ރާހުލް ގާންދީ ދެ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ -- ފޮޓޯ/ ގެޓީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ މައްޗަށް އަބުރަށް އަރައިގަތުމުގެ މައްސަލައެއް ސާބިތުވެ، އޭނާ ދެ އަހަރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ގުޖުރާތުގެ ޑިސްޓްރިކްޓް ކޯޓަކުން ގާންދީ ޖަލަށް ލާން ހުކުމްކުރީ 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގެ ކެމްޕޭން ތެރެއިން 'މޯދީ'، އެ ނަމާ ބެހޭ ގޮތުން އޭނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެގޮތުން ކުށުގެ ތަފާތު މައްސަލަތަކުގައި ތުހުމަތު ކުރެވޭ މުއްސަނދިން ކަމަށްވާ ނިރަވް މޯދީ އާއި ލަލިތު މޯދީ ފަދަ އެންމެންގެ އާއިލީ ނަމަކަށް 'މޯދީ' ވަނީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވިއެވެ.

"ނިރަވް މޯދީ، ލަލިތު މޯދީ، ނަރެންދުރަ މޯދީ... އެ އެންމެންގެ އާއިލީ ނަމަކަށް މޯދީ ވަނީ ކީއްވެ؟ ވައްކަން ކުރާ އެންމެންގެ އާއިލީ ނަން އެއްގޮތް ވަނީ ކީއްވެ؟" ގާންދީ އޭރު ވިދާޅުވިއެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ ގާނޫނު ހަދާ މަޖިލީހުގެ، ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެމްބަރެއް ކަމަށްވާ ޕުރުނޭޝް މޯދީ އެވެ. އޭނާ ހުށަހެޅި މައްސަލައިގައި ވަނީ ގާންދީގެ ވާހަކަފުޅުގެ ސަބަބުން 'މޯދީ'ގެ ނަން ކިޔާ އެންމެންގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ގާނޫނު އަސާސީގައި އޮންނަ ގޮތުން، އިންތިޚާބީ މަގާމެއްގައި ހުރި އޮފިޝަލަކަށް ދެ އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފި ނަމަ އެ މީހަކަށް މަގާމު ގެއްލޭނެއެވެ. ގާންދީގެ ހުކުމް ތަންފީޒު ކުރުން ފަސް ކޮށްފައިވާތީ، އޭނާގެ ގޮނޑި ގެއްލޭނީ 30 ދުވަސް ތެރޭގައި މައްސަލަ އިސްތިއުނާފު ކޯޓަކަށް ހުށަހަޅައި، ހުކުމް ތަންފީޒު ކުރުން ފަސްނުކުރެވޭ ނަމައެވެ.

ގާންދީގެ ކޮންގްރެސް ޕާޓީއިން ވަނީ އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ. އަދި އޭނާގެ ވަކީލުން ވަނީ މައްސަލަ ބެލުމުގައި ގާނޫނީ އިޖުރާއަތްތަކާ ޚިލާފު ވެފައިވާ ކަމަށާއި، ޕުރެނޭޝް މޯދީއާ ބެހޭ ގޮތުން ގާންދީ ވާހަކަ ދައްކަވާފައި ނުވާތީ އޭނާއަށް އެ މައްސަލަ ހުށަނޭޅޭނެ ކަމަށް ވެސް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް