އެމެރިކާގެ ސްކޫލަކަށް ބަޑިން ހަމަލާދީ ހަ މީހަކު މަރާލައިފި

ނޭޝްވިލް (28 މާޗް 2023): އެމެރިކާގެ އިރުދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެނެސީގެ ވެރިރަށް ނޭޝްވިލްގެ ނަސާރާ ސްކޫލެއްގައި ހަތިޔާރުއެޅި އަންހެނަކު ދިން ބަޑީގެ ހަމަލާތަކެއްގައި އެސްކޫލްގެ ތިން ދަރިވަރަކާއި ތިން މުވައްޒަފަކު މަރާލައިފިއެވެ.

މިޖަރީމާ ހިންގާފައިވަނީ އުމުރުން 28 އަހަރުގެ، އައުޑްރޭ ހޭލް ނަމަކަށްކިޔާ އަންހެނެކެވެ. ބަޑީގެ ހަމަލާތަކުގައި މަރުވި ތިން މީހުންގެ ތެރެއިން އެކަކީ ސްކޫލްގެ ހެޑްމިސްޓްރެސް ކެތެރީން ކޫންޗް އެވެ. އޭނާއަކީ އުމުރުން 60 އަހަރުގެ އަންހެނެކެވެ.

ޓެނެސީގެ ފުލުހުން ބުނިގޮތުގައި މިއީ އައުޑްރޭ ހޭލް، ދުރާލައި ރާވައިގެން ހިންގާފައިވާ އަމަލެކެވެ. މިއީ ޓެރަރިޒަމްގެ އަމަލެއްކަމަށް ފުލުހުން ސިފައެއް ނުކުރެއެވެ. ފުލުހުން ބުނި ގޮތުގައި އޭނާ އެ ސްކޫލްގެ ތެރެއަށް ވަދެފައިވަނީ އޮޓަމެޓިކް ދެ ރައިފަލާއި ފިސްތޯލައެއް ހިފައިގެންނެވެ. އޭނާގެ އަތުގައި ސްކޫލްގެ ޗާޓެއް ވެސް އޮތެވެ. އެހެންކަމުން މިއީ ދުރާލައި ރާވައިގެން އޭނާ ދިން ހަމަލާތަކެކެވެ.

މިހަމަލާތައް ދިނުމުގެ މިއަންހެންމީހާގެ މަގްސަދާއި ބޭނުން ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ. ސްކޫލްތެރެއަށް އަންހެންމީހާ ހަތިޔާރާއެކު ވަދެ ސްކޫލްގެ އެތަންމިތަނަށް ބަޑި ޖެހަންފެށުމާއެކު ފުލުހުން އެ ސްކޫލަށް ގޮސް އަންހެންމީހާއަށް ހަމަލާދީ އޭނާ މަރާލިއެވެ. މިއަންހެންމީހާ ސްކޫލަށް ވަދެފައިވަނީ ވަލުފަރާތު ދޮރޯށިންނެވެ. ބަޑިޖަހައި ދޮރޯށި ހަލާކުކޮށްލައިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް