ޔާމީން 3.4 މިލިއަން ޑޮލަރު ދައްކަން ކުރި އަމުރު އިސްތިއުނާފު ކުރި މައްސަލަ ބުދަ ދުވަހު ފަށަނީ

ޔާމީން އަބްދުލް ގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް ފަށަން އަންނަ ބުދަ ދުވަހަށް ހައި ކޯޓުން ތާވަލުކޮށްފިއެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށްފައި ވަނީ އަންނަ ބުދަ ދުވަހުގެ 10:15 ގައި ފެށުމަށެވެ.

ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމް ކޮށްފައިވަނީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

އާރަށު މައްސަލައިގައި ދައުލަތުން އެ މަނިކުފާނުގެ މައްޗަށް އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ ޔާމިނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. އެހެންވެ، އެ މަނިކުފާނުގެ ފަރާތުން ވަނީ ޖޫރިމަނާގެ މައްސަލަ، މި މަހުގެ 13ވަަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީއަށް ޖަމާކޮށް އިތުރު ފައިސާއާއެކު ޔާމީންގެ ބީއެމްއެލް އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އިތުރު ފައިސާއާއެކު އިސްލާމިކް ބޭންކުގައި އޮތް އެ މަނިކުފާނުގެ އެކައުންޓަކަށް 2017ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހު ޖުމްލަ ޖުމްލަ 1.29 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެއަށް ފަހު ހަމަ އެ ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް 2021ވަނަ އަހަރުގެ މާޗް މަހުގެ 14ވަނަ ދުވަހު އިތުރު ފައިސާއާއެކު ޖުމްލަ 3.4 މިލިއަން ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވާ ކަމަށް އެ އަމުރުގައިވެއެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ވެސް އެ މަނިކުފާނުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

comment ކޮމެންޓް