ސްނެޕްޗެޓްގެ އޭއައި ޗެޓްބޮޓް މިހާރު ހުރިހާ ކަސްޓަމަރުންނަށް ހިލޭ ލިބޭނެ

ސްނެޕްޗެޓް އޭއައި ޗެޓްބޮޓް ފެންނަން ހުންނަ ގޮތަށް ބަދަލުގެނެވޭނެ -- ފޮޓޯ/ ސްނެޕް

ސްނެޕްޗެޓްގެ އޭއައި ޗެޓްބޮޓް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ލިބޭނެކަމަށް ސްނެޕްޗެޓުން ބުނެފިއެވެ.

އެ ކުންފުނީގެ "ސްނެޕް ޕާޓްނަރު ސަމިޓުގައި" މިކަން އިއުލާން ކޮށްފައިވާއިރު، ފެބްރުއަރީ މަހު ތައާރަފުކުރި އެ ފީޗާ އެންމެ ފުރަތަމަ ދޫކުރީ ސްނެޕްޗެޓަށް ފައިސާ ދައްކާ ކަސްޓަމަރުންނަށެވެ. އެކަމަކު މިހާރު ސްނެޕް ބޭނުންކުރާ އެންމެންނަށް އެއްވެސް ލިމިޓެއް ނެތި އެ ޗެޓްބޮޓް ހިލޭ ލިބޭނެގޮތް ވަނީ ހަދާފައެވެ.

ސްނެޕްޗެޓްއިން ބުނީ މިހާތަނަށް ޗެޓްބޮޓް ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ދެ މިލިއަން މެސެޖް ފޮނުވާފައިވާ ކަމަށެވެ. މި ފީޗާއަށް އިތުރު ފުރިހަމަކަން ގެނެސް އަޕްގްރޭޑްތައް އިތުރު ކުރަމުންދާއިރު، އޭގެ ތެރޭގައި ގްރޫޕް ޗެޓްތަކަށް ވެސް އޭއައި ލުމާއި 'ސްނެޕް މެޕް'އިން އެ މީހަކަށް ދެވިދާނެ ތަންތަނުގެ ލަފާ ދޭ ފީޗާއެއް ވެސް ތަރައްގީ ކުރުން ހިމެނެއެވެ.

ސްނެޕްޗެޓް އެޕްލިކޭޝަނަށް އޭއައި އިންޓަގްރޭޓް ކުރުމުގެ ވިސްނުމަކީ ޗެޓްޖީޕީޓީ ފަދަ ތަޖުރިބާތަކަށް ކަސްޓަމަރުންގެ ޑިމާންޑް އިތުރުވަމުންދާތީ އޭގެ ބޭނުން ހިފައި، އެ އެޕްލިކޭޝަން ބޭނުން ކުރާނެ އިތުރު ސަބަބެއް ވެސް ކަސްޓަމަރުންނަށް ހޯދައިދިނުމެވެ.

ސްނެޕްޗެޓް އޭއައި ޗެޓްބޮޓްއާ، މީހަކާ ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކޭނެ -- ފޮޓޯ/ ސްނެޕް

ނަމަވެސް ސްނެޕްޗެޓްގެ ޗެޓްބޮޓުން ބައެއް ނުރަނގަޅު ވާހަކަތައް ދައްކާ ކަމުގެ ކަންބޮޑުވުންތައް ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ކުޑަކުދިންގެ އުމުރާ ނުގުޅޭ ވާހަކަތައް އެ ޗެޓްބޮޓްއިން ދައްކާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވެއެވެ.

މިކަމާގުޅޭ ގޮތުން ސްނެޕް އިން ބުނީ މިކަން ހައްލުކުރުމަށް، ޗެޓްބޮޓްއަށް ވާހަކަ ދައްކާ މީހާގެ އުމުރު އެނގޭ ގޮތަށް "އޭޖް ފިލްޓާ"އެއް ތައާރަފުކުރާނެ ކަމަށެވެ. އެގޮތުން ޕޭރެންޓަލް ކޮންޓްރޯލްސް ތައާރަފުކޮށް، ޗެޓްބޮޓްއާއެކު ކުދިން ދައްކާ ވާހަކައާ ބެހޭ ގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް އެހީތެރިވެދޭނެ އާފީޗާތައް އިތުރު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް އެ ފީޗާ ތައާރަފު ކުރާނެ ވަކި ތާރީޚެއް ސްނެޕްޗެޓްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް