ސިިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުގެ އެއްވެސް މައްސަލައެއް ނެތްކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީއިން ގާޒީ ފަރުހާދާ ގުޅޭ މައްސަލައެއް ބަލަން ފެށީ ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްކުރުމަށް ރިޝްވަތުގެ ގޮތުގައި އެކި މަންފާތައް ހޯދަމުން ގެންދާކަމަށާއި، މައްސަލަތަކުގެ ފައިލްތައް ކޯޓުން ބޭރަށް ގެންދާކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
ޖޭއެސްސީން ބުނީ މި މައްސަލަ ކޮމިޝަނަށް ހުށަހެޅުމާއެކު، އެ މައްސަލަ ބަލަން ފެށި ކަމަށެވެ.
މައްސަލަ ބެލިބެލުމުން ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ފަނޑިޔާރަކު ކޮށްފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ ޝަކުވާގެ އެއްވެސް ހެއްކެއް ފެނިފައިނުވާކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި މި ޝަކުވާއަށް ބާރުދޭ އެއްވެސް ހޯދުމެއް ހޯދިފައިނުވާކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ސިިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު
އެހެންވެ، އެ ޝަކުވާއަކީ ސައްޚަ ޝަކުވާއެއް ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. އެއާއެެކު، ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލާނެ ޖާގައެއް ނެތްކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ފަނޑިޔާރުންނާ ގުޅިގެން ފާއިތުވި މަސްމަހުގައި ވެސް ގިނަ އަދަދެއްގެ ޝަކުވާ ހުށަހަޅައިފައިވެއެވެ. އޭގެ ތެރޭގައި މައްސަލަ ބެލުން ލަސްކުރުމާއި މައްސަލައިގެ ހުކުމް އިއްވުން ލަސްކުރުން ވެސް ހިމެނެއެވެ.