އިމުގެ މައްސަލައިގައި ސިޔާމްގެ ތައުރީފް ރައީސަށް

ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސިޔާމް މުހައްމަދު

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެ ގައުމުގެ ފުށުއަރާ ކަނޑުގެ ސަރަހައްދުން ބޮޑުބައި ރާއްޖެއަށް ލިބޭ ގޮތަށް, އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ ގުޅިގެން، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ މަސައްކަތްޕުޅަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ތައުރީފު ކުރައްވައިފިއެވެ.

މި ކަމާ ގުޅިގެން ކުރެއްވި ޓްވީޓުގައި އޭނާ ވިދާޅުވީ ކާމިޔާބުކަމާ އެކު މިއަދު ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިޔުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.

އަދި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ފުރިހަމައަށް އަމަލުކޮށް މި މައްސަލަ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ނިމުމުގައި ދިވެހި ސަރުކާރުން ޚާއްސަކޮށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވިސްނުންފުޅާ ސްޓްރެޓެޖިކް މަސައްކަތްޕުޅަށް ސިޔާމް ވަނީ ތައުރީފު ކުރައްވާފައެވެ.

އިމުގެ މައްސަލައިގައި މިއަދު އިޓްލޮސް އިން ނިންމީ ފުށުއަރާ ބައި އިކުއި ޑިސްޓެންޓު އުސޫލުން ބަހައިލުމަށެވެ. މިގޮތަށް އިގްތިސާދީ ސަރަހައްދު ބެހުމުގައި ދެ ގައުމުގެ ދެމެދުގައި ހިޔާލު ތަފާތުވުން އުފެދުނީ ހަމައެކަނި ހިކި ދިޔައިގައި ފެންނަ ބްލެންހެމް ރީފުން ފެށިގެން މިން އަޅަން މޮރިޝަސް އިން އެދުމުންނެވެ.

އެކަމަކު، ރާއްޖެއިން ވަކާލަތު ކުރީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ.

އިޓްލޮސް އިން ވެސް މިއަދު ނިންމީ މޮރިޝަސްގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމަށެވެ. މި ނިންމުމާ އެކު، ރާއްޖެއަށް އިތުރު 4687 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެއެވެ.

comment ކޮމެންޓް