ދިރާގުގެ 57 މުވައްޒަފަކަށް އެވޯޑު ދީފި

ދިރާގުގެ އަހަރީ އެވޯޑް ދިނުމުގެ ޙަފުލާގެ ތެރެއިން --- ފޮޓޯ/ ދިރާގު

ދިރާގުން އެ ކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.

ދިރާގުން ކޮންމެ އަހަރަކު ވެސް ބާއްވާ އެވޯޑް ދިނުމުގެ ހަފްލާގައި ވަނީ ކުންފުންޏަށް ޚިދުމަތްކުރާތާ 10 އަހަރު، 15 އަހަރު އަދި 25 އަހަރުވީ 29 މުވައްޒަފެއްގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑް ދީފައެވެ.

މީގެ އިތުރުން ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ މުވައްޒަފުންނަށް ވެސް މި ޙަފްލާގައި ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އޭގައި 14 ޑިވިޝަނަލް މެރިޓް 10 ސްޕެޝަލް މެރިޓް އެވޯޑް، ދެ އިނޮވޭޝަން އެވޯޑް އަދި ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑު ވެސް ހިމެނެއެވެ.

މި ޙަފުލާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޗެއާމަންގެ އެވޯޑާ ލިބިފައިވަނީ އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަންގެ އެސިސްޓަންޓް މެނެޖާ ސިވިލް، ސިނާޒްއަށެވެ.

އެވޯޑު ދިނުމުގެ ހަފްލާގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢިލް ރަޝީދު ވަނީ ދިރާގުގެ އެވޯޑް ލިބުނު ހުރިހާ މުވައްޒަފުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ޤައުމު މުވާސަލާތީގޮތުން ގުޅާލުމުގައި ދިރާގުގެ ހުރިހާ މުވައްޒަފުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެމުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އިސްމާޢިލް ރަޝީދު ޝުކުރު އަދާކުރެއްވިއެވެ.

ދިރާގުން ބުނީ މި ޙަފްލުގާގެ ބޭނުމަކީ އެ ކުންފުންޏަށް ހޯދާދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ އިވެންޓެއް ކަމަށެވެ. މި އަހަރުގެ އިވެންޓްގައި، ދިރާގު ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއަރމަން އަލްފާޟިލް އިސްމާޢީލް ވަޙީދާއި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދުގެ އިތުރުން ދިރާގުގެ ލީޑަރޝިޕް ޓީމްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިރާގުން އަބަދުވެސް އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުން ކަމަށް ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް