މަސް ދުވަސް ތެރޭގައި މާފުށިން ގޯއްޗަށް އެދި ހުށަހެޅީ 20 ފޯމު

ކ. މާފުށީ ހިއްކި ބިން --- ފޮޓޯ/ މާފުށީ ކައުންސިލް

ކ. މާފުށީގައި ހިއްކާފައިވާ ސަރަހައްދުން ގޯއްޗަށް އެދި, ފާއިތުވި މަސް ދުވަހުގެ ތެރޭގައި ހުށަހަޅާފައި ވަނީ 20 ފޯމު ކަމަަށް އެ ރަށު ކައުންސިލުން އިއްޔެ ބުނެފިއެވެ.

މާފުށިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 312 ގޯއްޗެވެ. އޭގެތެރެއިން އާންމުންނަށް ހިލޭ ދިނުމަށް ހުޅުވާލާފައިވަނީ 308 ގޯއްޗެވެ. ބާކީ ހަތަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި އުސޫލުންނެވެ.

މާފުށިން ގޯއްޗަށް އިއުލާނުކޮށްފައި ވަނީ މި އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހުއެވެ. މިހާރު އެކަމަށް މަސްދުވަސް ވެފައިވާއިރު، އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެ ރަށު ކައުންސިލުގެ ރައީސް ޙަސަން ޞަލާހު އިއްޔެ "ސަން"އަށް ވިދާޅުވީ، އަދި ފޯމު ހުށަހެޅުމަށް ވަގުތު އެބައޮތް ކަމަށެވެ. އަދި ކުރިއަށް އޮތްތާނުގައި، އިތުރު ފޯމު ހުށަހަޅާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސޮލާހު ވިދާޅުވި ގޮތުގައި މިހާތަނަށް އަދި 20 ފޯމު ލިބުނު ނަމަވެސް، ދިރިއުޅޭނެ ގެއެއް ލިބުމަކީ އެ ރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމެވެ.

އެންމެ ފުރަތަމަ ގޯއްޗަށް އިއުލާންކޮށް، އޭރު އާންމު ކޮށްފައިވާ އުސޫލަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން އެ އިއުލާން މިހާރު ވަނީ ބާތިލު ކޮށްފައެވެ. އަދި މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ އުސޫލަށް ގެނައި އިސްލާހާއެކު ގޯއްޗަށް އެދުމުގެ ފުރުސަތު އަލުން ވަނީ ހުޅުވާލާފައެވެ.

އާ އުސޫލުގައި ވަނީ ދެ އިސްލާހެކެވެ. އެއީ އުމުރުން 40 އަހަރު ފުރިފައިވުން ނުވަތަ އެއަށްވުރެ ދޮށީ މީހުންނަށް 20 ޕޮއިންޓު ދިނުމާއި މާފުށީ ރަށްވެއްސަކަށް ނުވާނަމަ 30 ޕޮއިންޓު އުނިކުރުމުވެ. އެ އިސްލާހާއެކު މާފުއްޓަށް ނިސްބަތް ނުވާ މީހުންނަށް ގޯތި ލިބުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

މިހާތަނަށް ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން އެ ރަށު މީހުން ފިޔަވައި ގޯއްޗަށް ހުށަހެޅި މީހުންގެ އަދަދު ވަނީ ސާފުވާ ގޮތްނުވެފައެވެ.

ގޯއްޗަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ސަރުކާރުގެ ގެޒެޓުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. އަދި މާފުށި ކައުންސިލްގެ އިދާރާއިން، 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:30 އަށް އެ ފޯމް ލިބެން ހުންނާނެއެވެ.

މާފުށި ކައުންސިލުން ބުނީ ފޯމް ބަލައިގަތުން އޮންނާނީ އޭޕްރީލް ނުވަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އާ ހަމައަށް ކަމަށެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިމަކީ މާފުއްޓާ ކައިރީގައި ވަކި ރަށެއްގެ ގޮތުގައި ހިއްކާފައިވާ ބިމެކެވެ. މާފުށީގައި ގޯތި ދޫކުރުމަށް އޮތް ހިއްކި ސަރަހައްދަކީ މީގެ އަހަރެއް ކުރިން މަސައްކަތް ނިންމާ ރަށު ކައުންސިލާ ހަވާލުކޮށްފަ އޮތް ބިމެކެވެ. އެ ބިމުގެ ބޮޑުމިނުގައި 25 ހެކްޓަރުގެ ހުންނާނެއެވެ.

comment ކޮމެންޓް