަކަށް ތަފާތު ޕާސްވޯޑްތައް ހަނދާން ކުރަން ބޭނުންކުރާ މީހުންގެ ބުރަ ކުޑަވާނެ ކަމަށެވެ.

"އެހެން ނަމަވެސް މި ޕާސްކީތައް ރައްކާތެރިކަމާއެކު ރައްކާކުރެވިފައި ހުންނަ އެއްޗެއް ކަމަށް ނުވެއްޖެނަމަ، އަދި ޑިވައިސް ފަސޭހައިން ހެކް ކުރެވިއްޖެ ނަމަ ޕާސްކީ ކޮމްޕްރޮމައިޒް ވާނެ،" އޭނާ ވިދާޅުވިއެވެ.

ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރުގެ ސްކޫލް އޮފް ކޮމްޕިއުޓިންގެ އެސޯސިއޭޓް ޕްރޮފެސަރު ޗަންގް އީ-ޗިއެން ވިދާޅުވީ ޕާސްކީއެއް ބޭނުންކުރާ މީހާގެ މޯބައިލް ޑިވައިސްގައި ރައްކާކޮށްފައި ހުރުމުން ހަމަލާދޭ މީހުންނަށް ރިމޯޓްކޮށް ވައްކަން ކުރަން ވަރަށް އުނދަގޫވާނެ ކަމަށެވެ.

"ޕާސްކީ ވަގަށް ނަގަން ހަމަލާދޭ މީހާއަށް މޮބައިލް ފޯން އަތަށް ލިބެން ޖެހޭނެ، އަދި (އަންލޮކް) ކުރެވޭ މީހަކަށް ވާން ޖެހޭ. ޕާސްވޯޑެއް ވަގަށް ނެގުމަށް ވުރެ މިއީ މާ އުނދަގޫ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ޕްރޮފެސަރު ޒޫ ވިދާޅުވީ މުހިންމު މައުލޫމާތު ނުހުންނަ އެޕްލިކޭޝަންތަކަށް ޕާސްވޯޑްތަކަކީ އޮތެންޓިކޭޝަން އަދި އެކްސެސް ކޮންޓްރޯލަށް ފުދޭ އެއްޗެއް ކަމަށާއި ދެ ފެކްޓާ އޮތެންޓިކޭޝަނާއެކު ސެކިއުރިޓީ އިތުރު ކުރެވިދާނެ ކަމަށެވެ.

ސަލާމަތީ ހުރިހާ މައްސަލައަކަށް ހައްލެއް ހޯދުމަށް ހަމައެކަނި އެއް ސެކިއުރިޓީ ސޮލިއުޝަނަކަށް ބަރޯސާނުވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު