މަޖިލީހުގެ މައިނޯރަޓީ ލީޑަރަކަށް ޔާމީން ކަނޑައަޅައިފި

ޕީޕީއެމްއަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ކަމަށާއި މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އިއްލާން ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަބްދުﷲ ޝާހިދު ވަނީ ޕީޕީއެމަށް މަޖިލީހުގައި ގާނޫނީ ހައިސިއްޔަތު ލިބުމާ ގުޅިގެން މަޖިލީހުގެ މެންބަރުން ތަމްސީލު ކުރާ ގޮތަށް އައިސްފައިވާ ބަދަލު ވެސް އިއްލާން ކުރައްވައިފަ އެވެ.

ޝާހިދު އިއްލާން ކުރެއްވި ގޮތުގުގައި، މަޖިލީހުގައި މިހާރު ތިއްބެވީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ 32 މެމްބަރުންނެވެ. އަދި ޕީޕީއެމްގައި17 މެމްބަރުން ތިއްބެވި އިރު، ޑީއާރުޕީ އަށް ނިސްބަތްވެވަޑައިގަންނަވާ15 މެމްބަރުން މަޖިލީހުގައި ހިމެނެ އެވެ. އޭގެ އިތުރުން ހިމެނެނީ ޖުމްހޫރީ ޕާޓީ ތަމްސީލުކުރައްވާ ތިން މެމްބަރުންނާއި ޕީއޭގެ ދެ މެމްބަރުންނާއި ގައުމީ ޕާޓީ ތަމްސީލުކުރައްވާ މެންބަރެކެވެ. މިހާރު މަޖިލީހުގައި ތިއްބެވީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ ހަތް މެމްބަރަކު ކަމަށް ވެސް ޝާހިދު އިއްލާން ކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ، މަޖިލީޙުގެ މައިނޯރިޓީ ލީޑަރުގެ ގޮތުގައި އަބުދުﷲ ޔާމީން މަޖިލީހުގެ ރިޔާސަތަށް އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިހާތަނަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ގޮތުގައި ހުންނަވައިގެން ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ މަޖިލީހުގެ ރިޔާސަތަށް ދެއްވި އެއްބާރު ލެއްވުމަށް ވެސް ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ޝާހިދު ވިދާޅުވީ މަޖިލީހުގައި ބައެއް މެމްބަރުން ޕާޓީތައް ތަމްސީލުކުރާ ހައިސިއްޔަތު ބަދަލުވެފައިވާތީ މަޖިލީޙުގެ ކޮމެޓީތަކަށް ބަދަލުގެނައުމުގެ މަސައްކަތް ގަވާއިދުގައިވާ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޖުމްހޫރީ ޕާޓީގެ އަބުދުﷲ ޖާބިރު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު