ހުޅުމާލޭގައި މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލަށް އަދަބު ކަނޑައެޅުމުގެ ކުރިން އޭނާގެ ވާރިސުންގެ ގޮތުގައި ތިބި މީހުންގެ މައުލޫމާތު ކްރިމިނަލް ކޯޓުން ނަގައިފިއެވެ.
ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން އދ. މާމިގިލީ ކަނީރުމާގޭ ގާސިމް ހަސަން، 59، އަށް ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު ހަމަލާދިނީީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭރު ގާސިމް އިނީ ޓެކްސީ ދުއްވާށެވެ.
ގާސިމް ޒަހަމްވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދައްކަން އުޅުމުގެ ތެރޭގައި ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ.
އޭނާއަށް ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ގާސިމް މަރުވީ ހަމަ އެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރުކުރީ އޭގެ ދެ ހަފުތާ ފަހުން، ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
އަދުހަމްގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފައެވެ. އެހެން ކަމުން އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ ކުރިން ގާސިމްގެ ވާރިސުންގެ ބަހެއް ހޯދަން ޖެހެއެވެ.
އެގޮތުން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ ގާސިމްގެ ވާރިސުން ދެނެގަތުމަށް އޭނާ ދަންނަ ބައެއް މީހުންގެ ހެކިބަސް ނަގާފައެވެ. އެ މީހުން ބުނި ގޮތުގައި ގާސިމް މަރުވިއިރު އޭނާގެ ފަސް ދަރިން ދުނިޔޭގައި ތިއްބެވެ. އަދި އޭރު އޭނާގެ އަންހެނުންނާއި މައިންބަފައިން ދުނިޔޭގައި ނެތް ކަމަށް ވެސް ހެކިވެރިން ވަނީ ބުނެފައެވެ.
އެހެންކަމުން ގާސިމްގެ ވާރިސުންގެ ބަހެއް ހޯދުމަށް ވަރަށް އަވަހަށް އަޑުއެހުމެއް ތާވަލް ކުރާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ވަނީ ގާސިމަށް ހަމަލާ ދިން ކަމަށް އެއްބަސްވެފައެވެ. އަދި ކަން ހިނގައިދިޔަގޮތް ވަރަށް ތަފްސީލްކޮށް އޭނައި ކިޔައި ވެސް ދިނެވެ.
އެކަމަކު އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ބުނެ ކުށުގެ ނިޔަތަށް އޭނާ އިންކާރު ކުރިއެވެ. އޭނާ ބުނި ގޮތުގައި އެކަން ހިނގި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައެވެ. އެހެންކަމުން އޭނާއަށް ލުއި އަދަބެއް ދިނުމަށް އެދުނެވެ. އަދި ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް ބުންޏެވެ.
އަދުހަމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ, އޭނާ ހަމަލާދީފައި ވަނީ ކުރެވޭ އަމަލުގެ ނަތީޖާ ނޭނގޭ ހާލަތެއްގައި ނޫންކަން އޭނާ ކުށް ކުރުމުގެ ކުރިންނާއި ކުށް ކުރުމަށް ފަހު އަމަލުކުރި ގޮތުން ހާމަވާ ކަމަށެވެ.
މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ދައުވާގެ ހުރިހާ އުންސުރެއް ހަމަވާ ކަމަށް ނިންމަވާ، ގާޒީ ކަނޑައެޅުއްވީ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށެވެ.