ރަޝިއާއިން ޔޫކްރޭންގައި ހަނގުރާމައިގެ ޖަރީމާ ހިންގި: ޖަޕާން

ޖަޕާނުގެ ބޮޑުވަޒީރު ޔޫކްރޭނަށް ވަޑައިގެން އެ ގައުމުގެ ރައީސް ޒެލެންސްކީ އާ ބައްދަލުކުރައްވަނީ

ކިޔޭވް (23 މާޗް 2023): ރަޝިއާއިން ޔޫކްރޭންގައި އިންސާނިއްޔަތާ ޚިލާފު އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ޖަޕާނުން ތުހުމަތުކޮށްފިއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފޯމިއޯ ކިޝީދާ ޔޫކްރޭނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ވްލަދިމީރު ޒެލެންސްކީ އާ ބައްދަލު ކުރެއްވުމަށް ފަހު ވިދާޅުވީ ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި ކުރަމުން ގެންދަނީ ޢުދުވާނީ ހަނގުރާމައެއް ކަމަށާއި މި ހަނގުރާމައިގައި ޖަޕާން އޮންނާނީ ޔޫކްރޭންގެ ހައްގުތަކަށް ތާއީދުކުރުން މަތީގައި ކަމަށެވެ.

ކިޝީދާ ތުހުމަތު ކުރެއްވި ގޮތުގައި ރަޝިއާ ސިފައިން ޔޫކްރޭންގެ ސަރަހައްދެއް ކަމަށްވާ "ބުޗާ"ގައި ވަނީ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގައިފައެވެ.

ކިޝީދާ ވަނީ ޔޫކްރޭންގެ މަސްއޫލުވެރިންނާ އެކު "ބުޗާ"އަށް ވަޑައިގެން ރަޝިއާ ސިފައިން ހަނގުރާމައިގެ ޖަރީމާ ހިންގިކަމަށް ތުހުމަތު ކުރެވޭ ތަންތަން ބައްލަވައިލައްވައިފައެވެ.

"ބުޗާ"އިން މިދިޔަ އަހަރު މަރާލާފައިވާ އެތައް ބައެއްގެ ހަށިތައް ފެނުނު ކަމާއި އެއީ ރަޝިއާ ސިފައިން ބަޑި ޖަހައި މަރާލުމަށް ފަހު ވަޅުލާފައިވާ މީހުންގެ ހަށިތައް ކަމަށް ޔޫކްރޭން ބުނެފައިވެއެވެ. ނަމަވެސް ރަޝިއާ ސަރުކާރުން މި ކަން ވަނީ ދޮގު ކޮށްފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔޫކްރޭންގެ ބުޗާއަށް ޒިޔާރަތް ކުރައްވަނީ---

ރަޝިއާ ބުނެފައިވާގޮތުން މަރާލާފައިވާ ހަށިތަކެއް ކަމަށް ބުނެ ޔޫކްރޭނުން ކުޅެފައިވަނީ އެ ގައުމަށް ހަތިޔާރު ފޯރުކޮށްދޭ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ހަމްދަރުދީ ހޯދުމުގެ ޑްރާމާއެކެވެ. މީހުންގެ ހަށިތައް ކަމަށް ބުނެ އެ ގައުމުން ދެއްކީ ހަދާފައިވާ ބުދުތަކެއް ކަމަށް ވެސް ރަޝިއާއިން ވަނީ ތުހުމަތު ކޮށްފައެވެ.

މި މައްސަލަ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައި ތަހުގީގު ކޮށްފައެއް ނުވެއެވެ. އަދި ރަޝިއާއިން ހަނގުރާމައިގެ ޖަރީމާ ހިންގިކަން މުސްތަގިއްލު ތަހުގީގަކުން ސާބިތު ކުރެވިފައެއް ވެސް ނުވެއެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ރަޝިއާ ކުށްވެރިކޮށް ރަޝިއާގެ މައްޗަށް ތުހުމަތުތަކެއް ކުރިއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ކިޝީދާ ވިދާޅުވި ގޮތުގައި "ބުޗާ"އަށް ކުރި ޒިޔާރަތުގައި އޭނާއަށް ހިތާމައެއްގެ އިހުސާސްތަކާއި ފުން އަސަރުތަކެއް ކުރުވިއެވެ. އެ ރަށުގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ފެންނަން އޮތް ކަމަށާއި އެ ކަން މުޅި ދުނިޔެ ވެސް ކުށްވެރިކުރި ކަމަށް ކިޝީދާ ވިދާޅުވިއެވެ.

ޖަޕާނަކީ އެމެރިކާގެ ކޮންޓްރޯލް އޮންނަ ޖަމާއަތެއް ކަމަށްވާ ގްރޫޕް އޮފް ސެވަން ނުވަތަ ޖީ7 ގެ މެންބަރު ގައުމެކެވެ. އެ ޖަމާއަތުގައި ހިމެނޭ ހުރިހާ ގައުމުތަކެއްގެ އިސްވެރިން ވަނީ ޔޫކްރޭނަށް ތާއީދު ކުރާކަން ހާމަކުރުމުގެ ގޮތުން އެ ގައުމަށް ޒިޔާރަތް ކުރައްވައިފައެވެ. ކިޝީދާ ވެސް އެ ގައުމަށް ޒިޔާރަތް ކުރެއްވީ މި ކަމުގައި ޖީ7 އަށް ނިސްބަތްވާ އެހެން ގައުމުތަކުގެ ވެރިންގެ ބާރު އެޅުމުގެ މަތިންކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޝީދާ ޔޫކްރޭނަށް ޒިޔާރަތް ކުރެއްވިއިރު ޗައިނާގެ ރައީސް ޝީޖިންޕިން އުޅުއްވަނީ ރަޝިއާއަށް ކުރައްވާ ޒިޔާރަތެއްގައެވެ.

ޗައިނާއާއި ރަޝިއާއަކީ ހަމައެކަނި އެމެރިކާގެ ބާރާއި ނުފޫޒު އޮންނަ ގޮތަށް ބައްޓަންވެފައިވާ ބައިނަލްއަޤްވާމީ ނިޒާމު ބަދަލުކޮށް ގިނަ ބާރުތަކެއްގެ މައްޗަށް އެކުލެވޭ އިންސާފުވެރި ބައިނަލްއަޤްވާމީ ނިޒާމެއް ގާއިމު ކުރަން މަސައްކަތް ކުރާ ދެ ގައުމެވެ.

މި ދެ ގައުމަށް ވަނީ އެމެރިކާގެ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުވެފައެވެ. އެމެރިކާ އެއްކޮޅުން ޗައިނާ ކައިރިއަށް އަސްކަރީ މަނަވަރުތައް ފޮނުވައިގެން ޗައިނާއަށް ޖެއްސުން ކުރުމުގެ އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު އަނެއް ކޮޅުން އެމެރިކާ ގެންދަނީ ޔޫކްރޭން ހަނގުރާމަ ހުއްޓުވަން މަސައްކަތް ކުރުމުގެ ބަދަލުގައި އެ ހަނގުރާމައިގެ އަލިފާންގަނޑަށް ވެސް ދަރު އަޅަމުންނެވެ.

މިގޮތުން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދީ ހަނގުރާމަ ދިގު ދަންމައި، އަސްކަރީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން ރަޝިއާ ބަލިކުރުމަށް ފާޅުގައި އެމެރިކާއިން މަސައްކަތް ކުރަމުން ގެންދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު