ވިންޑޯވްސް 8 ގެ އުއްމީދުތަކާއެކު ހިއްސާގެ އަގު މައްޗަށް

ވިންޑޯވްސް 8 އާ މެދު ކުރެވޭ އުއްމީދުތައް އިތުރުވުމާއެކު ހިއްސާގެ ބާޒާރުގައި މައިކްރޯސޮފްޓް ކުންފުނީގެ ހިއްސާގެ އަގު މައްޗަށް ހިނގައްޖެއެވެ. މި ގޮތުން މިހާރު އެޕަލްއިން ކޮންޓްރޯލް ކުރަމުން އަންނަ ޓެބްލެޓް މާކެޓް ވެސް ވިންޑޯވްސް 8 ގެ ސަބަބުން އަތުލެވިދާނެ ކަމަށް މައިކްރޯސޮފްޓުން އުއްމީދު ކުރެއެވެ. މީގެ މައިގަނޑު ސަބަބަކީ އަދިވެސް އެޕަލްއަށް ކުރާ އިތުބާރަށް ވުރެ މީހުން މައިކްރޯސޮފްޓަށް ކުރާ އިތުބާރު ބޮޑުކަން ކަމުގައި މުހައްލިލުން ވިދާޅުވެއެވެ.

އައިޓީގެ ބާޒާރަކީ މިހާރު ވަރަށް ބޮޑަށް އަދި އެހައިމެ އަވަހަށް ބަދަލުވަމުން އަންނަ ބާޒާރަކަށް ވާއިރު މައިކްރޯސޮފްޓުން ވަރަށް ހަލުވި ފިޔަވަޅުތަކެއް ނާޅައިފި ނަމަ އެމީހުންނަށް ބާޒާރު ގެއްލޭނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން އައީ ބުނަމުންނެވެ. އެހެން ކަމުން މިއީ މައިކްރޯސޮފްޓުން މިފަދަ އިންޒާރުތަކަށް ސަމާލުކަން ދީފި ކަމުގެ ނިޝާނެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެޕަލްގެ ޓެބްލެޓާއި ސްމާޓްފޯންތަކުގައި ހުންނަ ޓަޗް ފީޗަރ ވަރަށް ރަނގަޅަށް ހިމަނާފައިވާ ވިންޑޯވްސް 8 އަކީ އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމަށް ވުރެ ރަނގަޅު އޮޕަރޭޓިންގ ސިސްޓަމަކަށް ވާނެ ކަމަށް ވަރަށް ގިނަ ބަޔަކު ދެކެއެވެ.

ކޮންޕިއުޓަރ އަދި އައިޓީސީގެ ދާއިރާގައި ވަރަށް ބާރު މިނުގައި ކުރިއެރުންތައް ހޯދަމުން ދިޔަ ނަމަވެސް މައިކްރޯސޮފްޓަށް މި މައިދާނުގައި ފައި ހަރުކޮށް ނުލެވޭ ކަމަށް ބުނަމުން ދިޔަ ބުނުންތަކަށް ދެން ހުއްޓުމެއް އަންނާނެއެވެ. މުޅި ދުނިޔޭގައި ވެސް އަދި ވެސް މީހުންގެ އިތުބާރު އެންމެ ބޮޑަށް ލިބިފައިވަނީ އަދި އެންމެ ގިނަ މީހުން ބޭނުން ކުރަނީ މައިކްރޯސޮފްޓުގެ އުފެއްދުންތަކެވެ. - ނަސްދަގް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު