ނަޝީދު ފެކްޝަނަކީ އެމްޑީޕީކަން ޔަގީނެއް ނޫން، ޕީޕީއެމަށް ވުރެ ގޯސް: އަސްލަމް

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް، ރޭ ބޭއްވި ޖަލްސާގައި -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގައި 65 އެމްޑީޕީ މެންބަރުން ތިއްބެވި ނަމަވެސް އޭގެ ތެރެއިން ބައެއް މެންބަރުންނަކީ އެ ޕާޓީގެ އަސާސްތައް ގަބޫލުކުރާ އެ ޕާޓީގެ މެންބަރުންކަން ޔަގީނެއް ނޫން ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު އިބްރާހީމް ޝާޒްގެ ކެމްޕޭން ފެށުމަށް ކ. ގުޅީގައި ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވައިފައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވަނީ އެމްޑީޕީގެ ބައެއް މެންބަރުންނަކީ އެ ޕާޓީގެ މެންބަރުންކަން ޔަގީންނުވާ ކަމަށެވެ. އިދިކޮޅު ޕީޕީއެމަށް ވުރެ އެ މެންބަރުން ޕާޓީގެ އަސާސްތަކަށް ނަފުރަތުކޮށް ދެކޮޅުވެރިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ނުސީދާ ގޮތެއްގައި އޭނާ ފާޑުވިދާޅުވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.

"ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން އެބަ ތިއްބެވި، ރަނގަޅު ވާހަކައެއް. އެހެންނަމަވެސް އޭގެ ތެރޭގައި މިހާރު އެބަ ތިއްބަވާ އޭގެ ތެރޭގައި އަޅުގަނޑުމެން އެމްޑީޕީގެ މެންބަރުންކަން ޔަގީންނުވާ އަދި ޕީޕީއެމަށް ވުރެ ވެސް ބޮޑަށް އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ކަމުނުގޮސްގެން އުޅުއްވާ މެންބަރުން ވެސް،" އޭނާ ވިދާޅުވިއެވެ.

ގުރައީދޫ ދާއިރާގެ ބައި އިލެކްޝަން، ކެމްޕޭނަށް އެމްޑީޕީން ރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ/ އެމްޑީޕީ

އޭނާ އިޝާރާތް ކުރެއްވީ، ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގައި މަސައްކަތް ކުރައްވާ 12 މަޖިލިސް މެމްބަރުންގެ ވާހަކައެވެ.

"ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ، އިއްޒަތްތެރި މެމްބަރުންނަކީ އެ އިއްޒަތް ހިފަހައްޓައި، އެ އިއްޒަތް ދަމަހައްޓައި، އެ އިއްޒަތުގެ ބާރުވެރިކަން ފުރިހަމަ ގޮތުގައި ބޭނުން ކުރައްވާ ބަޔަކަށް ވާން އެބަޖެހޭ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ދޮގާއި ފިތުނަ އާއި ފަސާދައަށް ޖާގަ ދޭ ބައެއް ކަމުގައި ވެގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.

އެއަށް ފަހުގައި އަސްލަމް ވަނީ އެތެރޭ އިންތިޚާބުތަކުން ބަލިވާ ބޭފުޅުން ވެސް މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް އެރުމަކީ ހިފަހައްޓަން ޖެހޭ ނަމޫނާއެއް ކަމަށް ވިދާޅުވެ، ސީދާ ނަޝީދަށް ވެސް ފާޑު ވިދާޅުވެފައެވެ. އޭނާ އެ ވާހަކަ ގެންނެވި މައިގަނޑު ސަބަބަކީ އެމްޑީޕީން ބޭއްވި ގުރައިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ޝާޒާ ވާދަކުރެއްވި ސަލްމާން ރަޝީދު ބަލި ގަބޫލު ކުރައްވައި އޭނާގެ ފަހަތަށް އެރި އެރުން ފާހަގަކުރެއްވުމަށެވެ.

"ކުރިއަށް އޮތް އިންތިޚާބު ތަކުގައި ވެސް އަދި ވޭތުވެދިޔަ އިންތިޚާބު ތަކުގައި ވެސް ހާއްސަކޮށް ރިޔާސީ ޕްރައިމަރީގައި ބަލިވި ކެންޑިޑޭޓަށް [ނަޝީދަށް] އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ [މޮޅުވި ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް] ފަހަތަށް އަރާ ވަޑައިގަންނަވާށޭ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް