ކޮވިޑުގެ ތަޖުރިބާތައް ކިޔައިދޭ އިތުރު ފިލްމެއް

ކޮވިޑުގެ ބަލިމަޑުކަމު ގެތެރޭގައި އިންޑިއާގެ ބައެއް ސަރަޙައްދުތަކަށް ނިސްބަތްވާ މީހުންގެ ދިރިއުޅުމަށް ބިނާކޮށްގެން އުފައްދާ ފިލްމު "ބީޅް"ގެ އާ ޓްރެއިލާއެއް ޢާއްމުންނަށް ދައްކާލައިފިއެވެ.

ކޮވިޑާ ގުޅިގެން 2020ވަނަ އަހަރު އިންޑިއާ ލޮކްޑައުންއަކަށް ދިއައިރު ޢާއްމުންނަށް ދިމާވި ދަތި އުނދަގޫ ޙާލަތްތަކުގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ޓްރެއިލާ މީގެ ކުރިން ވެސް ވަނީ ޔޫޓިއުބް މެދުވެރިކޮށް ބެލުންތެރިންނާ ޙިއްސާކޮށްފައެވެ. އެހެންނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން މި ޓްރެއިލާ ޔޫޓިއުބުން ވަނީ ފުހެލައިފައެވެ.

ފިލްމުގެ ޓްރެއިލާ ފަހުން ދައްކާލިއިރު ކުރީގެ ޓްރެއިލާގައި ދެއްކި ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައެވެ. އަދި ޓްރެއިލާގެ ބެކްގްރައުންޑް ނެރޭޝަން ވެސް ވަނީ ކޮންމެ ވެސް ވަރަކަށް ބަދަލު ކޮށްފައެވެ.

ކަޅާއި ހުދުގެ ފޯމެޓަކަށް ޝޫޓްކޮށްފައިވާ މި ފިލްމަކީ، އަނޫބާވް ސިންގްހާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެކްޓަރު ރާޖް ކުމާރް ރާއޯ، އާޝުތޯޝް ރާނާ، ޕަންކަޖް ކަޕޫރު ފެނިގެންދާ މި ފިލްމުގައި ބަތަލާއިންގެ ގޮތުގައި ފެންނާނީ ބޫމިކާ އަދި ދިއާ މިރްޒާއެވެ.

މި ފިލްމު ކަޅާއި ހުދުން ޝޫޓް ކުރުމާ ބެހޭގޮތުން ޑައިރެކްޓަރު އަނޫބާވް ބުނެފައިވަނީ، ފިލްމު "މުގަލް އޭ އާޒަމް" ކަހަލަ ކަޅާއި ހުދުގެ ފިލްމުތައް ކުލަކުރާ ޒަމާނެއްގައި ކަޅާއި ހުދުގެ ފިލްމެއް އުފެއްދުމުގެ ޚިޔާލު ހުށަހަޅަން ތަންކޮޅެއް ޖެހިލުންވި ކަމަށެވެ. އެހެންނަމަވެސް މި ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް އޭނާގެ ޚިޔާލު ވަރަށް ބޮޑަށް ކަމުދިޔަ ކަމަށާއި މިއީ މި ފަހުގެ ސިނަމާއިން ފެނިގެންދާނެ ވަރަށް ބޮޑު ތަފާތެއް ކަމަށް އަނޫބާވް ވަނީ ބުނެފައެވެ.

މި މަހުގެ 24ގައި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު މި ފިލްމުން އިންޑިއާއިން ކޮވިޑުގެ ދުވަސްތަކުގައި ތަޙައްމަލުކުރި ވަރަށް ހިތްދަތި ދުވަސްތަކެއް ބެލުންތެރިންނަށް ފެނިގެންދާނެއެވެ.

comment ކޮމެންޓް