ރަންބީރުއާއި ޝްރަދާގެ ފިލްމު 100 ކްރޯޑް ފަހަނައަޅައިފި

އެކްޓަރު ރަންބީރު ކަޕޫރާއި ބަތަލާ ޝްރަދާ ކަޕޫރު ލީޑް ރޯލްއިން ފެނިގެންދިޔަ ލަވް ރަންޖަންގެ ފިލްމު "ތޫ ޖޫތީ މޭ މައްކާރު" ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދުމަށްފަހު 100ކްރޯޑް ކްލަބުން ޖާގަ ހޯދައިފިއެވެ.

ފިލްމު ރިލީޒް ކުރެވުނުތާ އެންމެ އެގާރަ ދުވަހުގެތެރޭގައި މި ފިލްމު ބޮކްސް އޮފީހުގެ 100 ކްރޯޑުގެ ކާމިޔާބީ ޙާޞިލުކޮށްފައި މި ވަނީ ހަމައެކަނި އިންޑިއާގެ އެކި ހިސާބުތަކުގައި ދެއްކި ޝޯވް ތަކުންނެވެ.

މިމަހުގެ 8ގައި ރިލީޒްކުރި މިފިލްމަށް ބޭރު ޤައުމުތަކުގެ މާކެޓުން މިއަށްވުރެ މަތީ ޢަދަދެއް ލިބިފައިވާނެ ކަމަށް ފިލްމީ އެނަލިސްޓުން ވަނީ ބުނެފައެވެ.

ފިލްމު ޓްރޭޑް އެނަލިސްޓު ތަރަން އާދަޝް ބުނެފައިވަނީ މިއަހަރުގެ ކުރީކޮޅު ރިލީޒްވި ފިލްމު "ޕަތާން"އަށްފަހު މިއީ މިއަހަރު ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވޭ ފިލްމެއް ކަމަށެވެ.

ފިލްމު "ތޫ ޖޫތީ މޭ މައްކާރު"އަކީ ރަންބީރު ކަޕޫރާއި ޝްރަދާ ކަޕޫރުގެ ފިލްމީ ކެރިއަރުގައި ބޮކުސް އޮފީހުގެ ސަތޭކަ ކްރޯޑް ކްލަބުން ޖާގަ ހޯދި ހަ ވަނަ ފިލްމުވެސްމެއެވެ. ޓީ-ސީރީސްގެ ޙިއްސާ ވެސް އޮތް މި ފިލްމަށް ސަތޭކަ ކްރޯޑަށްވުރެ މަތިން ބޮޑު އާމްދަނީއެއް ލިބިފައިވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި މިޢަދަދު ދެ ގުނަ އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށް ވެސް ފިލްމު އެނަލިސްޓުން ވަނީ ލަފާކޮށްފައެވެ.

ބަތަލާ ޝްރަދާ ކަޕޫރާއި ރަންބީރު ކަޕޫރުގެ އިތުރުން ފިލްމުން ފެނިގެންދާ މުހިއްމު ތަރިންނަކީ، ބަތަލާ ޑިމްޕަލް ކަޕާޑިއާ އަދި ޕްރޮޑިއުސަރު ބޮނީ ކަޕޫރެވެ. ލޯބީގެ ހެއްވާ މަޖާ ހާދިސާތައް ދައްކުވައިދޭ މި ފިލްމަކީ މިއަހަރު ރިލީޒްވި ރަންބީރުގެ ފިލްމުތަކުގެ ތެރެއިން ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރުގެ ފުރަތަމަ ފިލްމެވެ.

މިދިޔަ އަހަރު އަންހެނުން، ބަތަލާ އާލިއާ ބަޓްއާއި އަމީތާބް ބައްޗަން މުހިއްމު ރޯލްއިން ފެނިގެންދިޔަ އަޔާން މުކަރްޖީގެ ފިލްމު "ބްރައްމަސްތުރާ"ވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ފިލްމު "އާޝިޤީ2"އިން ގިނަ ބައެއްގެ މެދުގައި މަޤުބޫލުވި ބަތަލާ ޝްރަދާ ކަޕޫރު ބުނެފައިވަނީ މި ފިލްމުގައި ކުޅުނު ރޯލަކީ މިހާތަނަށް ކުޅުނު ފިލްމުތަކުގެ ކުޅެން ނުލިބޭކަހަލަ ޝައުޤުވެރި ރޯލެއްކަމުގައެވެ.

comment ކޮމެންޓް