ޓްވިޓާގެ ވެރިފައިޑް އެކައުންޓްތަކަށް އިސްކަންދޭނަން: މަސްކް

ޓްވިޓާގެ ސީއީއޯ އީލޯން މަސްކް -- ފޮޓޯ/ ގެޓީ

ޓްވިޓާގައިވާ ވެރިފައިޑް އެކައުންޓްތަކަށް އިސްކަން ދޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އީލޮން މަސްކް ބުނެފިއެވެ.

"ވެރިފައިޑް އެކައުންޓްތަކަށް މިހާރު އިސްކަން ދެނީ،" އޭނާގެ ޓުވީޓެއްގައިވެއެވެ.

ބައެއް ރިޕޯޓްތަކުގައިވާ ގޮތުން މަސްކް އެހެން ބުނެފައި ވަނީ، އަލުން "ނޫ ފާހަގަ" ދިނުމުގައި އިސްކަންދޭނީ ކޮން އެކައުންޓުތަކަކަށްކަން ހާމަކުރުމުގެ ގޮތުންނެވެ. އެއީ ނޫފާހަގަ ކުރިން ދޫކޮށްފައިވާ ލެގަސީ ވެރިފައިޑް އެކައުންޓްތަކުން މީގެ ދެ ހަފުތާ ކުރިން އެ ފާހަގަ ނަގާފައިވާތީއެވެ.

ޓްވިޓާގެ މި ނޫފާހަގައިގެ ސަބަބުން އެކައުންޓުގެ ސައްހަކަން ޔަގީންވުމުގެ އިތުރުން ވެރިފައިޑް އެކައުންޓެއް ނަމަ ގިނަ ބަޔަކަށް ފެނުމުގެ ފުރުސަތު ބޮޑުވާނެއެވެ.

އެމެރިކާގެ މަޝްހޫރު އެކްޓަރު ޗާލީ ޝީން ވަނީ އޭނާގެ ނޫ ފާހަގަ އަނބުރާ ދިނުމަށް މަސްކްގެ ކިބައިން ފާޅުގައި އެދިފައެވެ. އޭނާއެކޭ އެއްގޮތަށް އެފަދަ އެހެން ފަރާތްތަކުންވެސް ވަނީ އަލުން ނޫފާހަގަ އިއާދަ ކޮށްދިނުމަށް އެދިފައެވެ.

މަހަކު އަށް ޑޮލަރު ދައްކަން ޖެހޭ ސަބްސްކްރިޕްޝަން ޚިދުމަތެއް ކަމަށްވާ ޓްވިޓާ ނޫފާހަގައާ ދެކޮޅު ހެދި މީހުންގެ ތެރޭގައި ޝީން ވެސް ހިމެނެއެވެ. ނަމަވެސް ޝީންގެ ނޫ ފާހަގަ ވަނީ ވަރަށް އަވަހަށް އަނބުރާ ދީފައެވެ.

މީގެ ކުރިން ޓްވިޓާއިން ބުނެފައި ވަނީ ސަރުކާރުތަކުގެ އިސް އޮފިޝަލުން ހިންގާ ސަރުކާރުގެ އެކައުންޓްތަކުންވެސް ވެރިފައިޑް ސްޓޭޓަސް އުނި ނުކުރާނެ ކަމަށެވެ. ނަމަވެސް ނޫފާހަގަ އުނިކުރި އެކައުންޓުތަކުގެ ތެރޭގައި އޭގެ ބައެއް އެކައުންޓްތައް ވެސް ހިމެނިފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓްވިޓާ ބޭނުންކުރާ ނުފޫޒު ގަދަ އަދި މަޝްހޫރު ގިނަ ބަޔަކު ވަނީ އެ މީހުންގެ ބްލޫ ވެރިފިކޭޝަން ނުވަތަ ނޫފާހަގަ އަލުން އަނބުރާ އިއާދަ ކޮށްދިނުމުން އެކަމަށް މަސްކްއަށް ޝުކުރުއަދާކޮށްފައެވެ.

އެގޮތުން ފާހަގަ ކޮށްލެވޭ އެއް ފަންނާނަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަމީތާބު ބައްޗަން އެވެ. އޭނާގެ ނޫފާހަގަ ގެއްލުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލުން އިއާދަ ކޮށްދިނުމުން އޭނާވެސް ވަނީ މަސްކްއަށް ޝުކުރުއަދާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު