ރޯދަ މަހާއެކު ޑިޓިއުން އިން އަނެއްކާ ވެސް މަހަށް!

ޑިޓިއުން ބޭންޑްގެ މެމްބަރުން: ރޯދަމަހާއެކު އެ ބޭންޑުން އަނެއްކާ ވެސް މިވަނީ މަހަށް ދާން ފަށާފައި-- ފޮޓޯ: ޑިޓިއުން

ތަފާތު އަމިއްލަ މިއުޒިކާއެކު ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ދިވެހި ބޭންޑު "ޑިޓިއުން" އަކީ ތަފާތު ކަންތައްތައް ކުރަން ދަންނަ ބައެއް ހިމެނޭ ބޭންޑެކެވެ. އޭގެތެރޭގައި މަސްވެރިކަމަކީ ފާހަގަކޮށްލެވޭ އެއް ކަމެވެ. މިފަހަރުގެ ރޯދަ މަހާ ގުޅިގެން ބޭންޑުގެ މެމްބަރުން އަނެއްކާ ވެސް ވަނީ މަސްވެރިކަމަށް ނިކުމެފައެވެ.

ފަސް މެމްބަރުންގެ ޑިޓިއުން މި ދުވަސްވަރު އެންމެ އެކްޓިވް ކޮށް ފެންނާނީ މިއުޒިކަކުން ނޫނެވެ. މި ދުވަސްވަރު އެންމެ އެކްޓިވް ކޮށް ފެންނާނީ މަސް ބާނަން ނިކުމެ އުޅޭ ތަނެވެ. ސޯޝަލް މީޑިއާގައި ވެސް އެންމެ ފަސޭހައިން ބޭންޑު މިހާރު ހޯދޭނީ "ޑިޓިއުން ފިޝިން" ޕޭޖުންނެވެ. ނަމަވެސް މިއީ ބޭންޑު އެކީގައި މަހަށް ނިކުތް ފުރަތަމަ ފަހަރެއް ވެސް ނޫނެވެ.

ކޮވިޑްގެ ކުރީން ޑިޓިއުން އަކީ ފުލްޓައިމް މިއުޒީޝަނުންނެވެ. ރިސޯޓަށް ގޮސް ލަވަ ކިޔައިދިނުމަކީ ބޭންޑުގެ އެންމެ ބޮޑު އާމްދަނީއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ރިސޯޓުތައް ބަންދު ކުރި ހިސާބުން، އެހެން މިއުޒީޝަނުންނެކޭ އެއްގޮތަށް ޑިޓިއުން އަށް ވެސް ގޮތް ހުސްވީއެވެ.

އެ ދުވަސްތަކުގެ ހާލަތު ކިޔައިދެމުން ބޭންޑް މެމްބަރު ފާތިމަތު ފެޒްލީން (ފެޒު) ބުނެފައިވަނީ ކޮވިޑާ ގުޅިގެން ގޮތްތައް ހުސްވި ނަމަވެސް އޭރުވެސް މަސައްކަތް ކުރަމުން ދިޔައީ ޕޮޒިޓިވް ވިސްނުމަކާ އެކުގައި ކަމަށެވެ.

ރިސޯޓު ތަކުގައި މަސައްކަތް ކުރާ ލަވަކިޔުންތެރިނަށް ކޮވިޑް ދުވަސްވަރު ވެގެން ދިޔައީ ބޮޑު އަޑިގަނޑަކަށެވެ. ކުރާނެ މަސައްކަތެއް ނެތި އެތައް ބަޔަކު ރަށަށް ދިޔަ އިރު އަނެއްބަޔަކު އަމިއްލަ މަސައްކަތްތައް ފެށީ ދެކޮޅު ޖެހޭނެ މަގެއް ހޯދާށެވެ. ފެޒު އާއި އޭނާގެ ބޭންޑު މެމްބަރުން ވެސް އެ ނިޔަތުގައި ފެށީ އަމިއްލަ މަސައްކަތެކެވެ. އެއީ ބޭންޑު މެމްބަރުން އެކީގައި މަހަށް ދިޔުމެވެ.

އަލުން ލަވަކިޔަން ފުރުސަތު ލިބުމާއެކު އެކަމައިގެން ކުރިއަށް ދިޔަ ނަމަވެސް ގަވާއިދުން މަހަށް ވެސް ގޮސް އުޅެއެވެ. އެގޮތުން ހުސް ވަގުތެއް ލިބޭ އިރަށް ނައިޓް ފިޝިންއަށް ދިޔުމަކީ ގްރޫޕުގެ ބޮންޑިން ހަރަކާތެކެވެ.

ކުޑަ ދުވަސްކޮޅަކަށް މަޑު ޖައްސާލާފައި އޮތުމަށްފަހު ރޯދަ މަހު އަނެއްކާ ވެސް ޑިޓިއުން މަހަށް ދާން ފަށާފައިވަނީ އާ ފޯރިއަކާއެކުގައެވެ. މިފަހަރު މަހަށް ދާއިރު ގްރޫޕު މެމްބަރުން ރޯދަ ވީއްލަނީ ވެސް ކަނޑު މަތީގައެވެ. މެމްބަރުން ބުނާގޮތުގައި އެއީ ވަރަށް ތަފާތު އަދި ވަރަށް ހިތްގައިމު ތަޖުރިބާއެކެވެ.

ބޭންޑު މެމްބަރުން މިހާރު އެދެނީ އެމީހުން ބާނާ މަސް ގަތުމަށެވެ. އެގޮތުން ތާޒާ ފަރުމަހާއި ކަންނެލި އަދި ކަނޑުމަސް ބޭނުން ނަމަ ބޭންޑުގެ ޓްވިޓާ އެކަައުންޓަށް އިންބޮކްސް ކޮށްލުމަށް ބޭންޑުން އެދެއެވެ.

comment ކޮމެންޓް