ހުއްދަ ނެތި އަޑު ބޭނުން ކުރި ކަމަށް ބުނެ، 40 މިލިއަން ހޯދަން ދައުވާކޮށްފި

އޯޑިއޯއެއްގެ މައްސަލައިގައި ބޭޑް ބަނީ އާ ދެކޮޅަށް 40 މިލިއަން ޑޮލަރުގެ މައްސަލައެއް ހުށަހަޅާފައިވަނީ އޭނާ ކުރިން ރަށްޓެހިވެގެން އުޅުނު ކާލިޒް —

މަޝްހޫރު ލަވަކިޔުންތެރިޔާ ބޭޑް ބަނީ، އޭނާގެ ލަވަތަކުގައި އޭނާ ކުރިން ރަށްޓެހިވެގެން އުޅުނު އަންހެން މީހާގެ އަޑު، އޭނާގެ ހުއްދައާ ނުލައި ބޭނުން ކުރި މައްސަލައެއް ހޫނުވެ ކޯޓަށް ހުށަހަޅައިފިއެވެ.

މިއުޒިކް އިންޑަސްޓްރީގައި މި ވަގުތު އެންމެ ބޮޑު އެއް ނަމަކީ ލެޓިން ލަވަކިޔުންތެރިޔާ ބޭޑް ބަނީއެވެ. ނަމަވެސް ދާދިފަހުން ފެންމަތިވި މި މައްސަލައާ ގުޅިގެން އޭނާ ވަނީ ހޫނު ފެނަށް ވެއްޓިފައެވެ.

ބޭޑް ބަނީ ކުރިން ރަށްޓެހިވެގެން އުޅުނު ކާލިޒް ޑި ލަ ކްރޫޒް ހާނަންޑޭޒް ވަނީ އޭނާއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފައެވެ. މި މައްސަލައިގައި ބުނާ ގޮތުގައި އޭނާގެ އަޑު ރިކޯޑު ކޮށްފައިވާކަން ކުރިން އެނގެއެވެ. ނަމަވެސް އެ އަޑު ބޭނުން ކޮށްގެން އެއްވެސް ކަހަލަ މިއުޒިކެއް އުފެއްދުމަށް އެއްވެސް އިރަކު ހުއްދައެއް ދީފައިނުވާނެ ކަމަށް އޭނާ ބުންޏެވެ.

ވިޔަފާރީގެ އުސޫލުން ކާލިޒްގެ އަޑު ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ އޭނާގެ ހައްގަކަށް އަރައިގަތުން ކަމަށް ބުނެ އެ ހައްގު ނިގުޅައި ގަނެފައިވާ ކަމަށް އޭނާ ހުށަހެޅި މައްސަލައިގައި ބުނެއެވެ.

"ބޭޑް ބަނީ ބޭބީ" ކިޔާ މި އޯޑިއޯ ކޮޅު އެންމެ ފުރަތަމަ ބޭޑް ބަނީ ބޭނުންކޮށްފައިވަނީ 2016ވަނަ އަހަރުގައި އޭނާ ނެރުނު ސިންގަލް އެއްގައެވެ. އެއަށް ފަހު އޭނާގެ ގިނަ ލަވަތަކުގައި އެ އޯޑިއޯ ބޭނުން ކޮށްފައިވެއެވެ. އެންމެ ފަހުން އެ އޯޑިއޯ ބޭނުންކޮށްފައިވަނީ ބޭޑް ބަނީގެ ފަހުގެ އަލްބަމުގައެވެ.

އެ އަލްބަމްގައި އޭނާގެ އަޑު ބޭނުންކޮށްފައިވާއިރު ބޭޑް ބަނީގެ ރެޕްރެޒެންޓެޓިވް އެއް ވަނީ އެ އަޑު ބޭނުން ކުރުމަށް ހުއްދައަށް އެދި އެއްބަސްވުމެއް ފޮނުވާފައި ކަމަށް ކާލިޒް ބުނެއެވެ. އަދި އެކަމަށް 20،000 ޑޮލަރު ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ބުނެއެވެ.

މިކަމާ ދެކޮޅަށް ކާލިޒް ހުށަހެޅި މައްސަލައިގައި ބޭޑް ބަނީ އަތުން 40 މިލިއަން ޑޮލަރު ހޯދަން ވަނީ އެދިފައެވެ.

comment ކޮމެންޓް