ނޫސްވެރިންގެ ދައުރު ހަނިވާ އިސްލާހަކީ ޑިމަކްރަސީއަށް އޮތް ހުރަހެއް: އާރްއެސްއެފް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ހަމައެކަނި ރެޖިސްޓާ ކޮށްފައިވާ ނޫސްވެރިންނަށް އިންތިޚާބު ކަވަރު ކުރެވޭ ގޮތަށް އާންމު އިންތިޚާބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ނޫސްވެރިންގެ ހައްގުތައް ރާއްކާތެރި ކުރަން މަސައްކަތް ކުރާ ބައިނަލްއަގްވާމީ އެންމެ ބޮޑު ޖަމިއްޔާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)އިން ގޮވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ އިންތިޚާބުތައް ކަވަރު ކުރެވޭނީ ރާއްޖޭގައި "ރަޖިސްޓާޑް ނޫސްވެރިން" އެކަނި ކަމަށެވެ. އެގޮތަށް ގާނޫނަށް ބަދަލު ގެނެސްފި ނަމަ ބައިނަލްއަގުވާމީ ނޫސްވެރިންނާއި ފްރީލާންސް ނޫސްވެރިންނަށް އިންތިޚާބު ކަވަރުކުރުމުގެ ޖާގަ ގެއްލިގެން ދިއުމުގެ ފިރުސަތު އެބަ އޮތެވެ.

އެކަމާ މެދު އެކި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ބިލު އަނބުރާ ގެންދިއުމަށް އާރުއެސްއެފްގެ އޭޝިއާ ޕެސިފިކް ޑެސްކުގެ އިސްވެރިޔާ ޑެނިއެލް ވެސް ވަނީ ގޮވާލާފައެވެ.

ނޫސްވެރިންނާ މަޝްވަރާ ކުރުމެއް ނެތި ޑްރާފްޓްކޮށް، ބޮޑު އިންތިޚާބެއް ބޭއްވުމުގެ ހަ މަސް ކުރިން މަޖިލީހަށް ހުށަހެޅުއްވި މި އިސްލާހަކީ ރާއްޖޭގެ މިނިވަންކަމާއި ޑިމޮކްރަސީ ރިޕޯޓް ކުރުމުގެ ބިރުވެރި ސިގްނަލެއް ދޭ އިސްލާހެއް. މި ނުރައްކާތެރި ބިލު މިހާރުން މިހާރަށް އަނބުރާ ގެންދިއުމަށާއި މިނިވަން އިންތިހާބީ އޮބްޒާވަރުންގެ ހައިސިއްޔަތުން މީޑިއާތަކަށް އެއްވެސް ހުރަހެއް ނެތި އަދާކުރެވޭނެ އިންތިޒާމu ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރަށް ގޮވާލަން. ޑެނިއަލް ބެސްޓާޑް

އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އިސްލާހަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ހުރަހެއް ކަމަށާއި، އެއީ ނޫސްވެރިކަމުގެ މިނިވަން ކަމަށް އޮތް ބިރެއް ކަމަށެވެ. އަދި، ރިޔާސީ އިންތިޚާބަކަށް ކުރު މުއްދަތަކަށް ވެފައިވަނިކޮށް ނޫސްވެރިންނާ މަޝްވަރާ ކުރުމެއް ނެތި އެ އިސްލާހު ހުށަހެޅުން އާރްއެސްއެފް އިން ވަނީ ކުށްވެރި ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް މީގެ ކުރިން ވިދާޅުވީ އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ނޫސްވެރިން އީސީން އެކްރެޑިޓް ކުރުމަށް ދެ ގަޑިއިރުގެ ތަމްރީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

މި ކަމާ މެދު ކަންބޮޑުވުން ފާޅުކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި މި އިސްލާހުގެ ސަބަބުން އިންތިހާބުގެ ކަންކަން ކުރިއަށް ދާއިރު، ހާމަކަން ބޮޑު ގޮތެއްގައި އެ ކަމާ ގުޅޭ ޚަބަރުތައް ގެނެސްދޭން ހުރަސް އެޅިގެން ދާނެއެވެ. އަދި، ވޯޓު އޮޅުވާލުން ފަދަ ކަންކަމަށް ފަހި ފުރުސަތެއް ލިބި، މައްސަލަތައް ފެންމަތިވުމުގެ ފުރުސަތު ވެސް ހަނި ވެގެންދާނެ ކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ.

އޭގެ ތެރޭގައި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ހިމެނެއެވެ.

comment ކޮމެންޓް