ޕާކިސްތާން ހައި ކޮމިޝަނުން 'ޕާކިސްތާން ދުވަސް' ފާހަގަކޮށްފި

ރާއްޖޭގެ ޕާކިސްތާން ހައި ކޮމިޝަނުން 'ޕާކިސްތާން ދުވަސް' މާލެ ސިޓީގައި ފާހަގަކުރުން -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

ޕާކިސްތާން ހައި ކޮމިޝަނުން މިއަދު މާލޭގައި 'ޕާކިސްތާން ދުވަސް' ފާހަގަކޮށްފިއެވެ.

ކޮންމެ އަހަރެއްގެ މާޗު މަހުގެ 23ގައި ޕާކިސްތާން ދުވަސް ފާހަގަ ކުރަނީ، 1956ގައި އެގައުމު އިސްލާމީ ޖުމްހޫރިއްޔާއަކަށް ބަދަލުވެ، އެގައުމުގެ ފުރަތަމަ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ދުވަސް ހަނދާންއާކުރުމުގެ ގޮތުންނެވެ.

އިއްތިފާގުން މި އަހަރު މި ދުވަސް ދިމާވެފައި ވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހާއެވެ.

ޕާކިސްތާން ދުވަސް ފާހަގަކުރުމުގެ ހަފުލާ އެ ގައުމުގެ ހައި ކޮމިޝަނުން މިއަދު ހެނދުނު ފެށީ ޕާކިސްތާނުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަކަށް ފަހުއެވެ. އެ ދިދަ ނަންގަވައިދެއްވީ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް މުހައްމަދު ފައްޔާޒު ގިލާނީއެވެ. އެ ވަގުތު ޕާކިސްތާނުގެ ގައުމީ ލަވަ ވެސް ވަނީ ޖަހާފައެވެ.

ޕާކިސްތާން ޑެޕިއުޓީ ހައިކޮމިޝަނަރު ޒުލްޤުރްނައިން އަހުމަދު ވާހަކަދެއްކެވުން-- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައިކޮމިޝަނަރު ގިލާނީ ވިދާޅުވީ މާޗް 23 ވަނަ ދުވަހަކީ ޕާކިސްތާނުގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެއް ކަމަށެވެ.

ގިލާނީގެ ވާހަކަފުޅުގައި ވަނީ ގައުމުގެ މާޒީ ހަނދާން އާކުރައްވައި، މާޒީން އިބުރަތް ލިބިގަނެ އެ ގައުމުގެ މިހާރުގެ ހާލަތާ މެދު ވިސްނާ ފިކުރުކޮށް، ތަނަވަސް މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ގިލާނީ ވިދާޅުވީ ޕާކިސްތާނަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި ދުނިޔޭގައި ސުލްހަ ގާއިމްކުރުމަށް ޒިންމާދާރު މަސައްކަތްތަކެއް ކުރަމުންދާ ގައުމެއް ކަމަށެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ ބައްޕަގެ ލަގަބު ދީފައިވާ މުޙައްމަދު ޢަލީ ޖިނާހު ދަސްކޮށްދެއްވި އެއްބައިވަންތަކަމާއި އީމާންތެރިކަމާއި އަޚުލާގީ މިންގަނޑުތަކަށް ބޯލެނބުމަށް ވެސް ގިލާނީ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ގިލާނީގެ ވާހަކަފުޅު ނިންމަވާލައްވަމުން އޭނާ ވަނީ ރަމަޟާންމަހުގެ ތަހުނިޔާ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ޕާކިސްތާނާއި ރާއްޖެއާ ދެމެދު އެކުވެރި ގުޅުންތަކެއް އުފެދިފައިވާކަން ފާހަގަކުރެއްވާ، މުސްތަގުބަލުގައި އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާން ހައިކޮމިޝަނަރު ވައިސް އެޑްމިރަލް މުހައްމަދު ފައްޔާޒު ގިލާނީ ވާހަކަދައްކަވަނީ -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ހައިކޮމިޝަނަރު ޒުލްޤުރްނައިން އަހުމަދު ވިދާޅުވީ، އިސްލާމީ ޖުމްހޫރިއްޔާއެއް ޕާކިސްތާނުގައި އުފެދުނީ އެ ގައުމުގެ ކާބަފައިންގެ ބޮޑެތި ޤުރުބާނީތަކުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އެކަމަށްޓަކައި އޭނާ ވަނީ ޕާކިސްތާނުގެ ކާބަފައިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މާލޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދިވެހިންވެސް އެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

comment ކޮމެންޓް