މިހާތަނަށް ދިން އެންމެ ނުރައްކާތެރި އެއް ސްޕައިވެއާ ހަމަލާ އައިފޯނަކުން ހުއްޓުވައިފި

އައިފޯންގެ ލޮކްޑައުން މޯޑް އެނޭބަލް ކުރުމުން ސްޕައިވެއާ ހަމަލާތަކުން ރައްކާތެރިކޮށްދޭނެ --

ދުނިޔޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި އެއް ސްޕައިވެއާ އައިފޯނަކުން ހުއްޓުވައިފިކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.

ކެނެޑާގައި ހުންނަ ސެކިއުރިޓީ ރިސާޗް ގްރޫޕެއް ކަމަށްވާ ސިޓިޒަން ލެބުން ރިޕޯޓުކުރި ގޮތުގައި އެ ހަމަލާ ހުއްޓުވާފައި ވަނީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި ނުރައްކާތެރި ބައެއް ސައިބާ އެޓޭކްތަކުން ރައްކާތެރިކޮށްދޭން އެޕަލްއިން ތައާރަފުކޮށްފައިވާ ލޮކްޑައުން މޯޑް ކިޔާ ފީޗާއިންނެވެ.

ލޮކްޑައުން މޯޑަކީ މިދިޔަ އަހަރު އައިއޯއެސް 16އާ އެކު އެޕަލް އިން ތައާރަފްކުރި ފީޗާއެކެވެ. އެއީ އިސްރާއީލުގެ އެންއެސްއޯ ގްރޫޕް ކިޔާ ކުންފުންޏަކުން އުފައްދައިގެން، ސަރުކާރުތަކަށާއި އެހެން ފަރާތްތަކަށް ވިއްކާ ޕެގަސަސް ފަދަ ތަޖުރިބާކާރު ސްޕައިވޭއާގެ ނުރައްކާ ބޮޑު ޔޫޒަރުންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ޚާއްޞަ ފީޗާއެކެވެ.

ޕެގަސަސް އަކީ ލިންކަކަށް ކްލިކް ނުކުރިޔަސް އަދި މެސެޖެއް ނުހުޅުވިޔަސް އައިފޯނަށް އިންފެކްޓް ކުރެވޭ ސްޕައިވެއާއެކެވެ. އެއަށްފަހު ކެމެރާއާއި މައިކްރޯފޯނާއި ކޮންޓެކްޓްތަކާއި މެސެޖުތަކާއި ލޮކޭޝަން އަދި އެހެނިހެން މައުލޫމާތު ނަގާ ސްޕައިވެޔާއެކެވެ. އެއީ އެންޓިވައިރަސް ސޮފްޓްވެއާ އާއި ސެކިއުރިޓީ އަޕްޑޭޓްތަކުން ވެސް ހައްލުކޮށްނުދޭ މައްސަލައެކެވެ.

ސިޓިޒަން ލެބުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ލޮކްޑައުން މޯޑުން އައިއޯއެސް 16 ބޭނުންކުރާ އައިފޯނަކަށް ޕެގަސަސް އިން ދިން ހަމަލާއެއް ވަނީ ހުއްޓުވާފައެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އައިފޯނުގައި ލޮކްޑައުން މޯޑް އެނެބަލް ކޮށްފައި ވަނިކޮށް، ނުދަންނަ މީހަކު އައިމެސެޖެއް ފޮނުވަން މަސައްކަތް ކުރި ކަމުގެ ނޮޓިފިކޭޝަނެއް އެ ފޯނަށް ލިބިފައިވާ ކަމަށެވެ. އަދި ލޮކްޑައުން މޯޑުން އެ މެސެޖު ބްލޮކްކޮށް، ލިބިދާނެ އެއްވެސް ގެއްލުމެއް ހުއްޓުވި ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ. ސިޓިޒަން ލެބްގެ ރިޕޯޓްގައި އެ ހަމަލާގެ ތަފްސީލް ގެނެސްދީފައިވާއިރު، އެޓީމުން ބުނީ ޕެގަސަސް އަކީ މިފަދަ ހަމަލާތައް ދިނުމަށް މިހާތަނަށް އުފައްދާފައިވާ އެންމެ ނުރައްކާތެރި ސްޕައިވެއާ ކަމަށެވެ.

ލޮކްޑައުން މޯޑް މަސައްކަތް ކުރަނީ ޑިވައިސްއަށް ޖާސޫސު ކުރަން ސްޕައިވެއާއިން ބޭނުން ކޮށްފާނެ ވަކި ފީޗާތަކާއި ފަންކްޝަންތައް އައިފޯނުގައި މަސައްކަތް ނުކުރާނެ ގޮތް ހަދައިގެންނެވެ. މިސާލަކަށް ބައެއް މެސެޖުތަކާއި ބައެއް ވެބްސައިޓުތަކާއި ނުދަންނަ ނަމްބަރުތަކުން އަންނަ ފޭސްޓައިމް ކޯލްތައް ވެސް ބްލޮކްކުރެއެވެ.

ލޮކްޑައުން މޯޑް ފަހަރެއްގައި ކޮންމެ ކޮންމެ މީހަކަށް ޚާއްޞަ ނުވެދާނެކަމަށް އެޕަލްއިން ވަނީ ބުނެފައެވެ. ނަމަވެސް އެ ކުންފުނިން ބުނާ ގޮތުގައި މިއީ އެމީހަކު ކުރާ ވަކި ޚާއްޞަ ކަމެއްގެ ސަބަބުން ލިބިދާނެ ނުރައްކާތެރި އިންޒާރަކަށް ބިރުހީވާ މީހުން އަމިއްލަ ސަލާމަތަށްޓަކައި ބޭނުން ކުރެވިދާނެ މޯޑެކެވެ.

ނަމަވެސް ޕްރައިވެސީ އާއި ސެކިއުރިޓީއާ މެދު ކަންބޮޑުވާނަމަ، އަދި ޕެގަސަސް ފަދަ ސްޕައިވެއާގެ އަމާޒަކަށް ވެދާނެ ކަމަށް ހީވާނަމަ، އައިފޯނުގައި ލޮކްޑައުން މޯޑް އެނެބަލް ކުރުމަށް ވިސްނަން ޖެހިދާނެއެވެ. އެކަން ކުރެވޭނީ ސެޓިންސް > ޕްރައިވެސީ > ލޮކްޑައުން މޯޑަށް ގޮސް އޮންކޮށްގެންނެވެ.

ލޮކްޑައުން މޯޑަކީ އައިފޯނަށް އަތުވެދާނެ ހުރިހާ ސްޕައިވެއާ ހަމަލާއަކުން ރައްކާތެރިވާނެ ކަމުގެ ޔަގީންކަމެއް ނޫން ކަމަށާއި، ހެކަރުންނަށް އެ އައިފޯން ބައިޕާސް ކުރުމަށް ނުވަތަ އެހެން ވަލްނަރެބިލިޓީތައް ބޭނުން ކުރުމަށް އާ ގޮތްތަކެއް ހޯދިދާނެކަމަށްވެސް ވިސްނަން ޖެހެއެވެ. އެކަމަކު އެއީ މިހާރު ބޭނުންކުރާ އެންމެ ނުރައްކާތެރި ސްޕައިވެއާ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވެދޭ ވަރުގަދަ ވަސީލަތެއް ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

comment ކޮމެންޓް