ނިއުޒީލެންޑު ސަރުކާރުގެ ޑިވައިސްތަކުގައި ޓިކްޓޮކް މަނާކޮށްފި

އެމެރިކާގައި ޓިކްޓޮކް މަނާ ކުރަން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް މަސައްކަތް ކުރެއްވި -- ފޮޓޯ/ ގެޓީ

ނިއުޒީލެންޑުން އެ ޤައުމުގެ ސަރުކާރުގެ ޑިވައިސްތަކުގައި ޓިކްޓޮކް އެޕްލިކޭޝަން މަނާކޮށްފިއެވެ.

ޗައިނާގެ މިލްކުވެރިކަމުގައިވާ ވީޑިއޯ ޝެއަރިން ޕްލެޓްފޯމް ޓިކްޓޮކް، ސަރުކާރުގެ ޑިވައިސްތަކުގައި މަނާކޮށްފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައެވެ.

'ދަ ގާޑިއަން'އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިއުޒިލޭންޑުން މި ފިޔަވަޅު އަޅާފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްގެ އެޕް (ޓިކްޓޮކް)ގެ މިލްކުވެރިކަމާ ގުޅިގެން ސަލާމަތީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ހުޅަނގުގެ ބައެއް ސަރުކާރުތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ބައެއް ޤައުމުތަކުން މުޅިން ޓިކްޓޮކް މަނާކޮށްފައިވީ ނަމަވެސް ނިއުޒީލެންޑުގައި ޓިކްޓޮކް މަނާކުރާނީ ހަމައެކަނި ސަރުކާރުގެ އޮފިޝަލުންގެ ރަސްމީ މަސައްކަތު ފޯނުތަކުން ނުވަތަ އެފަދަ ޑިވައިސް ތަކުންނެވެ. އިނގިރޭސިވިލާތުގައި ވެސް ޓިކްޓޮކް މަނާކުރީ ހަމައެކަނި ސަރުކާރުގެ މަސައްކަތްތަކުގައި ބޭނުންކުރާ ޑިވައިސްތަކުންނެވެ.

ޑަޗީ އޮފް ލަންކާސްޓާގެ ޗާންސެލަރު އޮލިވާ ޑައުޑެން ވަނީ އެ މަނާ ކުރުމަކީ "ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް" ކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ މީސްމީޑިއާ އެޕްތަކުން ގިނަ އަދަދެއްގެ ޔޫޒާ ޑޭޓާ އެއްކޮށް ރައްކާކުރާ ކަމަށާއި އޭގެ ތެރޭގައި ކޮންޓެކްޓްސް، ޔޫޒާ ކޮންޓެންޓް، އަދި ސަރުކާރުގެ ޑިވައިސްތަކުގައި ޖިއޮލޮކޭޝަން ޑޭޓާ ހިމެނޭ ކަމަށާއި އެއީ ނާޒުކު އެއްޗަކަށް ވެދާނެ ކަމަށެވެ.

ޓިކްޓޮކުން ވަނީ މި ކަމާއިމެދު މާޔޫސްވާކަމަށް ބުނެ ރައްދުދީފައެވެ.

ޓިކްޓޮކުން ބުނީ އެއީ "އަސާސީ ގޯސް ތަސައްވުރުތަކެއް"ގެ މައްޗަށް ބިނާކޮށް، ނިންމާފައިވާ ޚުދުމުޚުތާރު ނިންމުމެއް ކަމަށެވެ. އަދި އިނގިރޭސި ޔޫޒަރުންގެ ޑޭޓާ ރައްކާތެރި ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އިނގިރޭސި ސަރުކާރުގެ ބައެއް ޑިޕާޓްމަންޓްތަކުގައި ޓިކްޓޮކް އެކައުންޓްތައް ހުންނައިރު، އޭގެ ތެރޭގައި އެ ގައުމުގެ ޑިފެންސް މިނިސްޓްރީ ވެސް ހިމެނެއެވެ. ސައިންސް، އިނޮވޭޝަން، އަދި ޓެކްނޮލޮޖީގެ ސެކްރެޓަރީ އޮފް ސްޓޭޓް މިޝެލް ޑޮނޭލަން ދާދި ފަހުން ވިދާޅުވެފައިވަނީ މި އެޕަކީ އިނގިރޭސި ރައްޔިތުން ބޭނުން ކުރުމުގައި މައްސަލައެއް އޮތް އެޕެއް ނޫންކަމަށެވެ.

ޓިކްޓޮކްގެ، ޗައިނާގެ މިލްކުވެރިކަމާ ގުޅުން ހުރި ސަލާމަތީ ނުރައްކާތަކާ ގުޅޭ ކަންބޮޑުވުންތައް އިތުރުވަމުންދާއިރު، ސަރުކާރުގެ ޑިވައިސްތަކުގައި އެޕް މަނާކުރުމުގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ނިއުޒީލެންޑްގެ މި އިސްނެގުމާ އެކު އިތުރު ގައުމުތަކެއް ބައިވެރިވާނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭންގެއެވެ.

ޓިކްޓޮކަކީ ފާއިތުވި އަހަރުތަކުގައި އިންތިހާއަށް މަގުބޫލުވެފައިވާ ސޯޝަލް މީޑިއާ އެޕެކެވެ. ޗައިނާގެ ބައިޓްޑާންސް ނަމަކަށް ކިޔާ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ މި އެޕް 2016ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޑައުއިންގެ ނަމުގައި ތައާރަފްކުރިއެވެ. މި އެޕް ޗައިނާގައި ވަރަށް އަވަހަށް މަގުބޫލުކަން ހޯދިއިރު، 2018ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 500 މިލިއަނަށް ވުރެ ގިނަ އެކްޓިވް ޔޫޒަރުން ތިއްބެވެ.

ދެހާސް ސަތާރަވަނަ އަހަރު ބައިޓްޑާންސް އިން ވަނީ އެމެރިކާ އާއި ޔޫރަޕްގައި ވެސް ގިނަ ފޮލޯވަރުންތަކެއް އޮތް މިއުޒިކަލް.ލައި ކިޔާ މިފަދަ އެޕެއް ގަނެފައެވެ. މި ދެ އެޕް 2018ވަނަ އަހަރުގެ އޮގަސްޓް މަހު އެއްކޮށްލިއިރު، އާ އެޕްގެ ނަމަކީ ޓިކްޓޮކެވެ.

އޭގެ ފަހުން ޓިކްޓޮކް ވެފައިވަނީ ދުނިޔޭގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ އެއް މީސްމީޑިއާ ޕްލެޓްފޯމަށެވެ. އަދި އެއީ މިއަދު ގިނަބަޔަކު ބަލައިގަންނަ އެޑިޓިން ޓޫލެކެވެ.

comment ކޮމެންޓް