ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރަން ދިރާސާތަކެއް މުހިންމު: އިމްރާން

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރަން އިލްމީ ދިރާސަތަކެއް ކޮންމެހެން ވެސް ބޭނުންވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް, ރިފޯމް ކުރުމުގެ މަސައްކަތް މި ސަރުކާރުން ފެށީ ކަމުގެ ހަގީގަތް އެނގިތިބެ, ކަމަށެވެ. އެއް ފިވަޔަޅަށްފަހު އަނެއް ފިޔަވަޅު އަޅަމުން އައިސް މިއަދު ފެށި ޕޮލިސް ރިސާޗް ކޮންފަރެންސަކީ މި ދިގު މަގަށް ފުލުހުންގެ މުއައްސަސާ ގޮވައިގެން ދަތުރުކުރަން ނިކުމެތިއްބެވި މާލިމީންނަށް, މަގުދައްކައިދޭނެ އަލިގަދަ ބައްތިއަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ޕޮލިސް ބޯޑާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ބާއްވާ ކޮންފަރަންސެކެވެ.

"ފުރަތަމަ ފަހަރަށް ފުލުހުންގެ ޚިދުމަތް ބައްޓަންކުރަންވީގޮތް އާއްމު ރައްޔިތުން އެކުވެ ގުޅިގެން ދިރާސާވެރިންގެ ހޯދުންތަކާ އެކު ހުށަހަޅައިދިނުމަކީ ރާއްޖޭގައި ކުރެވޭ އާ ތަޖުރިބާއެއް." މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރަނގަޅު އޮފިސަރުން ތަމްރީނު ކުރުމަކީ ދައުލަތުން މުހިއްމު އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން، ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދީ އެކަމަށް މަގުފަހިވާނެ ގޮތްތައް ފަހިކޮށްދިނުމަކީ ސަރުކާރުތަކުގެ ބޮޑު ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދީ އެކަމަށް މަގުފަހިވާނެ ގޮތްތައް ފަހިކޮށްދިނުމަކީ ސަރުކާރުތަކުގެ ބޮޑު ޒިންމާއެއް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފުރިހަމަ ފުލުހުންގެ މުއައްސަސާއެއް ގާއިމްކުރުމަކީ އެންމެން އެދޭ އެދުން އަދި އެންމެން ބޭނުންވާ ގޮތް ކަމަށް ވިޔަސް, އެ މަގަށް ދިއުމުގައި ހުރި ދަތިތަކާއި, ގޮންޖެހުންތަކުގެ ބޮޑުކަން ރައްޔިތުންނާއި, ދިރާސާކުރާ ފަރާތްތަކާއި އެންމެންނަށް އެކުގައި ތިބެ މަޝްވަރާކުރެވި އެނގެން ޖެހޭކަމަށެވެ.

މި ކޮންފަރެންސްގެ ތިން ދުވަހުގެ ތެރެއިން ފުރަތަމަ ދުވަސް ޚާއްސަ ކުރީ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ތަފާތު 10 ދާއިރާއަކުން ދިރާސާ ކަރުދާސް ހުށަހެޅުމަށެވެ.

މިގޮތުން، އާންމު ފަރާތްތައް، ޖަމްޢިއްޔާ، ކޮލެޖް އަދި ފުލުހުން ހިމެނޭގޮތަށް، އެކި ފަރާތްތަކުން ނުވަ ދިރާސާ ކަރުދާސް ހުށަހަޅާ، ފަނޑިޔާރުން އިންސާފުކުރެއްވިއެވެ. އަދި ހުށަހެޅުނު ކަރުދާސްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ކަރުދާސް ހުށަހެޅި ފަރާތްތަކަށް އިނާމު ދިނުމަށް ނިންމާފައިވެއެވެ.

މި ކޮންފަރެންސްގެ މާދަމާ ޚާއްސަ ކުރާނީ، މުޖުތަމައުއާ ގާތުން ގުޅިގެން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށާއި، އެ ކަންކަން އިތުރަށް ފުޅާކޮށް، މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމުގެ މައްޗަށެވެ. އަދި ކޮންފަރަންސްގެ ފަހު ދުވަހު އޮންނާނީ ކުށް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމަށް ބަލައިލުމަށެވެ.

މި ދެ ދުވަހުގެ ސެޝަންތަކުގައި އެކުލެވޭނީ ރާއްޖެއާއި ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޕްރެޒެންޓޭޝަންތަކާއި، ރާއްޖޭގައި ބެސްޓް ޕްރެކްޓިސްގެ ގޮތުގައި ބެލިދާނެ ދެ ރަށެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވޭ ޑޮކިއުމެންޓްރީ ޕްރެޒެންޓޭޝަނަކާއި، މަދަނީ ޖަމުއިއްޔާތަކާއި އަދި ނާޒުކު ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އިދާރާތައް ފަދަ ފަރާތްތަކުގެ ވިސްނުމާއި ތަޖުރިބާގެ އަލީގައި ހިންގާ ޕެނަލް ޑިސްކަޝަންތަކެކެވެ.

ފުލުހުންނާ ގުޅޭގޮތުން ގިނަ އަހަރުތަކެއްވަންދެން ޢަމަލުކުރަމުން އައި ގާނޫނު އުވާލައި، ރައްޔިތުންގެ މަޖިލީހުން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ނަމުގައި ފުލުހުންނާގުޅޭ ގޮތުން އައު ގާނޫނެއް އެކުލަވާލާފައެވެ. ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރަންސް ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް