މައިކްރޮސޮފްޓް ޓީމްސްގެ މީޓިންތަކުގައި ސްނެޕްޗެޓް ލެންސްތައް މިހާރު ބޭނުންކުރެވޭނެ

މައިކްރޮސޮފްޓް ޓީމްސްގެ މީޓިންތަކުގައި ސްނެޕްޗެޓް ލެންސްތައް ބޭނުން ކުރެވޭނެގޮތް ހަދައިފިއެވެ.

މައިކްރޮސޮފްޓް އާއި ސްނެޕްޗެޓްއިން އިއުލާން ކުރި ގޮތުގައި އެ ބަދަލާއެކު، ޓީމްސް ބޭނުންކުރާ ފަރާތްތަކަށް ބައްދަލުވުންތަކުގެ ތެރޭގައި މަޝްހޫރު 26 ލެންސްއެއް ބޭނުންކުރެވޭނެއެވެ. ލެންސްތައް ބޭނުންކޮށްގެން ކާޓޫން ކެރެކްޓަރަކަށް ބަދަލުވުން ނުވަތަ ވީޑިއޯއަށް މަޖާ ބެކްގްރައުންޑްތައް އިތުރުކުރުން ފަދަ ކަންތައްތައް ކުރެވިދާނެއެވެ.

ސްނެޕްއިން ބުނާ ގޮތުގައި އެ ބަދަލުގެ މަގުސަދަކީ އިތުރު މަޖާ އަދި ޝައުގުވެރި ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމެވެ. ލެންސްތަކަށް ވަނުމަށް އެއްވެސް އެއްޗެއް ޑައުންލޯޑް ކުރާކަށް ނުޖެހޭނެއެވެ. ހަމައެކަނި "ވީޑިއޯ އިފެކްޓްސް" އަށް ކްލިކްކޮށް "ސްނެޕްޗެޓް" ޓެބް ސެލެކްޓް ކޮށްލުމުން އެ ފީޗާ ލިބޭނެއެެވެ.

"ހައިބްރިޑް އަދި ފްލެކްސިބަލް މަސައްކަތާއެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭނުންވަނީ ގުޅުންތައް ބިނާކުރުމާއި އުފެއްދުންތެރި އަދި އުފާވެރި މަސައްކަތުގެ މާހައުލެއް އުފެއްދުމަށް އެހީތެރިވެދޭ ވަސީލަތްތައް، އެހެންވެ ސްނެޕްޗެޓްގެ އެންމެ މަގުބޫލު ލެންސްތައް މައިކްރޮސޮފްޓް ޓީމްސްގެ ބައްދަލުވުންތަކަށް ނެޓިވްކޮށް ގެނައުމަށް މި ނިންމީ، މިކަމުގެ ސަބަބުން ވީޑިއޯ ކޯލްތަކަށް އިތުރު ޝަޚުސިއްޔަތާއި މަޖާކަން ގެނައުމަށް ފަސޭހަވެގެންދާތީ. ސްނެޕްޗެޓް ލެންސް ފޯ ޓީމްސް އާއެކު އަޅުގަނޑުމެން މި ހުށަހަޅަނީ ކަސްޓަމަރުންނަށް ޚިޔާލު ފާޅުކުރުމާއި އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ޑައިނަމިކް އަދި މުނިފޫހިފިލުވުމުގެ އާ ގޮތެއް،" މައިކްރޮސޮފްޓް ޓީމްސްގެ ނައިބު ރައީސް ނިކޯލް ހަސްކޯވިޓްސް އީމެއިލް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

ސްނެޕްޗެޓްއިން ބުނާ ގޮތުގައި މި އިންޓަގްރޭޝަން ފުރިހަމައަށް މަސައްކަތްކުރާނީ، ސްނެޕްގެ އޭއާރު ޓެކްނޮލޮޖީ އަމިއްލަ އެޕްލިކޭޝަންތަކާއި ވެބްސައިޓްތަކުގައި ބޭނުންކުރެވޭނެ ސްނެޕްގެ އެސްޑީކޭ ކެމެރާކިޓް ބޭނުންކުރާނަމައެވެ.

މައިކްރޮސޮފްޓްގެ ޓީމުން މިވާހަކަ އިއުލާންކޮށްފައިވާއިރު، ސްނެޕްއިން ޑެސްކްޓޮޕަށް ޚާއްސަ ކެމެރާ އެޕް ބޭނުންނުކުރެވޭ ގޮތް ހެދީ ދާދި ފަހުންނެވެ. އޭރު ސްނެޕްއިން ބުނީ ވެބަށް ކެމެރާ ކިޓް އެކްސެސް ފުޅާކުރުމަށް އިތުރަށް ފޯކަސް ކުރަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން ފުރަތަމަ ސްނެޕް ކެމެރާ ތައާރަފްކުރީ 2018 ވަނަ އަހަރެވެ. އެއީ ޓްވިޗް ސްޓްރީމް ކުރާ މީހުންނަށް އެ މީހުންގެ ވީޑިއޯތައް އިތުރަށް ޝައުގުވެރިކުރެވޭނެ ގޮތެއް ފަހިކޮށްދިނުމަށެވެ.

ނަމަވެސް އެ ކެމެރާ އެޕް ހަގީގަތުގައި ވައިރަލްވެގެން ދިޔައީ 2020 ވަނަ އަހަރު މައިކްރޮސޮފްޓް ޓީމްސް، ސްކައިޕް، ޔޫޓިއުބް، ހެންގްއައުޓްސް، ސްކައިޕް އަދި ޒޫމް އާއި، ގޫގުލް ފަދަ ވީޑިއޯ ކޮންފަރެންސިން އެޕްތަކާ އެކު ބޭނުން ކުރަން ފެށުމުންނެވެ.

ވިންޑޯޒް އަދި މެކް އިން ވެސް ލިބެން ހުރި މި އެޕްގެ ސަބަބުން ވީޑިއޯ ކޯލެއް ނުވަތަ ލައިވްސްޓްރީމްއެއްގެ ތެރޭގައި އެކި ފިލްޓާތައް ބޭނުންކުރެވޭނެއެވެ.

ސްނެޕް އިން ބުނީ ކެމެރާ ކިޓް އިންޓަގްރޭޓް ކުރުމަށް އިތުރު ފަރާތްތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތްތަނުގައި ސްނެޕްޗެޓް ލެންސްތައް އިތުރު މަގުބޫލު އެޕްތަކާއި ޕްލެޓްފޯމްތަކުން ފެނުން އެކަށީގެންވާ ކަމަށެވެ.

comment ކޮމެންޓް