ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރަން ރާއްޖެއާއި ދެކުނު ކޮރެއާއިން މަޝްވަރާކޮށްފި

ދެކުނު ކޮރެއާގެ ރައީސްގެ މަންދޫބު، ލީ ޖިން ބޮކް، ނައިބު ރައީސްގެ އަރިހަށް އިޚުތިރާމުގެ ޒިޔާރަތެއް ކުރެއްވުން --

ރާއްޖެއާއި ދެނުކުކޮރެއާ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން އަލުން ގާއިމުކުރުމަށާއި، ދެ ގައުމުގެ މަސްލަހަތާ ގުޅޭ ދާއިރާތަކުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ދެގައުމުން މަޝްވަރާކޮށްފިއެވެ.

ދެ ގައުމުގެ ދެމެދުގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރީ ދެކުނު ކޮރެއާގެ ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން، ސީނިއާ ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް ފޯ ޕޮލިޓިކަލް އެފެއާޒް، ލީ ޖިން ބޮކް, ނައިބު ރައީސް ފައިސަލް ނަޞީމްގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސާއި ކޮރެއާގެ ރައީސްގެ ޚާއްސަ މަންދޫބު ވަނީ ދެގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން އަލުން ޤާއިމުކުރުމަށާއި، ދެ ގައުމުގެ މަސްލަހަތާ ގުޅޭ ދާއިރާތަކުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އޭގެ އިތުރުން ތައުލީމާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ގުޅުން ބަދަހިކުރުމާއި ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލްކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސާއި ކޮރެއާގެ ރައީސްގެ ޚާއްސަ މަންދޫބު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ސިއްޙީ ޚިދުމަތުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ކޮވިޑުގެ ތެރޭގައި ކޮރެއާ ސަރުކާރުން ރާއްޖެއަށް ދެއްވި ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއިން ދެކުނު ކޮރެއާއާއެކު ސިޔާސީ ގުޅުން ޤާއިމްކުރީ 1966 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

comment ކޮމެންޓް