އެކްޓިވިޝަން ގަންނަން މައިކްރޮސޮފްޓް ހެދި 69 ބިލިއަން ޑޮލަރުގެ އެއްބަސްވުމަށް ޔޫކޭއިން ހުރަސްއަޅައިފި

ވީޑިއޯ ގޭމް އުފައްދާ ކުންފުނި އެކްޓިވިޝަން ބްލިޒާޑް ގަތުމަށް މައިކްރޮސޮފްޓުން ހެދި 69 ބިލިއަން ޑޮލަރުގެ އެއްބަސްވުމަށް އިނގިރޭސިވިލާތުގެ ރެގިއުލޭޓަރުން ހުރަސް އަޅައިފިއެވެ.

އިނގިރޭސި ކޮމްޕެޓިޝަން އެންޑް މާކެޓްއޮތޯރިޓީން ނެރުނު އެންމެ ފަހު ރިޕޯޓުގައި ބުނެފައި ވަނީ މި އެއްބަސްވުމުގެ ސަބަބުން ގޭމް އުފައްދާ މާކެޓުގެ ބާރު އެއް ބަޔަކަށް ލިބި، ކުންފުނިތަކުގެ މެދުގައި އޮތް ވާދަވެރިކަން ގެއްލޭނެކަމަށެވެ. އަދި މިކަމަށް އޮތް ހަމައެކަނި ހަރުދަނާ ހައްލަކީ އެ ދެ ކުންފުނި އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުން ކަމުގައެވެ.

މައިކްރޯސްފްޓާއި، އެކްޓިވިޝަންއިން، ނަގުދު ފައިސާއިން ހެދި މި ބޮޑު އެއްބަސްވުމަކީ ޓެކް އިންޑަސްޓްރީގެ ތާރީޚުގައި ވެސް މިހާތަނަށް ދެކުންފުންޏަކުން ހެދި ވިޔަފާރީގެ މިފަދަ އެންމެ ބޮޑު އެއްބަސްވުމަކަށް ވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ވާދަވެރި ސޮނީގެ ފަރާތުން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންދާއިރު، ކޯލް އޮފް ޑިއުޓީ ފަދަ މަޝްހޫރު ގޭމް ފްރެންޗައިޒްތަކުގެ ކޮންޓްރޯލް މައިކްރޮސޮފްޓަށް ލިބިދާނެ ކަމުގެ ބިރު އޮތުމުން އެމެރިކާ އާއި ޔޫރަޕްގެ ރެގިއުލޭޓަރުން ވެސް ދަނީ އެ އެއްބަސްވުމުގެ ކަންތައްތައް ވަރަށް ކައިރިން ބަލަމުންނެވެ.

މައިކްރޮސޮފްޓުން ބުނީ އިނގިރޭސި ސަރުކާރުގެ މި ނިންމުމާ މެދު މާޔޫސްވެފައިވާ ކަމަށާއި އެކަމަކު އެކަން އެހާ ފަސޭހައިން ދޫކޮށްލުމުގެ ވިސްނުމެއް މައިކްރޯސޮފްޓްގެ ނެތް ކަމަށެވެ.

މައިކްރޯސޮފްޓްގެ ވައިސް ޗެއާމަން ބްރެޑް ސްމިތު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މި އިކުއިޒިޝަންގައި ފުރިހަމައަށް ދެމިތިބޭނެ ކަމަށާއި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ނިންމުމަކީ ވާދަވެރިކަމުގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ކަމަށް ބުނެ ގެންނަން އެކަށީގެންވާ ހައްލެއް ނޫން ކަމަށެވެ.

"ޚާއްސަކޮށް ވަރަށް ދިގު މަޝްވަރާތަކަކަށް ފަހު، މި ނިންމުމަކީ މި މާކެޓާއި ކަމާ ގުޅޭ ކްލައުޑް ޓެކްނޮލޮޖީ ހަގީގަތުގައި މަސައްކަތް ކުރާ ގޮތާ މެދު އޮޅުން އަރާ ވިސްނުމެއް ދައްކުވައިދޭ ނިންމުމެއް ކަމަށް ފެންނާތީ ވަރަށް ދެރަވޭ،" ސްމިތު ވިދާޅުވިއެވެ.

އެކްޓިވިޝަން އިން ވެސް ވަނީ އެ މައްސަލަ އިސްތިއުނާފް ކުރުމަށް މައިކްރޮސޮފްޓާއެކު މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް