ދިރާގުގެ ސަބްމެރިން ކޭބަލް މަޝްރޫއުއަށް 30 މިލިޔަން ޑޮލަރުގެ ލޯނެއް ނަގައިފި

ދިރާގުން އައިއެފްސީ އަދި އޭޑީބީއާ އެކު ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ ދިރާގު

ދިރާގުގެ ސަބްމެރީން ކޭބަލް ޕްރޮޖެކްޓަށް ފައިސާ ހޯދަން އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ދެވަނަ ފެސިލިޓީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިރާގުން މިއަދު ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން ދިރާގުގެ ސީމީވީ ހަޔެއް ސަބްމެރީން ކޭބަލްގެ މަޝްރޫއަށް 30 މިލިއަން ޑޮލަރުގެ ލޯނުގެ އެހީތެރިކަން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސީމީވީ ހަޔެއް ސަބްމެރިން ކޭބަލް ޕްރޮޖެކްޓްގެ ސަބަބުން ގްލޯބަލް އިންޓަނެޓް ސުޕާހައިވޭއާ ދިވެހިރާއްޖެ ގުޅާލައި ރާއްޖެއަކީ ދުނިޔޭގެ ޑިޖިޓަލް ހަބަކަށް ހެދުމަށް މަގު ފަހިވާނެއެވެ. މީގެ އިތުރުން އިންޓަނެޓްގެ ލެޓެންސީ ކުޑަކޮށް ކުރިއަށްވުރެ ފެންވަރު ރަނގަޅު އަދި ހެޔޮއަގެއްގައި ދިރާގު އިންޓަނެޓް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ފަސޭހެ ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ލޯނު އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ޙަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ބައިނަލްއަޤްވާމީ ސްޓޭޖުގައި ދިރާގު އިތުރަށް ޝާމިލްވެ އަދި ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްދީ ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިސާދީ ތަރައްޤީއަށް މަގުފަހިވާނެކަމަށެވެ.

"އައިއެފްސީ އާއި އޭޑީބީއާއެކު މި ދެވަނަ ފެސިލިޓީގައި ސޮއިކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ރާއްޖޭ ސީ.މީ.ވީ 6 ސަބްމެރީން ކޭބަލް ސިސްޓަމްއާ ގުޅުވާދޭނެ މުހިންމު އިންވެސްޓްމެންޓެއް. ސީމީވީ 6 ކޮންސޯޓިއަމްގެ މެމްބަރެއްގެ ގޮތުންނާއި މި ސިސްޓަމްގެ ކޯ-އޯނަރެއްގެ ގޮތުން ޔޫރަޕާއި ސިންގަޕޫރާއި ދެމެދުވާ ގިނަ އިންޓަރނެޓް ޑޭޓާ ސެންޓަރުތަކަށް ދިރާގަށް އެކްސެސް ލިބޭނެ،" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އައިއެފްސީން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަލެހާންޑްރޯ އަލްވަރޭޒް ޑި ލާ ކެމްޕާ ވިދާޅުވީ އައިއެފްސީން ދިރާގަށް ކުރާ އިންވެސްޓްމަންޓްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި އަދި އިތުބާރު ހިފޭ ކަނެކްޓިވިޓީ ގާއިމްވެ ހުރިހާ ފަރާތްތަކެއް ވެސް ޝާމިލްވާ ފަދަ ވިޔަފާރީގެ ކުރިއެރުން ބިނާވެ އެންމެންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވެގެން ދާނެ ކަމަށެވެ.

މިއީ ދިރާގުން އައިއެފްސީ އާއި އޭޑީބީއާ ސޮއި ކުރި ދެވަނަ އެއްބަސްވުމެވެ. އެގޮތުން ނިމިދިޔަ އަހަރު ދިރާގުން ވަނީ ފައިނޭންސިންގެ ފުރަތަމަ ލޯން ފެސިލިޓީގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 25 މިލިއަން ޑޮލަރު ދަނީ އެ ކުންފުނީގެ ވޯކިން ކެޕިޓަލް އަދި ކެޕިޓަލް އިންވެސްޓްމެންޓް ޕްރޮގްރާމަށް ހަރަދު ކުރަމުންނެވެ.

މީގެ ސަބަބުން ދިރާގުގެ 5ޖީ ޚިދުމަތް ފުޅާކޮށް، އިތުރު ރަށްރަށަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ފޯރުކޮށްދީ، އެ ކުންފުނީގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އެކްސްޕޭންޝަން ޕްރޮޖެކްޓަށް އެހީތެރިވި ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ދެވަނަ ލޯނު ފެސިލިޓީގައި ސޮއިކުރުމާއެކު އައިއެފްސީ އަދި އޭޑީބީއިން ދިރާގަށް ދިން ފައިސާގެ އެހީ ޖުމްލަ 55 މިލިއަން ޑޮލަރަށް އަރާނެއެވެ. މި ފައިނޭންސިންއާ އެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ދިރާގުން ކުރާ އިންވެސްޓްމަންޓަށް އިތުރު އެހީއަކަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނެކްޓިވިޓީ ހަރުދަނާ ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް