ޝީ ޖިންޕިން ރަޝިއާއަށް، ރަޝިއާ އެކަހެރިކުރަން ހުޅަނގުން ކުރާ މަސައްކަތްތައް ފެނަށް!

ޕޫޓިންއާއި ޝީ

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރަޝިއާއަށް ވަޑައިގަންނަވާނެ ކަމަށް ރަޝިއާގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އެވުޒާރާއިން ބުނިގޮތުގައި ޗައިނާގެ ރައީސް ރަޝިއާއަށް ވަޑައިގަންނަވަނީ ރައީސް ވްލަދިމީރު ޕޫޓިންގެ ދައުވަތަކަށެވެ. ޝީއާއި ޕޫޓިންގެ ރަސްމީ މަޝްވަރާތައް ބިނާވެގެންދާނީ ރަޝިއާ އާއި ޗައިނާއާ ދެމެދުގެ ސްޓްރެޓެޖިކް ގުޅުންތަކާއި، ވިޔަފާރިއާއި ޓެކްނޮލޮޖީގެ ގުޅުންތައް އިތުރަށް ބަދަހިކޮށް އެއްގައުމުގެ ތަޖުރިބާ އަނެއްގައުމާ ހިއްސާކުރުމުގެ މައްޗަށްކަމަށްވެސް ރަޝިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިންވެސް ވަނީ މާދަމާ ރައީސް ޝީ ރަޝިއާއަށް ޒިޔާރަތްކުރައްވާނެކަން ކަށަވަރުކޮށްދީފައެވެ. އެވުޒާރާ ބުނާގޮތުން ރައީސް ޝީ ރަޝިއާއަށް ވަޑައިގަންނަވަނީ ޕޫޓިންގެ ދައުވަތަކަށް ޗައިނާގެ އިސް މަސްއޫލުވެރިން ހިމެނޭގޮތަށް ބޮޑު ވަފުދަކާއެކުގައެވެ. ޝީގެ ދަތުރުފުޅާ ގުޅިގެން ދެގައުމުގެ މެދުގައި ގިނަ ފަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެކަމަށްވެސް ޗައިނާއާއި ރަޝިއާވެސް ބުނެފައިވެއެވެ.

ޝީ ރަޝިއާއަށް ވަޑައިގެން ޕޫޓިންއާ ބައްދަލުކުރެއްވުމަކީ އެމެރިކާއާއި ޔޫރަަޕުން އިންތިހާއަށް ނުތަނަވަސްކަން އިހުސާސްކުރާ ކަމެއްކަމަށް އެމެރިކާގެ ނޫސްތައް ބުނެއެވެ. މިއީ ރަޝިއާ އެކަހެރި ކުރުމަށް ހުޅަނގުން ކުރާ މަސައްކަތް ފެއިލްވެގެން ދިޔުންކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ޝީ ރަޝިއާއަށް ވަޑައިގަންނަވަނީ ޕޫޓިންގެ މައްޗަށް ހަނގުރާމައިގެ ޖަރީމާގެ ތުހުމަތުތަކެއް ކުރުމަށްފަހު އޭނާ ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ)ން ނެރުނުތާ ދެދުވަސްފަހުންނެވެ. ރަޝިއާއިންވަނީ "އައިސީސީ"ގެ އަމުރަކީ ގާނޫނީގޮތުން ބާތިލު އަމުރެއްކަމާ އެއަށް އެއަމުރަށް ރަޝިއާ އަމަލުކުރަންޖެހޭ ގާނޫނީ ހައިސިއްޔަތެއްނެތްކަމަށް ބުނެފައެވެ. އަދި އެއީ އެމެރިކާ "އައިސީސީ" އަށް "އަތްބާނައިގެން" ނެރުނު އަމުރެއްކަމަށް ރަޝިއާގެ ރަސްމީ (ދައުލަތުގެ) މީޑިއާއިންވަނީ ސިފަކޮށްފައެވެ.

"އައިސީސީ"ގެ އަމުރަށް 48 ގަޑީއިރު ނުވަނީސް ދުނިޔޭގެ އެންމެބޮޑު އެއްބާރުކަމަށްވާ ޗައިނާގެ ރައީސް ރަޝިއާއަށް ވަޑައިގެން ޕޫޓިންއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބޭއްވުމަކީ އެއަމުރުގެ "ފޭކު"ކަމާއި އެއަމުރަށް ޗައިނާފަދަ ބޮޑެތި ބާރުތަކުން އެއްވެސް ވަރަކަށް "އިހުތިރާމު" ނުކުރާކަމުގެ ހެއްކެއް ކަމަށް މުރާސިލުން ބުނެއެވެ.

ޝީ ރަޝިއާއަށް ވަޑައިގަންނަވާއިރު ރަޝިއާގެ މީޑިއާއިންވަނީ ރަޝިއާއާއި ޗައިނާ އިސްވެއޮވެގެން ދުނިޔޭގެ ދެކުނު ފަޅީގެ ގައުމުތަކާ (ތަރައްގީވަމުން އަންނަ ގައުމުތަކާ) އެކު ގުޅިފައިވާ އެލަޔަންސެއް (އިއްތުހާދެއް) އުފެއްދުމުގެ މުހިންމު ކަމާބެހޭގޮތުން ވާހަކަ ދައްކާފައެވެ.

ޗައިނާއާއި ރަޝިއާއަކީ އެމެރިކާގެ ބާރާއި ނުފޫޒާ ކުރިމަތިލުމުގައި އެއްބައިވަންތަ ދެގައުމު ކަމަށްވިޔަސް އެދެގައުމަކީ އަމިއްލަ މަސްލަހަތުތަކަކާއި ބައެއް ހާލަތްތަކުގައި ވާދަވެރިކަންވެސް އޮންނަ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭ ދެގައުމެވެ. ޗައިނާއާއި ރަޝިއާގެ ގުޅުންތަކަކީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ ދެމެދު އޮންނަ ފަދަ ޔޫރަޕްގެ ގައުމުތަކުން އެމެރިކާއަށް ކިޔަމަންތެރިކަން އަދާކުރާގޮތަށް އަދި ހަމައެކަނި އެމެރިކާ މަސްލަހަތަށް ރިއާޔަތްކުރާގޮތަށް އޮންނަ ފަދަ ގުޅުންތަކެއްނޫނެވެ.

އެމެރިކާއާއި ޔޫރަޕްގެ ގުޅުންތައް މިގޮތަށް އޮންނަނީ އެމެރިކާއާ އަޅާބަލާއިރު ޔޫރަޕްގެ ގައުމުތަކަކީ ހުރިހާ ގޮތަކުންވެސް ކުދި، ބަލިކަށި އަދި ވަސީލަތްތައްމަދު ގައުމުތަކަކަށް ވެފައި ހުޅަނގުގެ ލެބަރަލް ފިކުރާއި އައިޑިއޮލޮޖީއަކީ އެމެރިކާއާއި ޔޫރަޕް އެއްވަރަކަށް ހިއްސާކުރާ ފިކުރާއި ވެލިއުތަކެއް ކަމަށްވާތީ އެމެރިކާއާއި ޔޫރަޕާ ދެމެދުގައިވާ ގުޅުންތައް ޗައިނާއާއި ރަޝިއާއާ ދެމެދުގައިވާ ގުޅުންތަކާ ވަރަށް ތަފާތެވެ.

އަނެއްކޮޅުން ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެމެރިކާ އިސްވެއޮވެ ބިނާކުރި ބައިނަލްއަގްވާމީ ނިޒާމަކީ އެމެރިކާގެ އަސްކަރީ ބާރާއި ނުފޫޒުގެ ދަށުގައި ޔޫރަޕް އޮންނަ ގޮތަށް ބައްޓަންކުރި އަދި ޔޫރަޕުން ހުރިހާ ކަމެއްގައި އެމެރިކާގެ މައްޗަށް ބަރޯސާވާން ޖެހޭގޮތަށް ބައްޓަންކުރި ނިޒާމެކެވެ. ޔޫރަޕްގައި އެމެރިކާގެ ތިރީހަށްވުރެ ގިނަ އަސްކަރީ ބޭސް އެބައޮތެވެ. ޔޫރަޕްގެ ގައުމުތަކަކީ އެމެރިކާއާ އަޅާބަލާއިރު ވަރަށް ކުދިކުދި އެމެރިކާގެ ކުރިމަތީގައި ސިޔާސީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން ޖަދަލު ކުރެވޭވަރަށްވުރެ މާބަލިކަށި ގައުމުތަކެކެވެ.

ނަމަވެސް ޗައިނާއާއި ރަޝިއާއަކީ އެއްގައުމު އަނެއް ގައުމަށް ބަރޯސާވާވަރަށްވުރެ ވަސީލަތްތައް ގިނަ އަދި ހުރިހާ ގޮތަކުންވެސް ބޮޑު ދެ ގައުމު ކަމަށްވާތީ ޗައިނާއާއި ރަޝިއާއާ ދެމެދު އޮންނަނީ އެމެރިކާއާއި ޔޫރަޕާ ދެމެދުގައި އޮންނަ ބާވަތުގެ ކިޔަމަންތެރިވުމާއި ޑިކްޓޭޓް ކުރާގޮތަށް ބައްޓަން ކުރެވިފައިވާ ގުޅުންތަކެއް ނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު