މިދިޔަ މަހު ޖެންޑާއަށް ގިނައިން ހުށަހެޅީ ކުޑަކުދިންނާ ގުޅޭ މައްސަލަތައް

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: ޖެންޑާ މިނިސްޓްރީ ކައިރިން ފެށި މުޒާހަރާ އަކީ، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފަހު އެމީހުން ބަންދުން ދޫކޮށްލުމާ ގުޅިގެން ކުރި މުޒާހަރާއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ޖުމުލަ 284 މައްސަލަ ހުށަހަޅާފައިވާއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ބެހޭ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާއްމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުމުލަ 284 މައްސަލަ ރިޕޯޓް ކޮށްފައިވާއިރު، އޭގެ ތެރެއިން 148 މައްސަލައަކީ ކުޑަ ކުދިންނަށް ކުރާ އަނިޔާއާ ބެހޭ މައްސަލަތަކެކެވެ.

އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލައެވެ. މި ބާވަތުގެ 42 މައްސަލައެއް ހުށަހަޅާފައިވާއިރު ޖިންސީ ހާނިއްކައިގެ 27 މައްސަލަ އާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 27 މައްސަލަ ވަނީ އެ މިނިސްޓްރީއަށް ހުށަހަޅައިފައެވެ.

ޖިސްމާނީ ހާނިއްކައިގެ 25 މައްސަލަ އާއި ނަފްސާނީ ހާނިއްކައިގެ 21 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގާނާ ލިބުމުގެ ތިން މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގާނާ ލިބުމާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ އިތުރުން ކުޑަކުދިންގެ ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯތައް ދެއްކުމުގެ އެއް މައްސަލައެއް ވަނީ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުގައި ވާގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ. އެގޮތުން މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކަށް ވާއިރު، މިބާވަތުގެ 23 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މިދިޔަ މަހު އާއިލީ މައްސަލަތަކާއި ގުޅުންހުރި 33 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައިވާއިރު، މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 15 މައްސަލަ އާއި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 12 މައްސަލަ އާއި ހަޟާނާތުގެ ހަތަރު މައްސަލައެއްގެ އިތުރުން ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ ދެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ޖެންޑާއަށް މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ އަށް މައްސަލައަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 24 މައްސަލައެއް ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 20 މައްސަލައެއް ފެބްރުއަރީ މަހު ވަނީ ހުށަހަޅާފައިވާއިރު، ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި ދެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 186 ވާއިރު ފެބްރުއަރީ މަހުގައި ދައުލަތަށް އަލަށް ތިން ކުއްޖަކު ގެންގޮސްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް