އުމުރުން 34 ގައި އޮޒިލް ފުޓުބޯޅަ ކުޅުމާ ދުރަށް

އޮޒިލް---

އުމުރުން 34 އަހަރުގައި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މެސުޓް އޮޒިލް ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އޮޒިލް ފުޓުބޯޅަ ކުޅުން ހުއްޓާލާކަން އިއުލާންކުރުމަށް ސޯޝަލް މީޑީއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލިކަމުގައި ވީނަމަވެސް ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި 17 އަހަރުގައި ލިބުނު ހުރިހާ ފުރުސަތުތަކަށް ޝުކުރުވެރިވާކަމަށެވެ. އޭނާ ބުނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ހަނދާނުން ފޮހެނުލެވޭނެ އެތަކެެއް ހަނދާންތަކަކާއި ޖަޒުބާތުތަކެއް ތަޖުރިބާ ކުރެވުނުކަމަށެވެ.

"މީގެ ހަފުތާތަކެއް، މަސްތަކެއް ކުރިން ލިބެމުންދިޔަ އަނިޔާތަކުގެ ސަބަބުން ފުޓުބޯޅައާއި ދުރަށްދާ މަންޒަރު ދިޔައީ ފެންނަމުން" އޮޒިލް ބުންޏެވެ.

އޮޒިލްއަކީ ޒަމާނީ ފުޓުބޯޅައިގައި އެންމެ މޮޅެތި ޕްލޭ މޭކަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވާން ފެށީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުންނެވެ.

އޮޒިލް ރެއާލް މެޑްރިޑަށް ޖާޒީގައި---

އެ ވޯލްޑްކަޕްގައި އޭނާ ދެއްކި މޮޅުކުޅުމުގެ ސަބަބުން ސްޕެއިންގެ ގަދަބާރު ރެއާލްމެޑްރިޑަށް ސޮއިކުރުވިއެވެ. އެ ޓީމުގައި އޮޒިލް ހޭދަކުރި ތިން ސީޒަނުގައި އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ލިސްޓުން ޖާގަ ހޯދައިފައެވެ.

ރެއާލްމެޑްރިޑާއެކު އޮޒިލް ވަނީ 2011/12 ވަނަ އަހަރުގެ ލަލީގާގެ ތަށި އުފުލާލައިފައެވެ. އަދި 2010/11 ވަނަ އަހަރުގެ ކޮޕަޑެލްރޭ ވެސް އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

އޮޒިލް ދެން ގުޅުނީ އާސެނަލްއާއެވެ. އެ ޓީމާ 2013ގައި ގުޅި އޭނާ ވަނީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ވެފައެވެ. އޮޒިލް ވަނީ އެ ޓީމާއެކު ހަތަރު އެފްއޭކަޕް ކާމިޔާބުކޮށްފައެވެ. އަދި 2018/19 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލްގައި ވެސް ކުޅެފައެވެ.

އެހެންނަމަވެސް 2019 ވަނަ އަހަރު އާސެނަލްގެ ކޯޗުކަމާ އެ ޓީމުގެ ލެޖެންޑު މިކޭލް އާޓެޓާ ހަވާލުވެ އޭނާގެ ޕްލޭނުން އޮޒިލް އެއްފަރާތްކުރިއެވެ. އެހެންކަމުން 2021 ވަނަ އަހަރު އޮޒިލްއަށް އެ ޓީމު ދޫކޮށްލުމަށް މަޖުބޫރުވިއެވެ.

އާސެނަލް ދޫކޮށްލުމަށްފަހު އޮޒިލް ގުޅުނީ ތުރުކީގެ ބަސަކްޝެހީރާއެވެ. އޭނާވަނީ ދާދިފަހުން އެ ޓީމާއެކު ހަދައިފައިވާ އެއްބަސްވުން އުވާލައިފައެވެ.

އޮޒިލް ވޯލްޑްކަޕް ތައްޓާއެކު---

އޮޒިލްއަކީ ޖަރުމަނު ގައިމީ ޓީމުގައި ވެސް ތަފާތު ދެއްކި މޮޅު ކުޅުންތެރިއެކެވެ. އޭނާ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކުޅެފައެވެ. އެނާ ވަނީ 2014 ވަނަ އަހަރު ވޯލްޑްކަޕްގެ ތަށި އުފުލާލައިފައެވެ.

އެހެންނަމަވެސް 2018 ވަނަ އަހަރު ވޯލްޑްކަޕަށް ފަހު އޮޒިލް ގައުމީ ޓީމުން ރިޓަޔާ ކުރިއެވެ. އޭނާ ގައުމީ ޓީމުން ރިޓަޔާވާން ޖެހުނީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާންއާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކުރުމުން އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން ޕްރެޝަރު ކުރުމުންނެވެ.

މުސްލިމުންގެ ދިފާއުގައި އޮޒިލް ބަސްބުނެ އެމީހުންނަށް އެހީ ފޯރުކޮށްދޭތީ ވެސް އެ ގައުމުގެ ފުޓުބޯޅަ އިދާރާއިން އޭނާއަށް ޕްރެޝަރު ކުރިއެވެ.

comment ކޮމެންޓް